ލޯންޗު ބަންޑުން ޖަހާލުން: އަނިޔާވި މީހާ އެމަޖެންސީން ވޯޑަށް ބަދަލުކޮށްފި

ރާޅުގަނޑު ސަރަހައްދު ކައިރިއަށް ލޯންޗެއް ބަންޑުން ޖަހާލައި، ކޯސްޓްގާޑުން ހަރަކާތްތެރިވަނީ: އަނިޔާވި މީހާ ވަނީ އެމަޖެންސީން ވޯޑަށް ބަދަލުކޮށްފައި ----- ފޮޓޯ/ އެމްއެންޑީއެފް

އިއްޔެ ހަވީރު ރާޅުގަނޑު ސަރަހައްދު ކައިރިއަށް ލޯންޗެއް ބަންޑުން ޖާހަލި ހާދިސާގައި އަނިޔާވި މީހާ އައިޖީއެމްއެޗް ހޮސްޕިޓަލުގެ އެމަޖެންސީން ވޯޑަށް ބަދަލުކޮށްފިއެވެ.

އެ ހާދިސާގައި ދެ ބިދޭސީންނަށް އަނިޔާވެފައި ވާއިރު، އެކަކަށް އަންނަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އިއްޔެ އޭނާއަށް ފަރުވާ ދޭން ފެށީ އެމަޖެންސީގައެވެ.

މިހާރު އޭނާގެ ހާލަތާ ގުޅިގެން، މިއަދު 'ސަން'އިން ސުވާލު ކުރުމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މީހާއަށް މިހާރު ފަރުވާ ދެމުން އަންނަނީ އެ ހޮސްޕިޓަލުގެ ވޯޑުގައި ކަމަށް ބުނެފައެވެ. އަދި، އެމީހާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް އޮފިޝަލް ވަނީ މައުލޫމާތު ދެއްވާފައެވެ.

ނަމަވެސް، އޭނާއަށް ލިބުނު އަނިޔާގެ ތަފުސީލެއް ހޮސްޕިޓަލުން ހާމައެއް ނުކުރެއެވެ.

މީގެކުރިން، އެމްއެންޑީއެފުން ބުނީ، އެ ހާދިސާ ހިނގި އިރު، ލޯންޗުގައި ތިބީ ދެ ދިވެހިންނާއި ދެ ބިދޭސީން ކަމަށެވެ. އަދި އެ ހަތަރު މީހުން ވެސް ސަލާމަތްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

https://sun.mv/196345

މީގެއިތުރުން، ބަންޑުން ޖަހާލި ލޯންޗުގެ ވެރިފަރާތުން މިހާރު ވަނީ ދޯންޏެއްގައި ކަފު ޖަހައިގެން އެ ލޯންޗު ގެންގޮސްފައެވެ.

ކަނޑުގަދަވާ ވަގުތުތަކުގައި، ކަނޑުމަތީގައި ކުޑަ އުޅަނދުތައް ބަންޑުންޖެހުމުގެ ހާދިސާތައް ބައެއް ފަހަރު ހިނގައެވެ. އެހެންކަމުން، މޫސުން ގޯސްނަމަ މެޓު އޮފީހުން ނެރޭ ސަމާލުތަކަށް އިޖާބަ ދިނުމަށް ހުރިހާ އިދާރާތަކުން ވެސް އިލްތިމާސް ކުރެއެވެ.

comment ކޮމެންޓް