ލޯންޗު ބަންޑުން ޖަހާލި ހާދިސާ: އަނިޔާވި އެކަކަށް އެމަޖެންސީގައި ފަރުވާ ދެނީ

ރާޅުގަނޑު ސަރަހައްދު ކައިރިއަށް ލޯންޗެއް ބަންޑުން ޖަހާލައި، ކޯސްޓްގާޑުން ހަރަކާތްތެރިވަނީ: އަނިޔާވި އެކަކަށް އައިޖީއެމްއެޗްގެ އެމަޖެންސީގައި އަންނަނީ ފަރުވާ ދެމުން ----- ފޮޓޯ/އެމްއެންޑީއެފް

މިއަދު ހަވީރު ރާޅުގަނޑު ސަރަހައްދުން ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗުގެ އެމަޖެންސީގައި ފަރުވާ ދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، މިއަދު ހަވީރު ހިނގި އެ ހާދިސާގައި ލޯންޗުގައި ދެ ދިވެހިންނާއި ދެ ބިދޭސީން ތިބި ކަމަށާއި އެ ހަތަރު މީހުން ވެސް ސަލާމަތްކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން ދެ މީހަކަށް ކުދި އަނިޔާތައްވި ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެ ހަތަރު މީހުން ސަލާމަތްކުރީ ފުލުހުން ކަމަށްވާއިރު، ފުލުހުން ވަނީ އެ ހާދިސާގައި އަނިޔާވީ ދެ ބިދޭސީންނަށް ކަމަށް ބުނެފައެވެ.

އެކަމާ ގުޅުވައި، 'ސަން' އިން ސުވާލުކުރުމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި އަނިޔާވި އެކަކަށް ފަރުވާ ދިނުމަށް މިއަދު އެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އޭނާއަށް ފަރުވާ ދެނީ އެމާޖެންސީގައި ކަމަށެވެ.

https://sun.mv/196331

އެމްއެންޑީއެފުން ވަނީ، އެ ލޯންޗުގެ ވެރިފަރާތުން ދޯންޏެއްގައި ލޯންޗު ކަފު ޖަހައިގެން ގެންގޮސްފައިވާ ކަމަށް ބުނެފައެވެ.

ކަނޑުގަދަވާ ވަގުތުތަކުގައި، ކަނޑުމަތީގައި ކުޑަ އުޅަނދުތައް ބަންޑުންޖެހުމުގެ ހާދިސާތައް ބައެއް ފަހަރު ހިނގައެވެ. ނަމަވެސް މެޓް އޮފީހުން އާންމުކޮށްފައިވާ މައުލޫމާތުން ދައްކާ ގޮތުގައި މިއަދަކީ ކަނޑުގަދަ ދުވަހެއް ނޫނެވެ.

މެޓް އޮފީހުން ބުނެފައިވާ ގޮތުގައި، މާދަމާ ހެނދުނު 6:00ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ.

comment ކޮމެންޓް