މިދިޔަ ޖުލައިމަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިންގި އެކްސިޑެންޓުގައި ކާރު ދުއްވަން އިން އިބުރާހިމް އިކުރާމުގެ ބަންދަށް މިއަދު ކްރިމިނަލް ކޯޓުން ތިން ދުވަސް ޖަހައިފިއެވެ.
އިކުރާމު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ގޯސްކޮށް ކުރި އަމުރު އޭނާ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން މިދިޔަ އާދިއްތަ ދުވަހު ވަނީ އޭނާ ދޫކޮށްލާފައެވެ.
އިކްރާމް މައްސަލަ އިސްތިއުނާފު ކުރީ އޭނާގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ ގާނޫނީ ވަކީލެއް ނެތި ކަމަށް ބުނެއެވެ.
ނަމަވެސް، އެރޭ ކޯޓުއަމުރެއްގެ ދަށުން އޭނާ ވަނީ އަލުން ހައްޔަރުކޮށްފައެވެ.
އޭނާ ބަންދުން ދޫކުރުމާ ގުޅިގެން ގިނަ އަދަދެއްގެ އާންމުން ނުރުހުން ފާޅުކުރުމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ އެ ކަމުގައި ފުލުހުން އަމަލުކުރި ގޮތް ބަލައި، އަލުން އޭނާ ބަންދުކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް ވިދާޅުވެފައެވެ.
އިހުސާން ވިދާޅުވީ، އެކަން ހިނގި ގޮތް ތަހުގީގުކޮށް އިހުމާލެއް ވެފައިވާނަމަ އެމީހަކަށް ނުވަތަ ބަޔަކަށް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
މި މައްސަލައިގައި އިކުރާމާއެކު ހައްޔަރުކުރީ، އިކުރާމުއްރަހްމާނާއި ޖިނާހް އިސްމާއީލެވެ. އެ ދެމީހުންގެ ތެރެއިން އިކުރާމުއްރަހްމާން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އަދި ޖިނާހުގެ ބަންދަށް ޖެހީ 15 ދުވަހެވެ.
އެކްސިޑެންޓު ހިނގުމާއެކު އެދުވަހު އިކުރާމު ވަނީ ފިލާފައެވެ. އަދި އޭގެ އަނެއްދުވަހު ހައްޔަރުކޮށް މުއްދަތުގެ މަޖިލީހަށް ހާޒިރުކުރުމުން އޭނާ ބުނީ، އެކްސިޑެންޓުގެ ސަބަބުން އޭނާގެ މެއަށް ވަރަށް ބޮޑަށް ތަދުވެފައި ވާކަމަށެވެ. އެހެންކަމުން އޭނާ އެކްސިޑެންޓުވި ސީންގައި އިރުގަނޑަކު ހުރެފައި ދިޔައީކަމަށް އޭނާ ބުނެފައި ވެއެވެ.
ނަމަވެސް، އެކްސިޑެންޓުވުމާއި އަނިޔާވި މީހާ އެމްބިއުލާންސަށް އެރުވުމާ ދޭތެރޭ ހިނގީ 10ވަރަކަށް މިނިޓުކަމުން އެދެމެދުގައި ގިނަ އިރުތަކެއް ނަގާނެކަމަށް ނުބެލެވޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އިކްރާމް ބުނީ، އޭނާގެ ދެ ދަރިން ހުންނަ ކަމަށެވެ. އެހެންކަމުން އޭނާގެ ބަންދަށް ލުޔެއް ދިނުމަށް އޭނާ ވަނީ އެދިފައެވެ.
މި އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވަން އިން މީހާއަށެވެ. އޭނާއަށް މިވަގުތު ފަރުވާ ދެނީ އައިޖީއެމްއެޗުގެ ވޯޑުގައެވެ. އެކްސިޑެންޓުގައި އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތެރޭގައި ގައިގެ ތަންތަން މަށައިގެން ގޮސް މޫނުމަތީގެ ކަށިތައް ބިނދިފައިވުން ހިމެނެއެވެ.
އެއީ އުމުރުން 27 އަހަރުގެ ޒުވާން ފިރިހެނެކެވެ.
އެ އެކްސިޑެންޓުގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު، ވީޑިއޯއިން ފެންނަނީ ޒުވާނާ ސައިކަލު މަތީގައި އިންދާ އެހެން މަގަކުން ނުކުމެގެން އަންނަ ކާރެއް ކޮންޓްރޯލުން ނެއްޓިގެންގޮސް ސައިކަލުގައި ޖެހޭ މަންޒަރެވެ.
އެ ކާރު ގޮސް ސައިކަލުގައި ޖެހުމުން ސައިކަލުގައި އިން މީހާ ދިޔައީ ވިއްސައިގެންނެވެ. ކާރުގެ ސްޕީޑުގެ ބާރުކަން އެނގެނީ ގަހުގައި ޖެހި ގަސް ވެސް ބިންދައިގެން ދިއުމުންނެވެ.