އެފްއޭއެމުން އެސްޓީއޯއަށް 1.5 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމްކޮށްފި

މުބާރާތެއް ބާއްވަން ކަމަށްބުނެ އެސްޓީއޯއިން 1.5 މިލިއަން ރުފިޔާގެ ސްޕޮންސާޝިޕް ހޯދުމަށް ފަހު އެފްއޭއެމުން އެ މުބާރާތެއް ނުބޭއްވި -- ސަން ފޮޓޯ/ އަހްމަދު ސައީދު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އެސްޓީއޯއަށް 1.5 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.

އެފްއޭއެމްއިން ކުރިޔަށް ގެންދިޔަ ދިވެހި ލީގުގެ ބައެއްގެ ގޮތުގައި ރާއްޖޭގެ ދެކުނުގެ ސަރަހައްދުގައި "އެސްޓީއޯ ސައުތު ލީގު" ފުޓުބޯޅަ މުބާރާތް ބޭއްވުމަށް އެފްއޭއެމްއާއި އެސްޓީއޯއާ ދެމެދު ވަނި 2022ވަނަ އަހަރުގެ 18 އޮކްޓޫބަރުގައި އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ވަނީ ސްޕޮންސާޝިޕް ފީގެ ގޮތުގައި 1.5 މިލިއަން ރުފިޔާ އެފްއޭއެމަށް ދީފައެވެ.

މި މައްސަލައަކީ، އެ އެއްބަސްވުމުގައި ޝަރުތުކުރެވިފައިވާ ގޮތަށް އެފްއޭއެމްއިން އެ މުބާރާތް ބާއްވާފައިނުވާތީ، އެފްއޭއެމްގެ ކިބައިން އެ 1.5 މިލިއަން ރުފިޔާ ހޯދުމަށް އެސްޓީއޯގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ.

ކޯޓުން ބުނެފައިވަނީ މި މައްސަލައިގައި ދައުވާ ފޯމު ރައްދު ކުރެވިފައިނުވާތީ، ދައުވާ ފޯމާއި، އެއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާ ހަވާލުވުމަށް އެފްއޭއެމްގެ ފަރާތުން ކޯޓަށް ހާޒިރުވެފައިނުވާ ކަމަށެވެ. އެ ގޮތުން މި ޝަރީއަތް ކުރިއަށް ގެންގޮސްފައި ވަނީ އެފްއޭއެމްގެ ޣައިރު ހާޒިރުގައި، އެ އެސޯސިއޭޝަނުން ދައުވާއަށް އިންކާރު ކުރާ ކަމަށް ބަލައިގެންނެވެ.

މި 1.5 މިލިއަން ރުފިޔާގެ ސްޕޮންސަޝިޕަކީ ތިން ޕޭމަންޓަކަށް ބަހާލައިގެން ހަމަޖައްސައިދީފައިވާ ފައިސާ ކަމަށް އެސްޓީއޯގެ ފަރާތުން ކޯޓުގައި ބުނެފައިވެއެވެ. އެ ފައިސާ އެސްޓީއޯއިން ޖަމާކޮށްދިނީ އެއްބަސްވުމުގައި ބުނެފައިވާ އެކައުންޓަށެވެ. އެގޮތުން:

  1. 700،000 ރުފިޔާ ދީފައިވަނީ 23 އޮކްޓޫބަރު 2022ގައި
  2. 400،000 ރުފިޔާ ދީފައިވަނީ 28 ނޮވެންބަރު 2022ގައި
  3. 400،000 ރުފިޔާ ދީފައިވަނީ 29 ޑިސެންބަރު 2022ގައި

މި މައްސަލައިގައި އެސްޓީއޯއިން ޝަރީއަތުގައި އެދިފައިވަނީ ދައުވާ ފޯމާއެކު ހުށަހަޅާފައިވާ ހެކިތަކަށް އެކަނި ބެލުމަށް ފަހު، އެ ކުންފުނިން އެދިފައިވާ ގޮތަށް މައްސަލައިގެ ހުކުމް ކޮށްދިނުމަށެވެ.

އެސްޓީއޯއިން ކޯޓުގައި ބުނެފައިވަނީ އެފްއޭއެމުން އެ މުބާރާތް ފަށާނެ ކަމަށް ބުނީ 2022ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ހަތަރުވަނަ ދުވަހު ކަމަށެވެ. ނަމަވެސް އެ ތާރީޚު ފަހަނައަޅައި ދިޔައިރު ވެސް އެފްއޭއެމުން އެސްޓީއޯއަށް މުބާރާތް ފަށާނެ ތާރީޚެއް އަންގާފައިނުވާތީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު އެސްޓީއޯއިން އެފްއޭއެމަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެ މުބާރާތް ބާއްވާނެ ތާރީޚެއް ލިޔުމުން އެންގުމަށް އެސްޓީއޯގެ ސިޓީގައި އެދިފައިވީ ނަމަވެސް، އެ ސިޓީގެ ޖަވާބު އެފްއޭއެމުން ދީފައިނުވާ ކަމަށް އެސްޓީއޯއިން ކޯޓުގައި ބުނެފައިވެއެވެ.

ސްޕޮންސާޝިޕްގެ ގޮތުގައި އެސްޓީއޯއިން ދިން ފައިސާ އަނބުރައި ދެއްކުމަށް ޑިސެންބަރު މަހުގެ ހަވަނަ ދުވަހު އެފްއޭއެމަށް އަންގައި، އެސްޓީއޯއިން ވަނީ ޓާމިނޭޝަން ނޯޓިސް ވެސް ދީފައެވެ.

މި ކަންކަމަށް ބަލައި ސިވިލް ކޯޓުން ހުކުމް ކުރީ މި މަހުގެ 15ވަނަ ދުވަހުގެ ކުރިން އެފްއޭއެމުން އެސްޓީއޯއަށް ދައްކަންޖެހޭ 1.5 މިލިއަން ރުފިޔާ އެ ކޯޓަށް ދައްކައި ޚަލާސްކުރުމަށެވެ.

comment ކޮމެންޓް