ރަށްރަށުގައި ފެނަކައިން ޚިދުމަތް ހޯދައި މީހުންގެ އަދަދާއި އާބާދީއަށް ބަލައި ފެނަކަ ކޯޕަރޭޝަންގެ ބްރާންޗްތަކުގައި ރަށްރަށުގައި ތިބޭ މުވައްޒަފުންގެ އަދަދު ކަނޑައަޅާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ފެނަކައިގައި ތިބޭ މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގައި އިޚުތިޔާރާ އެކު، އެ ކުންފުނި އެސްޓީއޯގެ ދަށަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ.
މިދިޔަ ހަފުތާގައި 'ސަން'އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މުވައްޒަފުން އިތުރުވަމުން އަންނަ އިތުރުވުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ދިއްގަރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވީ، ރަށްރަށުގައި ތިބޭ ފެނަކަ މުވައްޒަފުންގެ އަދަދު ވަރަށް އަވަހަށް ކަނޑައަޅަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން، ރަށްރަށުގެ އާބާދީއާއި އެ ރަށްރަށުގައި ފެނަކައިން ޚިދުމަތް ހޯދާ މީހުންގެ އަދަދަށް ބެލުމަށް ފަހު ފޯމިއުލާއެއްގެ ތެރެއިން މުވައްޒަފުންގެ އަދަދު ކަނޑައަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި ވަރަށް އަވަހަށް ރަށްރަށުގެ ރައްޔިތުންގެ އަދަދަށާއި ކަސްޓަމަރުންގެ އަދަދަށް ރިއާޔަތްކޮށް، ހަމަޖެހޭ އުސޫލެއްގެ ދަށުން ރަށްރަށުގައި ތިބި އަދަދުތައް ފައިނަލްވެގެން ދާނެ،" މުވައްޒަފުންގެ އަދަދެއް ކަނޑައަޅާނެކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވިއެވެ.
މުވައްޒަފުންގެ އަދަދު ކަނޑައެޅުމުން އެ އަދަދަށްވުރެ އިތުރަށް މުވައްޒަފުންނެއް ނުނެގޭނެއެވެ.
އޭނާ ވިދާޅުވީ، މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގެ ސަބަބުން ބައެއް ރަށްރަށުގައި މުވައްޒަފުންގެ އަދަދު އިތުރުވުން ވެސް އެކަށިގެންވާ ކަމަށެވެ. އެކަމަކު، ކަނޑައެޅޭ ލިމިޓަށް ވުރެ ގިނަވާނަމަ މުވައްޒަފުން ވަކިކުރާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް، އިގުތިސާދު ފުޅާވެ، އިގުތިސާދީ ހަރަކާތްތައް އިތުރުވަމުން އަންނައިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިބޭ މުވައްޒަފުންގެ އަދަދު އިތުރުވުމަކީ މައްސަލައެއް ނޫން ކަމަށް ނާޒިމް ގަބޫލުކުރައްވައެވެ.
"އިގުތިސާދު ފުޅާވަންޏާ، އިގުތިސާދީ ހަރަކާތް އިތުރުވާކަމަށްވަންޏާ، މީހުންގެ އަދަދު ވެސް އިތުރުވާނެ،" އެއީ ގޯހެއް ނޫންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ނިމުމާ އެކު ވެސް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އަށް އިތުރު މުވައްޒަފުން ނަގަންޖެހޭނެ ކަމަށެވެ. އެގޮތުން، އެ ކަމަށް އެކަނި ވެސް އެ ކުންފުންޏަށް 1،600 އަށްވުރެ ގިނަ އިތުރު މުވައްޒަފުން ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެނގިފައި އޮތް ގޮތުގައި 1،600 އަށްވުރެ ގިނަ މުވައްޒަފުން އެމްއޭސީއެލަށް ވެސް ނަގަންޖެހޭ އާ ޓާމިނަލްގެ މަސައްކަތަށް. އޭވިއޭޝަން ކޮމާންޑަށް އެކަނި ވެސް 200 އަށްވުރެ ގިނަ މީހުން ނަގަންޖެހޭ،" ނާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ފަދަ އިގުތިސާދީ މަސައްކަތްތަކުގެ ތެރެއިން ކުންފުނިތަކަށް މުވައްޒަފުން އިތުރުވުމަކީ މައްސަލައެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން އާންމުކޮށްފައިވާ ކުއާޓާލީ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ސަރުކާރުން ޚަރަދު ކުރާ ކުންފުނިތަކުގައި ތިބީ 3،072 މުވައްޒަފުންނެވެ. އަދި، އަމިއްލައަށް ޚަރަދުތައް ބަލަހައްޓާ ދައުލަތުގެ ކުންފުނިތަކުގައި ތިބީ 27،314 މުވައްޒަފުންނެވެ.
މިހާރު ދައުލަތުގެ ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދު 33،284އަށް އަރައެވެ. އޭގެ ތެރޭގައި ހިމެނެނީ ސަރުކާރުން ޚަރަދު ކުރާ ކުންފުނިތަކުގައި ތިބި 4،219 މުވައްޒަފުންނާއި އަމިއްލައަށް ޚަރަދުތައް ބަލަހައްޓާ ކުންފުނިތަކުގެ 29،065 މުވައްޒަފުންނެވެ.
އެއީ، މިދިޔަ އަހަރާ އަޅައިބަލާއިރު 2،545ގެ އިތުރުވުމެކެވެ.
މިހާރު އެންމެ ގިނަ މުވައްޒަފުން ތިބީ، އަދި ފުރަތަމަ ތިން މަސް ތެރޭ އެންމެ ގިނައިން އާ މުވައްޒަފުން ނަގައިފައިވަނީ ވެމްކޯއަށެވެ. އެގޮތުން، އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު މިހާރު 2،262އަށް އަރާއިރު އެއީ މިދިޔަ އަހަރު ނިމުނުއިރު ތިބި މުވައްޒަފުންގެ އަދަދާ އަޅައިބަލާއިރު 528 މުވައްޒަފުން އިތުރު އަދަދެކެވެ.
ފާއިތުވި އަހަރުތަކުގައި ދައުލަތުގެ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން:
- 2019 ވަނަ އަހަރު ތިބީ 18,529 މުވައްޒަފުން
- 2020 ވަނަ އަހަރު ތިބީ 20,313 މުވައްޒަފުން
- 2021 ވަނަ އަހަރު ތިބީ 22,017 މުވައްޒަފުން
- 2022 ވަނަ އަހަރު ތިބީ 24,904 މުވައްޒަފުން