ރީޖަނަލް އެއާޕޯޓްސް، އެމްއޭސީއެލަށް; އެފްޑީސީ، އެޗްޑީސީގެ ދަށަށް ބަދަލުކުރަނީ

ރައީސް މުއިއްޒު: އެ މަނިކުފާނު ގެންދަވަނީ ސަރުކާރަށް ބަދަލުތަކެއް ގެންނަވަމުން -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ އިތުރު ހަ ކުންފުންޏެއް އެއްކޮށްލަން މިއަދުގެ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށް ވަޑައިގަތުމުގެ ކުރީގައި އާންމުކުރެއްވި ވީޑިއޯއެއްގައި ރައީސް ވިދާޅުވީ، މިއަދުގެ ވަޒީރުންގެ މަޖިލީހަށް އެޖެންޑާކޮށްފައިވާ ކަންކަމުގެ ތެރޭގައި ސަރުކާރު ކުންފުނިތައް ރިފޯމްކުރުމުގެ މަސައްކަތުގެ ތެރެއިން މުހިންމު ތިން ކަމެއް ހިމެނޭ ކަމަށެވެ. އެއީ:

  • ރީޖަނަލް އެއާޕޯޓް ކޮމްޕެނީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ދަށަށް ބަދަލުކުރަން މަޝްވަރާކުރުން
  • ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އެއްކުރަން މަޝްވަރާކުރުން
  • މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނާއި ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ)އާ އެއްކުރަން މަޝްވަރާކުރުން

މިހާރު އޮންނަ ގޮތުން ރީޖަނަލް އެއާޕޯޓްސްއަށް ވަކި ކުންފުންޏެއް އޮންނައިރު ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަން އެއާޕޯޓު ހިންގަނީ އެމްއޭސީއެލުންނެވެ. އަދި، އެޗްޑީސީ އޮތް ނަމަވެސް އެފްޑީސީން ވެސް އަންނަނީ ހުޅުމާލޭގައި ހައުސިންގެ މަސައްކަތް ކުރަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ހަފުތާގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ސަރުކާރުން ވަނީ އިންތިހާއަށް ދަރަނި ބޮޑުވެފައި އޮތް ފެނަކަ ކޯޕަރޭޝަން، ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯގެ ދަށަށް ބަދަލުކުރަން ނިންމައިފައެވެ.

މީގެ އިތުރުން، ރައީސް މުއިއްޒު ވިދާޅުވީ، އިގުތިސާދު ސިންދަފާތުކުރަން ބޭރުގެ ބައެއް ގައުމުތަކެކޭ އެއްގޮތަށް އިންވެސްޓާ ރެސިޑެންސީ ޕްރޮގްރާމެއް ތައާރަފުކުރަން ވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރަން ނިންމާފައިވާ ކަމަށެވެ.

https://sun.mv/195992

ދައުލަތަށް ބުރައަކަށް ވާގޮތަށް ހިންގަމުން އައި ސަރުކާރުގެ ބައެއް ކުންފުނިތައް ބޮޑެތި ކުންފުނިތަކުގެ ދަށަށް ބަދަލުކުރުމަކީ މި ސަރުކާރުގެ އިގުތިސާދީ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެއީ، އިގުތިސާދީ ދަތިތަކުން އަރައިގަތުމަށް ޚަރަދު ކުޑަކުރަން ކަނޑައެޅި ސިޔާސަތެކެވެ.

ޚަރަދު ކުޑަކޮށް، އާމްދަނީ އިތުރުކުރަން ސަރުކާރުން އަންނަނީ މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ.

އެގޮތުން، އާސަންދައާއި ސަބްސިޑީތައް ޓާގެޓުކުރާއިރު ޑޮލަރުން އާމްދަނީ ލިބޭ ކުންފިނިތަކުން ޑޮލަރުން ބައެއް ޓެކްސްތައް ދައްކަންޖެހޭ ގޮތަށް ގާނޫނަށް ބަދަލުގެންނަން ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގެ ބޭރުގެ ދަރަނި ބޮޑުވެ، ބައިނަލްއަގުވާމީ މާލީ ރޭޓިން އެޖެންސީ ފިޗުން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން 'ސީސީ'އަށް ދަށްކޮށްފައެވެ. އެކަމަކު، މާލީ އިސްލާހީ ފިޔަވަޅުތަކާ އެކު ރޭޓިން ރަނގަޅުވާނެ ކަމަށް މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް