މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގެ އިޚްތިޔާރާއެކު، ފެނަކަ އެސްޓީއޯގެ ދަށަށް

ކެބިނެޓް ބައްދަލުވުމެއް: ރައީސް ވަނީ ކެބިނެޓުގެ ލަފާގެ މަތިން، ފެނަކަ އެސްޓީއޯގެ ސަބްސިޑަރީއަކަށް ހަދަން ނިންމަވާފައި -- ފޮޓޯ: ރައީސް އޮފީސް

މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގެ އިޚްތިޔާރާއެކު، ފެނަކަ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް ހަމަޖެއްސެވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ، ފެނަކައިގެ ސައްތައިންސައްތަ ހިއްސާ، އެސްޓީއޯއިން ގަނެ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުގެ ރައީސް ނިންމަވައިފައިވާ ކަމަށެވެ.

ރައީސް އެގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުގައި ކަމަށް އެ އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތީން އެ ނިންމެވުން ނިންމެވީ ޔުޓިލިޓީ ސެކްޓަރު ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތް ރަނގަޅު ފެންވަރެއްގައި އެފިޝަންޓްކޮށް ފޯރުކޮށްދިނުމާއެކު، ފެނަކައިގެ ހިންގުން ހަރުދަނާކޮށް މާލީގޮތުން ބާރުވެރިކުރުމަށްޓަކައި ކަމަށެވެ.

އެ ބަދަލު ގެނައުމަށްޓަކައި، އެސްޓީއޯގެ އަސާސީ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، އެސްޓީއޯ ގްރޫޕްގައި އަމަލުކުރަމުން އަންނަ ގޮތަށް ގަވަނަންސް ހަރުދަނާކޮށް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކުންފުނީގެ ކަންކަން ތަރުތީބުކުރުމުގެ ފުރިހަމަ އިޚްތިޔާރު އެސްޓީއޯއަށް ދިނުމާއެކު ވިޔަފާރީގެ ހަރަކާތްތައް ސްޓްރީމްލައިންކުރުމާއި، ރަނގަޅު އުސޫލުތައް ތަންފީޒު ކުރުންފަދަ ކަންކަމުގެ އިޚުތިޔާރު އެސްޓީއޯއަށް ދިނުމަށް ނިންމައިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ހަމައެއާއެކު ފެނަކައިގެ މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގެ އިޚްތިޔާރު އެސްޓީއޯއަށް ދިނުމަށާއި، މިކަން ކުރާއިރު ސަރުކާރުގެ މައިގަނޑު ސިޔާސަތާ އެއްގޮތަށް، ވީވަރަކުން މުވައްޒަފުން ވަކިނުކޮށް، އެހެން ތަންތަނަށް މުވައްޒަފުން ބަދަލުކުރެވޭނެ ގޮތްތަކެއް ބެލުމަށް ކެބިނެޓުން ނިންމައިފައިވެއެވެ.

އަދި މި މަރުހަލާ ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ފިނޭންސް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު އަދި އެސްޓީއޯގެ ބޭފުޅުން ހިމެނޭ ކޮމިޓީއެއް އުފެއްދުމަށާއި، މި ބަދަލާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށާއި، މި ބަދަލު ގެނައުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތްތައް، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްގެންގޮސް، މި އަހަރުގެ ނިޔަލަށް، އެސްޓީއޯގެ ސައްތައިންސައްތަ ހިއްސާވާ ސަބްސިޑަރީ ކުންފުންޏަކަށް ފެނަކަ ބަދަލުކުރުމުގެ މަސައްކަތްތައް ނިންމުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ފެނާއި ނަރުދަމާއާއި ކަރަންޓުގެ ޚިދުމަތްދޭ، ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ތެރެއިން ފެނަކައަކީ ކޮރަޕްޝަނުގެ ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވާ ކުންފުންޏެކެވެ. އެގޮތުން ކޮންޓްރެކްޓު ދިނުމުގައި އާއި މުވައްޒަފުން ނެގުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމުގެ ތުހުމަތުކޮށް، އޭސީސީއަށް ވެސް މައްސަލަތަކެއް ހުށަޙަޅައިފައިވެއެވެ.

އޭގެ ތެރޭގައި، އިންތިޚާބުތަކާ ދިމާކޮށް މުވައްޒަފުން ނަގައި، އިންތިޚާބަށް ފަހު އެ މުވައްޒަފުން ވަކިކުރާ ކަމުގެ ތުހުމަތުތައް ފެންމަތިވެފައިވެއެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުނީގެ ހިންގުމާ ހަވާލުވެ ވަޑައިގެންނެވިއިރު، އެ ކުއާޓަރުގައި ލިބުނު ގެއްލުމުގެ އަދަދު ހުރީ 24.7 މިލިއަން ރުފިޔާގައި ކަމަށާއި ނަމަވެސް މި އަހަރުގެ ދެވަނަ ކުއާޓަރު ނިންމާލީ 7.4 މިލިއަން ރުފިޔާގެ ފައިދާއެއްގައި ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

https://sun.mv/195018

އޭނާ ވަނީ އަމާޒަކީ މިއަހަރު ނިމޭއިރު 25 މިލިއަން ރުފިޔާގެ ފައިދާއެއް ފެނަކައިން ހޯދުން ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

comment ކޮމެންޓް