މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރުގެ ކުންފުނިތަކަށް 2،000 އާ މުވައްޒަފުން ނަގައިފައިވާ ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން އާންމުކޮށްފައިވާ ކުއާޓާލީ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ސަރުކާރުން ޚަރަދު ކުރާ ކުންފުނިތަކުގައި ތިބީ 3،072 މުވައްޒަފުންނެވެ. އަދި އަމިއްލައަށް ޚަރަދުތައް ބަލަހައްޓާ ދައުލަތުގެ ކުންފުނިތަކުގައި ތިބީ 27،314 މުވައްޒަފުންނެވެ.
މިހާރު ދައުލަތުގެ ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދު 33،284އަށް އަރައެވެ. އޭގެ ތެރޭގައި ހިމެނެނީ ސަރުކާރުން ޚަރަދު ކުރާ ކުންފުނިތަކުގައި ތިބި 4،219 މުވައްޒަފުންނާއި އަމިއްލައަށް ޚަރަދުތައް ބަލަހައްޓާ ކުންފުނިތަކުގެ 29،065 މުވައްޒަފުންނެވެ.
އެއީ މިދިޔަ އަހަރާ އަޅައިބަލާއިރު 2،545ގެ އިތުރުވުމެކެވެ. މިހާރު އެންމެ ގިނަ މުވައްޒަފުން ތިބީ، އަދި ފުރަތަމަ ތިން މަސް ތެރޭ އެންމެ ގިނައިން އާ މުވައްޒަފުން ނަގައިފައިވަނީ ވެމްކޯއަށެވެ. އެގޮތުން އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު މިހާރު 2،262އަށް އަރާއިރު އެއީ މިދިޔަ އަހަރު ނިމުނުއިރު ތިބި މުވައްޒަފުންގެ އަދަދާ އަޅައިބަލާއިރު 528 މުވައްޒަފުން އިތުރު އަދަދެކެވެ.
ފާއިތުވި އަހަރުތަކުގައި ދައުލަތުގެ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު ވަނީ އިތުރުވެފައެވެ. މީގެ ކުރީ އަހަރުތަކުގައި އެސްއޯއީތަކުގައި ތިބި މުވައްޒަފުންގެ އަދަދުތަކަށް ބަލާއިރު:
- 2019: 18,529 މުވައްޒަފުން
- 2020: 20,313 މުވައްޒަފުން
- 2021: 22,017 މުވައްޒަފުން
- 2022: 24,904 މުވައްޒަފުން
އެ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅައިބަލާއިރު ދައުލަތުގެ ކުންފުނިތަކުގެ އާމްދަނީ ވަނީ ފަސް ޕަސެންޓު އިތުރުވެފައެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 13.09 ބިލިއަން ރުފިޔާއާއި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 13.74 ބިލިއަން ރުފިޔާއެވެ.
ނަމަވެސް، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅައިބަލާއިރު މި އަހަރު ކުންފުނިތަކުގެ ފައިދާ ވަނީ 20 ޕަސެންޓު ދަށްވެފައެވެ. އެއީ 2.1 ބިލިއަން ރުފިޔާއިން 1.69 ބިލިއަން ރުފިޔާއަށެވެ.
އެ ރިޕޯޓުގައިވަނީ، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރުގެ ބަޖެޓުން ކުންފުނިތަކަށް 1.33 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ބޮޑު ބައެއް ހިއްސާކުރަނީ ސަބްސިޑީތައް ކަމަށް ފާހަގަކޮށްފައެވެ.
ދައުލަތުގެ ކުންފުނިތަކުގެ ޚަރަދާއި ދަރަނި ބޮޑުވާއިރު، އާންމުކޮށް އިންތިޚާބުތަކާ ދިމާކޮށް މުވައްޒަފުން އިތުރު ކުރާ ކަމުގެ ތުހުމަތު ގިނަ ބަޔަކު ކުރެއެވެ.