ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތައާރަފް ކުރުމަށް ފުލް ޕްރޮޕޯސަލް ހުށަހަޅައިފި

އިކޮނޮމިކް މިނިސްޓަރު ސައީދު ޕޭޕަލްގެ ގްލޯބަލް މާކެޓިން ޑިޕާޓްމަންޓުގެ ރައީސްއާ ބައްދަލުކުރެއްވުމުގެ ތެރެއިން: ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތައާރަފް ކުރުމަށް ފުލް ޕްރޮޕޯޒްލް ހުށަހަޅައިފި --- ފޮޓޯ/ މިނިސްޓަރު ސައީދު

ރާއްޖެއަށް ޕޭޕަލް ތައާރަފްކުރުމަށް ފުލް ޕްރޮޕޯސަލްއެއް މީގެ ދެ ދުވަސް ކުރިން ޕޭޕަލްއަށް ހުށަހަޅާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ރޭ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދު މިފަދައިން ވިދާޅުވީ، ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައެވެ.

އެކަމާ ގުޅުން ހުރި އިތުރު ތަފްސީލު ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިހާރު އިންތިޒާރު ކުރަނީ ވަރަށް އަވަހަށް އެކަމާ ގުޅޭ އެއްބަސްވުމަކަށް އާދެވެނޭ ކަމަށެވެ. ނަމަވެސް، ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތައާރަފްކުރެވޭނެ ސީދާ ތާރީޚެއް މިނިސްޓަރު ވިދާޅުވެފައެއް ނުވެއެވެ.

ސީދާ އަޅުގަނޑު ނެތިން ދަންނަވާކަށް މިވެނި ދުވަހަކުއޭ ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފެއްޓޭނީ. އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ ޕޭޕަލް ރާއްޖެ އަށް ގެނެވޭނެ އަޅުގަނޑުމެންނަށް

މިދިޔަ މަހުގެ 22ގައި ޕޭޕަލް މެދުވެރިކޮށް ރާއްޖޭގެ އީކޮމާސް ވިޔަފާރިތަކަށް ފައިސާ ލިބުމުގައި ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް ޕޭޕަލްގެ ގްލޯބަލް މާކެޓިން ޑިޕާޓްމަންޓުގެ ރައީސް ސޫޒަން ކެރީއާ މަޝްވަރާކޮށްފައެވެ. އެކަން ފާހަގަކުރައްވައި، ސައީދު ވިދާޅުވީ، ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތައާރަފް ކުރުމުގައި އެމެރިކާގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.

https://sun.mv/195834

އެގޮތުން، އެންމެ ފަހުން މިނިސްޓަރު ވޮޝިންޓަންއަށް ކުރެއްވި ދަތުރުފުޅެއްގައި ޕޭޕަލްގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް އެމެރިކާ ސަރުކާރުގެ އިސްވެރިންގެ އެހީތެރިކަން ލިބުނު ކަމަށް ވިދާޅުވިއެވެ.

ސަރުކާރުން ޕޭޕަލްގެ އިސްވެރިންނާއެކު ކުރެއްވި މަޝްވަރާތަކުގެ ސަބަބުން ކުރިން ރާއްޖޭގެ މާކެޓާ ގުޅިގެން އޮޅުން ނުފިލާ ވަރަށް ގިނަ ކަންކަން އެ ބޭފުޅުންނަށް އޮޅުން ފިލިކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖެ މިހާރު އައިސްފައި އޮތް ހިސާބާއި ހާއްސަކޮށް ޑިޖިޓަލް ސްޕޭސްގެ ތަރައްގީއާއި މި ހުރިހާ އެއްޗަކަށް ބަލާއިރުގައި ވަރަށް ބޮޑު އެއްޗެއް އެ ބޭފުޅުންނަށް ވެސް ކުރިން އޮޅުން ނުފިލާ އެއްޗެހިތަކެއް އޮޅުން ފިލާ ދިޔަ

ޕޭޕަލް ހިމެނޭހެން ރާއްޖޭގައި އޮންލައިން ޕޭމަންޓް ސިސްޓަމްތައް ބޭނުން ކުރެވޭނެ ގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިމިދިޔަ ރިޔާސީ ކެމްޕޭން ތެރޭގައި ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅެކެވެ.

ޕޭޕަލްއަކީ އޮންލައިން ފައިސާ ޓްރާންސްފާތައް ބަލައިގަންނަ ގިނަ ޤައުމުތަކުގައި އޮންލައިން ޕޭމަންޓް ނިޒާމެއް ހިންގާ އެމެރިކާގެ ބައިނަލްއަޤްވާމީ ފައިނޭންޝަލް ޓެކްނޮލޮޖީ ކުންފުންޏެކެވެ. މިއީ ޗެކްތަކާއި މަނީ އޯޑަރުތައް ފަދަ އާންމު ކަރުދާސް އުސޫލުތަކުގެ ބަދަލުގައި ބޭނުންކުރެވޭ އިލެކްޓްރޯނިކް ވަސީލަތެކެވެ.

ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ނުލިބޭތީ އެ ކަމާ ގިނަ ޒުވާނުން އަބަދު ވެސް ކަންބޮޑުވުން ފާޅުކުރެއެވެ. އެ ކަންބޮޑުވުން އަބަދު ވެސް ލިބެމުންދާ ކަމަށް އެމްއެމްއޭއިން ވެސް ބުނެއެވެ.

comment ކޮމެންޓް