ރައީސްގެ ވައުދު ފޮތުގެ ވައުދަށްވުރެ 10 މަހުގެ ކޮރަޕްޝަން ގިނަވާނެ: ޔާމީން

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ޕީއެންއެފްގެ ޖަލްސާގައި: ރައީސް މުއިއްޒުގެ ވައުދު ފޮތުގެ ވައުދަށްވުރެ 10 މަހުގެ ކޮރަޕްޝަން ގިނަވާނެ ކަމަށް އެމަނިކުފާނު މިރޭ ވިދާޅުވެއްޖެއެވެ. -- ސަން ފޮޓޯ/ މޫސާ ނަދީމް

ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދު ފޮތުގައި ހުރި ވައުދުތަކަށްވުރެ، ފާއިތުވީ 10 މަސް ދުވަހު ހިންގާފައި ހުރި ކޮރަޕްޝަންގެ އަމަލުތައް ގިނަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ މިރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެ ޖަލްސާގައި އެމަނިކުފާނާއި، ޕާޓީގެ އިސް ބޭފުޅުން ވަނީ މި ސަރުކާރުން ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް ހިންގާ ކަމުގެ ތުހުމަތުކުރައްވާފައެވެ.

ޔާމީން ވަނީ މިއަދު އިހަވަންދިއްޕޮޅުގައި ފެށި ބަންކަރިންގެ ޚިދުމަތުގެ ތެރެއިން ރާއްޖޭގެ ޕޯޓުތައް މި ސަރުކާރުން ވިއްކާލަން އުޅޭކަމުގެ ތުހުމަތުކުރައްވާފައެވެ. އެގޮތުން ތަރައްގީކުރުމަށް ޓަކައޭ ވިދާޅުވެ މި ސަރުކާރުން 'ކަޓު' ނަގައިގެން ޕޯޓުތައް ވިއްކާ ކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވިއެވެ.

ރާއްޖޭގައި ބަންކަރިންގެ ޚިދުމަތްކުރުމަށް އެސްޓީއޯއާއެކު އެއްބަސްވެފައިވަނީ ހަކަތައިގެ ވިޔަފާރިކުރާ ބައިނަލްއަޤުވާމީ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ވިޓޯލް ގްރޫޕުންނެވެ.

ޔާމީން ވިދާޅުވީ ބަންކަރިންގެ ޚިދުމަތުން ލިބޭ ފައިސާ ލިބެނީ ތެލުގެ އޯނަރު ކުންފުންޏަށް ކަމަށެވެ. އެހެންކަމުން ބަންކަރިންއިން ފޯރުކޮށްދޭ ތެލުގެ އޯނަރު ކުންފުންޏަކީ ވިޓޯލް ކަމަށާއި އޭގެން ރާއްޖެއަށް ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިސާލަކަށް އެމީހުންގެ [ވިޓޯލްގެ] އަމިއްލަ ތެލުން މި ލިބެނީ 200 މިލިއަން. ވިޓޯލް މި ވިއްކަނީ ވިޓޯލް ތެޔޮ. އޭގެ ތެރެއިން ކުޑަކުޑަ ނިސްބަތެކޭ ދިވެހިރާއްޖެއަށް މި ލިބެނީ. އޭގެ 95 ޕަސެންޓު ނަގާނީ އެމީހުން،" ޔާމީން ވިދާޅުވިއެވެ.

އެހެންކަމުން އެކަމަކީ ވެސް ރާއްޖެއަށް އެއްވެސް ފައިދާއެއް ނުވާނެ ކަމެއްގެ ގޮތުގައި ޔާމީން ވަނީ ސިފަކުރައްވާފައެވެ.

ހަމައެއާއެކު ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) މައްސަލައިގައި ދޮގު ބަޔާން ދިންކަމަށް ބުނެ ރައީސް މުއިއްޒުގެ މައްސަލަ އެމްޑީޕީ ސަރުކާރުން ވެސް އެއްވެސް ވަރަކަށް ބަލާފައި ނުވާ ކަމަށާއި މިހާރު ރައީސް މުއިއްޒުގެ ވެރިކަމެއްގައި އަމުދުން އެ މައްސަލަ ނުބަލާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

"މިއީ ނޫންތޯ ބަލަންވީ ކޮރަޕްޝަންގެ މައްސަލަ،" ޔާމީން ވިދާޅުވިއެވެ.

އޭގެ ބަދަލުގައި އެމަނިކުފާނުގެ އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލަ ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

އެފަދަ ކިތަންމެ ކަންކަމެއް މި ސަރުކާރުން ކުރާކަމަށާއި، ކޮރަޕްޝަންގެ އަމަލުތައް ވެސް ފާއިތުވީ 10 މަސްދުވަހުގެ ތެރޭ އިތުރުވެފައިވާކަމަށް ޕިއެންއެފްގެ އިސްވެރިން ވަނީ ތުހުމަތުކުރައްވާފައެވެ.

އެކަމަށް ތާއީދުކުރައްވާ ޔާމީން ވެސް ވަނީ ރައީސް މުއިއްޒުގެ ވައުދު ފޮތަށް ވުރެ އެ މުއްދަތުގައި މި ސަރުކާރުން ކޮރަޕްޝަން ހިންގާފައިވާކަމަށް ވިދާޅުވެފައެވެ.

"އޭގެ އެހުރި ވައުދުތަކަށްވުރެ ކޮރަޕްޝަންގެ އަމަލުތައް ގިނަވާނެއޭތޯ ތި ވިދާޅުވަނީ މި 10 މަސްތެރޭގަ؟ އާދެ! ގިނަވާނެ،" ޔާމީން ވިދާޅުވިއެވެ.

comment ކޮމެންޓް