''ލޯބިވެރިޔާ ރަހީނުކުރީ އަބަދު ޚަރަދު ނުކުރެވޭނޭ ބުނީމާ''

ރޭ މުޅި މާލެ ސިއްސުވައިލި ހާދިސާ: އެ އަންހެން ކުއްޖާ ރަހީނުކުރީ ފައިސާ ދޭން ދެކޮޅު ހެދުމުން -- ފޮޓޯ/ އެމްވީ ކްރައިސިސް

މާލޭގެ މަގެއްގެ މެދުގައި އާދަމް އަތުހަރު، ހެޕީލޭންޑް، ށ. މިލަންދޫ ހުރީ އޭނާގެ ލޯބިވެރިޔާ ރަހީނުކޮށްގެންނެވެ. އަންހެން ކުއްޖާގެ ކަރުގައި ހުރީ ވަޅި ޖައްސައިފައެވެ. ވަށައިގެން ފުލުހުން އޭރު ވެސް ނެގޯޝިއޭޓުކުރަމުން ދިޔައެވެ. އެ ހާދިސާގެ ވީޑިއޯއާއިން އެތައް ބަޔަކަށް ސިހުން ގެނުވިއެވެ.

އެއީ ރޭ މާލޭގެ ހަލަބޮލި މަގުމަތީގައި ހިނގި ނުރައްކާތެރި ހާދިސާއެވެ. މީގެ ކުރިން ނުފެންނަ ޒާތުގެ ކަމެކެވެ.

މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ކަން ހިނގާދިޔަ ގޮތް، ކުޑަކޮށް ފުސްކޮށް އެކަމަކު ސާފުކޮށް ފެނެއެވެ. އަންހެން ކުއްޖާ ސައިކަލުގެ ކުރީގައި ބައިންދައިގެން އަތުހަރު އިނީ ފަހަތުގައި ވަޅި ހިފައިގެންނެވެ. އަންހެން ކުއްޖާގެ ކަރުގައި ވަޅި ޖައްސައިގެން ހުރެ އަތުހަރު ދިޔައީ ފުލުހުންނާ ވާހަކަދައްކަމުންނެވެ.

ފުލުހުން މަގުދެއްކުމުން އަތުހަރު މަސައްކަތްކުރީ ސައިކަލުގައި އަންހެން ކުއްޖާއާ އެކު ނައްޓާލާށެވެ.

އަންހެން ކުއްޖާ ރަހީނުކޮށްގެން ސައިކަލުގައި ދަނިކޮށް އަތުހަރަށް ފުލުހުން ހަމަލާ ދެނީ -- ފޮޓޯ/ އެމްވީ ކްރައިސިސް

އެކަމަކު، ސައިކަލު މަޑުކޮށްލި ވަގުތު ފުލުހުން ތިބީ ހުޝިޔާރުވެގެންނެވެ. މުގުރުން އަތުހަރުގެ ބޮލަށް ހަމަލާ ދީފައި އަންހެން ކުއްޖާ ސަލާމަތްކުރީ މާ ބޮޑު އަނިޔާއެއް ނުވެއެވެ.

ހާދިސާގެ މައުލޫމާތު އެނގޭ މީހަކު 'ސަން'އަށް ބުނި ގޮތުގައި އަތުހަރަކީ މާކަނޑޫދޫ މީހެކެވެ. އެ ރަށު މީހުން ށ. ފުނަދޫއާއި މިލަންދޫއަށް ބަދަލުކުރީއިރު އެ އާއިލާ ބަދަލުވީ ފޮނަދޫއަށެވެ. އޭނާ ބުނިގޮތުގައި އަތުހަރަކީ ކުޑައިރުން ފެށިގެން ވެސް ކުށުގެ ވެށީގައި އުޅެމުން އައި މީހެކެވެ.

އެނގިފައިވާ ގޮތުގައި އޭނާއަށް މަސްތުވާތަކެތީގެ މައްސަލައެއްގައި ފުރަތަމަ އައީ ފަރުވާގެ ހުކުމެކެވެ. އެކަމަކު، ފަރުވާ ފުރިހަމަ ނުކޮށްގެން ފަހުން ޖަލު އަދަބެއް އައީއެވެ. އެހެންވެ، އޭނާ ޖަލުގައި ހުއްޓައި، ޖަލުން މިނިވަންވީ މިދިޔަ ސަރުކާރުގެ ފަހު ކޮޅު ރައީސް ދެއްވައި އަފޫއާމް ލިބުމުންނެވެ.

އޭނާ މިނިވަންވުމަށް ފަހު، އާއިލީ ގުޅުން އޮންނަ މީހަކު ރައްޔިތުންގެ މަޖިލީހަށް ވާދަކުރާތީ، އަތުހަރާއި އޭނާގެ އާއިލާ ވެސް މިލަންދޫގައި ރަޖިސްޓްރީވީއެވެ.

އެކަމަކު، އޭނާ ދިރިއުޅެމުން އައީ މާލޭގައެވެ. ރޭގެ ހާދިސާގެ ހަގީގަތް އެނގޭ މީހަކު ކިޔައިދިން ގޮތުގައި ރަހީނުކޮށްގެން ގެންގުޅުނީ އަތުހަރުގެ ލޯބިވެރިޔާއެވެ. ދެ މީހުން ދިރިއުޅެމުން އައި އެކީގައި، އެއް ގެއެއްގައެވެ. އަތުހަރަކީ ވަޒީފާއަކަށްދާ މީހެއް ނޫނެވެ.

އެހެންވެ، ގޭގެ ޚަރަދުތަކާއި ކުއްޔާއި އަދި އެ ނޫން ވެސް އަތުހަރުގެ ކަންކަމަށް ޚަރަދުކުރީ ލޯބިވެރިޔާއަށް ލިބޭ މުސާރައިން ކަމަށް ވެއެވެ.

އަހުމަދު އަތުހަރު: އޭނާއަކީ ޖަލަށްލާފައި ހުއްޓައި އަދަބު ލުއިކޮށްދީގެން މިނިވަންވި މީހެއް --

ދެ މީހުންގެ މެދުގައި ރޭ ފެށުނު ޒުވާބު ހޫނުވީ، ލޯބިވެރިޔާ އަތުހަރަށް ފައިސާ ދޭން ދެކޮޅު ހެދުމުންނެވެ. ޒިންމާދާރު ކަމެއް ނެތި އަތުހަރު ދިރިއުޅޭތީ އަބަދު ކުލި ދައްކައިދީގެން، އެ ނޫން ވެސް ކަންކަމަށް ޚަރަދުކޮށްގެން އުޅެން ބޭނުންނުވާ ކަމަށް ލޯބިވެރިޔާ ބުނި ހިސާބުން ކަމަށް މައުލޫމާތު އެނގޭ މީހަކު ކިޔައިދިނެވެ.

ޒުވާބު ހޫނުވެ، ލޯބިވެރިޔާ ރަހީނުކުރާ ހިސާބަށް ކަންތައްތައް ދިޔައީއެވެ. ފުލުހުން އެ ސަރަހައްދަށް ދިޔައިރު ވެސް އަތުހަރު ހުރީ ލޯބިވެރިޔާގެ ކަރުގައި ވަޅި ޖައްސައިގެންނެވެ. އޭނާ ދާން ބޭނުންވާ ހިސާބަށް ދެވޭތޯ މަސައްކަތްކުރީ ފުލުހުން ވެސް އަދި އެހެން މީހަކު ވެސް ކައިރިވެއްޖެ ނަމަ ލޯބިވެރިޔާ މަރައިލާނެ ކަމަށް ބުނެ، އިންޒާރު ދީގެންނެވެ.

https://sun.mv/196150

އެކަމަކު، ފުލުހުން ވަނީ އަތުހަރުގެ ބޮލަށް ހަމަލާދީ އަންހެން ކުއްޖާ ސަލާމަތްކޮށްފައެވެ.

މުގުރުން ބޮލުގައި ޖެހި ވަގުތު އަނިޔާވެގެން އަތުހަރަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނެވެ. އަންހެން ކުއްޖާ ސަލާމަތްކުރުމުގެ ތެރޭގައި އެ ކުއްޖާއަށް ވެސްް އަނިޔާވެގެން އައިޖީއެމްއެޗަށް ގެންދިޔައެވެ. އެކަމަކު، އެ ކުއްޖާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިހާރު ވެސް އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް