ސަލާންކުރުމުގެ އާދަ ފެތުރުމަށް އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވޭ -- ފޮޓޯ / ސޮޓޯ.ކޮމް

މީހުންގެތެރޭގައި ސަލާންކުރުމުގެ އާދަ ފެތުރުމަކީ އީމާންކަމުގެ އަލާމާތެކެވެ. އެއީ އިސްލާމްދީނުގެ ޝިޢާރުތައް ފާޅުކޮށް މުސްލިމުންގެ އަޚުވަންތަކަން ރަމްޒުކޮށްދޭ ދަލީލެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "އެފަރާތެއްގެ އަތްޕުޅުގައި ތިމަންކަލޭގެފާނުގެ ފުރާނަފުޅުވާ ފަރާތް (އެބަހީ ﷲ) ގަންދެއްވައި ވިދާޅުވަމެވެ. ތިޔަބައިމީހުން އީމާންވެއްޖައުމަށްދާންދެން ތިޔަބައިމީހުންނަކަށް ސުވަރުގެއަކަށް ނުވަދެވޭނެތެވެ. އަދި ތިޔަބައިމީހުން އެކަކުއަނެކަކަށް ލޯބިކޮށްފުމަށްދާންދެން ތިޔަބައިމީހުންގެ އީމާންކަން ފުރިހަމަނުވާހުއްޓެވެ. އެކަމެއްކޮށްފިނަމަ ތިޔަބައިމީހުންގެ މެދުގައި ލޯބި އުފެދޭނެކަމެއް ތިމަންކަލޭގެފާނު ވިދާޅުވެދެއްވަންހެއްޔެވެ؟ ފަހެ، ތިޔަބައިމީހުންގެ މެދުގައި ސަލާންކުރުމުގެ އާދަ ފަތުރާށެވެ!"(މުސްލިމު: 54)

މިޙަދީޘްފުޅުން އެނގޭގޮތުގައި، ސުވަރުގެއަށް ވަދެވޭނީ ހަމައެކަނި މުއުމިނުންނަށެވެ. އެއީ އީމާންކަމުގެ ރުކުންތައް ތެދުކޮށް ގަބޫލުކުރުމާއެކު އެއާ އެއްގޮތަށް ޢަމަލުކުރާ މީހުންނެވެ. އަދި މުއުމިނުން އެކަކު އަނެކަކުދެކެ ލޯބިވުމަކީ އީމާންކަން ފުރިހަމަވުމަށްޓަކައި ލާޒިމުކުރާ ޝަރުތެއްކަންވެސް ޙަދީޘުން އެނގެއެވެ. ސަލާމަތްކަމާއެކު ސުވަރުގެއަށް ވަދެވޭނެ ޢަމަލުތަކެއް ބަޔާންކޮށްދެއްވައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅުގައި، "މީސްތަކުންގެ މެދުގައި ސަލާންކުރުމުގެ އާދަ ފެތުރުން" ހިމަނުއްވާފައިވެއެވެ.(ތިރުމިޛީ: 2485)

ސަލާންކުރަންޖެހެނީ ހަމައެކަނި ތިމާ ދަންނަމީހުންނާ އެކަންޏެއްނޫނެވެ. އިސްލާމީ އަދަބުތަކުގެތެރެއިން އެންމެ ހެޔޮވެގެންވަނީ ކޮންކަމެއްތޯ ސުވާލު ދެންނެވުމުން، އެ ޢަމަލުތައް ބަޔާންކޮށްދެއްވިއިރު، "ދަންނަމީހުންނާއި އަދި ނުދަންނަ މީހުންނަށްވެސް ސަލާން ކުރުމުގެ" ވާހަކަ ގެންނަވާފައިވެއެވެ.(متفق عليه) ހަމަމިއާއެކު، އެއްމުސްލިމަކު އަނެއްމުސްލިމަކަށްޓަކައި އަދާކޮށްދޭންޖެހޭ ހައްގުތަކުގެތެރޭގައިވެސް "މުސްލިމު އަޚާއާ ބައްދަލުވުމުން އޭނާއަށް ސަލާން ގޮވުން" ހިމަނުއްވާފައިވެއެވެ.(ބުޚާރީ: 1240)

ސަލާންކުރުމުގެ ވާހަކަ ކީރިތި ޤުރުއާނުގައިވެސް އަންގަވާފައިވެއެވެ. އެއްވެސް ގެއަކަށް ވަންނަނަމަ އެ ގޭގެ އަހުލުވެރީންނަށް ސަލާން ގޮވަންޖެހޭނެކަން ބަޔާންކުރައްވައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގެތައް ނޫން އެހެން ގެތަކަށް އެ ގެތަކުގެ އަހުލުވެރިންނަށް ސަލާންކޮށް އިޒުނަ ލިބިގެންފުމަށްދާނދެން ނުވަންނާށެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ."(ނޫރު: 27)

މީގެއިތުރުން، އެމީހަކު ދިރިއުޅޭ ނުވަތަ އެމީހެއްގެ އަމިއްލަ ގެއަށް ވަނަސް ސަލާންގޮވަންޖެހޭނެކަމަށް އަންގަވައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "ފަހެ، ތިޔަބައިމީހުން ގޭގެއަށް ވަންނައިރު، اللَّه ގެ ހަޟުރަތުންވާ ބަރަކާތްތެރި ރަނގަޅު ސަލާމަކުން ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކަށް ތިޔަބައިމީހުން ސަލާންކުރާށެވެ!"(ނޫރު: 61) އަލްއިމާމުއްޠަބަރީ ވިދާޅުވާގޮތުގައި، މިއާޔަތުގައި އަންގަވާފައި އެވަނީ އެމީހެއްގެ އަމިއްލަ (ނުވަތަ އެމީހަކު ދިރިއުޅޭ) ގެއަށް ވަންނަހިނދުގައި އެ ގޭގައި ދިރިއުޅޭ މީހުންނަށް ސަލާން ގޮވަންޖެހޭނެ ވާހަކައެވެ. އައްސަޢުދީ ވިދާޅުވާގޮތުގައި، އެމީހަކު ދިރިއުޅޭ ގެއާއި އެހެންމީހުންގެ ގެތަށްވެސް މި ބަސްފުޅުގައި ހިމެނެއެވެ.

ﷲ ގެ ޙަޟުރަތުންވާ ބަރަކާތްތެރި ރަނގަޅު ސަލާމަކުން ސަލާންކުރުމަށް އަންގަވާފައިވާ ބަސްފުޅުގެ ތަފުސީލު ލިބެނީ ނަބަވީ ސުންނަތުންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަޖިލިހެއްގައި އިންނަވަނިކޮށް ތިންމީހަކު އައިސް ތިން ޞީޣާއަކުން އިތުރު އެކަލޭގެފާނަށް ސަލާން ދެންނެވިއެވެ. އޭގެތެރެއިން السلام عليكم އެވެ ގޮވައިލިމީހާއަށް ދިހަ އަޖުރު، السلام عليكم ورحمة الله އެވެ ގޮވައިލި މީހާއަށް ވިހި އަޖުރު އަދި السلام عليكم ورحمة الله وبركاته އެވެ ގޮވައިލި މީހާއަށް ތިރީސް އަޖުރު ލިބިއްޖެކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.(ތިރުމިޛީ: 2689) ވީމާ ސަލާމުގެ އެންމެ ރަނގަޅު ޞީޣާއަކީ السلام عليكم ورحمة الله وبركاته ކަން އެނގެއެވެ.

ސަލާން ގޮވައިލެވޭހިނދު އެއަށް ޖަވާބު ދިނުމުގައި ފުރިހަމަގޮތް އިޚުތިޔާރުކުރުމަށް އަންގަވައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "ތިޔަބައިމީހުންނަށް އެއްވެސްކަހަލަ ސަލާމަކުން ސަލާންކޮށްފިނަމަ، އެއަށްވުރެ ރިވެތި ސަލާމަކުން ތިޔަބައިމީހުން ސަލާންކުރާށެވެ! ނުވަތަ އެ ސަލާން ރައްދުކުރާށެވެ!"(ނިސާ: 86) ސަލާމަށް ޖަވާބުދިނުމުގައި؛ وعليكم السلام، وعليكم السلام ورحمة الله އަދި وعليكم السلام ورحمة الله وبركاته މި ތިންގޮތް ބޭނުންކުރެވެއެވެ. މީގެތެރެއިން އެންމެ މޮޅުއިތުރުވެގެންވަނީ އެންމެ ފަހުން ބުނި ޞީޣާއެވެ.

ކަންމިހެން އޮތްނަމަވެސް އެކަކު އަނެކަކާ ބައްދަލުވާހިނދު ސަލާންގޮވައިލުމުގެ ބަދަލުގައި ކިހިނެއްތޯ ނުވަތަ ކޮންތާކަށް ދަނީތޯ އަހައިލުންފަދަ ގޮތަކަށް ވާހަކަ ދައްކަންފަށާމީހުން ގިނައެވެ. މިއީވެސް ދިވެހީންގެ އާދަކާދައިގެތެރޭގައި ހިމެނޭ، ހިތްހެޔޮކަމާއި އަޚުވަންތަކަން ރަމްޒުކޮށްދޭ ބުނުންތަކެއްނަމަވެސް ދެމީހަކު ބައްދަލުވާއިރު، އިސްލާމްދީނުގެ ރިވެތި ސަލާމުން ސަލާން ގޮވައިލެވޭނަމަ މާބޮޑަށް ފުރިހަމަވެފައި ދަރުމަ އިތުވާނެއެވެ. އޭރުން ސަލާންކުރުމުން ލިބޭ ސަވާބާއެކު ސުންނަތަށް ޢަމަލުކުރުމުގެ އަޖުރުވެސް ލިބޭނެއެވެ. ހަމަ މިގޮތަށް، ޒަމާނީ މުވާސަލާތުގެ މަންސަތަކުގައި މެސެޖު ލިޔާއިރު "ސަލާމް" މިހެން ލިޔެލުމުގެ ބަދަލުގައި އެއަށްވުރެ ފުރިހަމަ ޢިބާރާތަކުން ލިޔެލައިގެން ގިނަ ސަވާބު ހޯދުމުގެ ފުރުސަތު އެބަ އޮތެވެ.

ސަލާން ގޮވުމާއި އެއަށް ޖަވާބު ދިނުމުގެ ކަންތައް އަހުރެމެންގެ މުޖުތަމައުގައި އެންމެ ރަނގަޅަށް ކުރިއަށް ދެއެކޭ ނުބުނެވޭނެއެވެ. ސަލާން ކުރުމުގެ އާދަ އެންމެ ބޮޑަށް ފެންނަ އެއްތަނަކީ މިސްކިތެވެ. އެތަނުގައިވެސް ހަމައެކަނި ދަންނަމީހުން އެކަކު އަނެކަކާ ސަލާންކޮށް އެނޫންމީހުންނާ ސަލާން ނުކުރާކަން ފާހަގަކުރެވެއެވެ. ތިމާގެ މިތުރަކު ބީރައްޓެއްސަކާއެކު ބައްދަލުވާހިނދުގައި، މިތުރާ އެކަނި ސަލާންކޮށްލާފައި އަނެއްމީހާއާ ސަލާންނުކުރާތާނގައި ހަތަރުކަޅިވެސް ހަމަކޮށްނުލާ މީހުންނާވެސް ދިމާވެއެވެ. ކިތަންމެ ބޮޑު ޢިލްމުވެރިއަކަށްވިޔަސް ނުވަތަ އިޙުތިރާމު ލިބިގެންވާ މީހަކަށްވިޔަސް އެގޮތަށް ކަންތައްކުރުމީ އިސްލާމްދީނުގެ މަންހަޖާ ޚިލާފު ގޯސް ކަމެކެވެ.
އެއްއޮފީހެއްގައި މަސައްކަތްކުރާ މީހުންވެސް ސަލާންކުރުމާއި ހިތްހެޔޮކަން ފާޅުކުރުމުގައި ބައިބަޔަށް ބެހިފައިވާ މަންޒަރު ފެންނާނެއެވެ. ވެރީން ސަލާންކުރަނީ ހަމައެކަނި ވެރީން ނުވަތަ މަތީ ލެވަލުތަކުގެ މީހުންނާ އެކަންޏެވެ. ދަށުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސަލާން ގޮވައިލާ އަނގައިން ބުނަން އުޒުރު ދެއްކުމަށްޓަކައި، އެއިން މީހަކު ފެންނައިރަށް ފޯނު ނަގައިގެން ފޯނާކުޅެން ފަށާ ވެރީންވެސް މަދެއްނޫނެވެ.

ނުދަންނަ މީހަކަށް ސަލާންގޮވައިލައިފިނަމަ ޖަވާބެއް ނުދީ ހައިރާންކަމާއެކު ބަލައިލާފައި ނުވަތަ ބޯ ޖަހައިލާފައި ދިއުންފަދަ ހާލަތްތަކާވެސް ދިމާވެއެވެ. ލިފްޓަކަށް އަރަމުން ސަލާން ގޮވައިލިޔަސް އެއަށް ޖަވާބެއް ލިބޭނީ ދާދި މަދު ފަހަރަކުއެވެ. ބައެއް ފަރާތްތަކަށް އެކަން އޮންނަގޮތް ނޭނގޭތީކަމަށްވެސް ވެދާނެއެވެ. އެމީހަކު ދިރިއުޅޭ ގެއަށް ވަންނަމުން ސަލާންކުރުންވެސް އެހައި އާއްމުކަމަކަށް ފާހަގައެއް ނުކުރެވެއެވެ. ސަލާންކުރުމަށާއި އެ އާދަ ފެތުރުމަށް ޤުރުއާނާއި ނަބަވީ ބަސްފުޅުތަކުގައި ވަރަށް ބޮޑަށް ބާރުއަޅުއްވައި އަންގަވާފައިވާއިރުވެސް މިކަމަށް ސަމާލުކަން ދޭމީހުން އަހުރެމެންގެތެރޭގައި ވަރަށް މަދުކަމުގައި ބުނެވިދާނެއެވެ.

ސަލާންކުރުމުގެ އާދަ ފެތުރި އާއްމުވެއްޖެނަމަ މުޖުތަމައުގައި ލޯތްބާއި އަމާންކަން ގާއިމުވާނެއެވެ. ކޮންމެ މީހެއްގެ ފަރާތުންވެސް އަނެކާއަށް ސަލާމަތްކަމާއި ރައްކާތެރިކަން އޮތްކަން ޔަގީންކުރެވޭނެއެވެ. އެކި ސަބަބުތަކާހުރެ ދޭދޭ މީހުންގެ ހިތުގައި އުފެދިފައިވާ ކިލަނބުކަން ފިލައި ގޮސް ހިތްހެޔޮކަމާއި އިސްލާމީ އަޚުވަންތަކަމުގެ އިހުސާސް އައުވެގެންދާނެއެވެ.

ވީމާ، އިސްލާމްދީނުގައި ނުރުހެވޭ ޢަމަލުތައްކަމުގައިވާ "ސަލާންޖެހުމާއި" ، "ނުބައި ކަމެއްކުރުމުގެ ނިޔަތުގައި" ސަލާންކުރުމުގެ ގޮތް ދޫކޮށްލައި، އިޚުލާސްތެރިކަމާއެކު ސަލާންކުރުމުގެ އާދަ ފަތުރަމާ ހިނގާށެވެ! ދިވެހި މުޖުތަމައުގައި އެކެއް އަނެކެއްގެ ފަރާތުން ހެޔޮކަމަށް އުއްމީދުކުރުން ނެތިގޮސްފައިވުމުން، ނުދަންނަ މީހަކު ސަލާން ގޮވައިލައިފިނަމަ އެމީހަކާމެދު "ޝައްކުގެ ނަޒަރުން" ބަލަންޖެހިފައިވާ ހާލަތު ބަދަލުކޮށްލަމާ ހިނގާށެވެ!

ގުޅޭ ޓެގު
comment ކޮމެންޓް