ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން 'ސީސީ'އަށް ބަދަލުކޮށްފި

މަގުމަތި: ފިޗުން ވަނި ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސްއިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން އަނެއްކާ ބަދަލުކޮށްފިއެވެ.

މިއީ މި އަހަރު ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރި ދެވަނަ ފަހަރެވެ. އެގޮތުން، ރާއްޖޭގެ ރޭޓިން ފިޗުން 'ސީސީސީ ޕްލަސް'އަށް ރޭޓިން ދަށްކުރީ މިދިޔަ ޖޫން މަހުއެވެ. އޭގެ ފަހުން މިއަދު އެ އެޖެންސީން ވަނީ ރޭޓިން 'ސީސީ'އަށް ދަށްކޮށްފައެވެ.

ފިޗުގެ ރިޕޯޓުގައި ވާގޮތުން، މި އަހަރުގެ މޭ މަހު 492 މިލިއަން ޑޮލަރުގައި ހުރި ރާއްޖޭގެ ޖުމުލަ ބޭރު ފައިސާގެ ރިޒާވް، މި އަހަރުގެ ޖުލައި މަހު ގާންގަނޑަކަށް 20 އިންސައްތަ ދަށަށް ގޮސް، 395 މިލިއަން ޑޮލަރަށް ވަނީ ދަށްވެފައެވެ.

ފިޗުން ވަނީ ރާއްޖޭގެ ބޭރުގެ ދަރަނި އަންނަ އަހަރު 557 މިލިއަން ޑޮލަރަށް އިތުރުވެ، އެ އަދަދު އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާކޮށްފައެވެ. އޭގެ ތެރޭގައި އަނބުރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކެއްވެސް ހިމެނެއެވެ.

ރާއްޖޭގެ އެތެރޭގެ ދަރަނި ބޮޑުވެފައިވާ ސަބަބުތައް ކަމަށް ފިޗުން ގާބޫލުކުރާ ސަބަބުތަކުގެ ތެރޭގައި، ސަރުކާރުގެ މަޝްރޫޢުތަކަށް ކުރާ ހޭދަ މަތިވުމާއި، ކާބޯތަކެއްޗާއި ތެލާއި އެހެނިހެން ތަކެތި އިމްޕޯޓްގެ މައްޗަށް ބަރޯސާވެފައި އޮތުމާއި އެކަމުގެ ސަބަބުން ޑޮލަރަށް ޑިމާންޑު ބޮޑުވުން ފާހާގަކޮށްފައިވެއެވެ.

https://sun.mv/193615

ފިޗްގެ ރިޕޯޓްގައި މިހާރުގެ މާލީ ހާލަތު ބަދަލުކުރުމަށް ރާއްޖެއަށް ކުރެވިދާނެ ކަންކަން ވެސް ފާހަގަކޮށްފައިވެއެވެ.

އެގޮތުން، ސްޓްރެޓެޖިކް ބައިލޭޓަރަލް ޕާޓްނަރުންނާ އެކު ޑޮލަރުގެ ބަދަލުގައި އެ ގައުމުތަކުގެ ފައިސާއިން މުއާމަލާތްކުރަން އެއްބަސްވުން ހެދުމަކީ ވެސް ބޭރުގެ މާލީއެހީ ރާއްޖެއަށް ލިބުމަށް މަގުފަހިވާނެ ކަމެއްކަމަށް ބުނެފައިވެއެވެ. ހަމައެއާ އެކު އިގުތިސާދު ހަމަ މަގަށް އެޅުވުމަށް ސަރުކާރުން ފިސްކަލް ސްޓްރެޓަޖީއެއް އެކުލަވައިލާ ތަންފީޒުކުރުމުން، ބޭރުގެ މާލީ އެހީ ލިބުމުގެ ފުރުސަތު ބޮޑުކަން ހާމަކޮށްފައިވެއެވެ.

"ފިޗް"އިން މިގޮތަށް ބުނިއިރު، މި މަސައްކަތްތައް ކުރަމުންދާކަން ސަރުކާރުންވަނީ ހާމަކޮށްފައެވެ.

މިގޮތުން، މެދު ރާސްތާގެ ފިސްކަލް އަދި ދަރަނީގެ ސްޓްރެޓެޖީ އެކަށައަޅައި މަޖިލީހަށް ހުށައަޅައި ތަންފީޒުކުރަން ފަށާފައިވެއެވެ. މީގެ އިތުރުން، އިންޑިއާ އަދި ޗައިނާއަށް އަދަކުރަންހުރި ލޯނުތައް ރޯލްއޯވާކޮށްދެމުންދާކަން ވެސް ހާމަކޮށްފައިވެއެވެ.

ފިޗުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް އަހަރު ވެސް ރާއްޖޭގެ ފޮރިން ރިޒާވް އޮންނާނީ ބޮޑު ހާސް ކަމެއްގެ ތެރޭގައެވެ.

"ފިޗް ރޭޓިންގްސް"އަކީ ދުނިޔޭގެ އެންމެ ބޮޑު ތިން ކްރެޑިޓް ރޭންކިން އެޖެންސީގެ ތެރެއިން އެއް އެޖެންސީއެވެ. ފިޗުން އެންމެ ފުރަތަމަ ރާއްޖެއަށް ކްރެޑިޓް ރޭޓިންއެއް ދިނީ 2016 ވަނަ އަހަރެވެ.

ކްރެޑިޓް ރޭޓިންއަކީ އިންވެސްޓަރުންނަށް އެ މީހުންގެ އިންވެސްޓުމެންޓުގެ ފައިދާ ނެގޭނެ މިންވަރާއި އެ ގައުމެއްގެ ދަރަނި އަދާކުރުމުގެ ގާބިލުކަން ހުރި މިންވަރު އަންދާޒާކުރެވޭ އިންޑިކޭޓަރެކެވެ. އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް ރަނގަޅު ކްރެޑިޓް ރޭޓިންއެއް މުހިއްމުވަނީ މި ސަބަބާހުރެއެވެ.

ކްރެޑިޓް ރޭޓިން ދަށްވުމަކީ އިންވެސްޓަރުންނަށް އޮތް ރިސްކު ބޮޑުކަން އަންގައިދޭ އިންޑިކޭޓާއެކެވެ. މިއީ ދަރަނި ބޮޑުވެ، ދަރަނި ނުދެއްކޭ ހާލަތަށް އިގުތިސާދު ގޮސްދާނެ ކަމަށް ބެލެވޭ އިންޒާރެކެވެ.

comment ކޮމެންޓް