ކޮލަމް: ކައިބޮއި ހަދާ ނުތާހިރު ތަކެއްޗާމެދު ވިސްނަން ނުވޭހެއްޔެވެ؟

އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ ރެއިޑެއްގެ ތެރެއިން: ކާބޯތަކެތި ތައްޔާރުކުރަމުންދާ ބައެއް ތަންތަން ހުންނަނީ ވަރަށް މުޑުދާރުކޮށް -- ފޮޓޯ/ އިމިގްރޭޝަން

ދިވެހިންނަކީ އާދަޔާ ޚިލާފު ބައެކެވެ. އެވަގުތެއްގައި މަސްރަހުގައި ދެކެވޭ ވާހަކަތައް ވަރަށް ޝައުގުވެރިކަމާއެކު އެ ހިނދަކު އަޑުއަހާ އެކަމާ މެދު އެދުވަސްވަރު ފިކުރުކުރާ ވެސް ބައެކެވެ. ޚާއްސަކޮށް ތިމާމެންނަށް އެ ކަމަކުން ގެއްލުމެއް ލިބިދާނެފަދަ ކަމެއްގެ ވާހަކަ ދެކެވޭނަމަ ނުވަތަ މުޖުތަމައުގައި ހުރި ނުރަގަޅު ކަމެއްގެ ވާހަކަ ދެކެވޭ ނަމަ އެ ދުވަސްވަރަކު އެ ކަމެއްގެ ވާހަކަ ވަރަށް ދައްކާނެއެވެ. އަދި އެ ކަމުން ތިމާ އާއި މުޖުތަމައު ސަލާމަތްކުރާނެ ގޮތުގެ ވާހަކަ ވެސް ދައްކާނެއެވެ. މިފަދަ ކަންކަން ދިރާސާކޮށް ނަތީޖާ ނެރެން ދިރާސާގެ ހައިޕޮތެސިސް ވެސް އެކުލަވާލާނެއެވެ. އެހެންނަމަވެސް ދެރަކަމަކީ މި ދެންނެވި ފަދަ ކަންކަން ކުޑަ ދުވަސްކޮޅެއްގެ ކަމަކަށްވާކަމެވެ. މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ފަރުދީ ފެންވަރުގައި އަޅާ ފިޔަވަޅުތައް ކުޑަހިނދުކޮޅަކަށް ނޫނީ ދެމިގެން ނުދާކަމެވެ. ކުރުކޮށް ދަންނަވާ ނަމަ އަވަހަށް ހަނދާން ނެތޭ ކަމެވެ.

ދިވެހިރާއްޖޭގައި މިއަދު އެންމެ ހަރުއަޑުން ދެކެވޭ އެއް ވާހަކައަކީ ބިދޭސީން ކައްކައި ތައްޔާރުކުރާ ކާބޯތަކެތީގެ ނުސާފުކަމުގެ ވާހަކައެވެ. އިންސާނުން ކެއުން އެކަށީގެންވާ މިންވަރަށް ވުރެ މާ ދަށް ފެންވަރެއްގައި އެ ފަދަ ތަކެތި ތައްޔާރުކޮށް ދިވެހީންނަށް އެ ތަކެތި ވިއްކާ ވާހަކައެވެ. މިފަދަ ތަކެތި ކައިހެދުމުން ނުރައްކާތެރި ބައްޔެއް ފެތުރިދާނެކަމުގެ ވާހަކައެވެ.

ކާބޯތަކެތީގެ ސާފުކަން ބަހައްޓަންޖެހޭ މިންވަރަށް ނުބެހެއްޓުމުގެ ސަބަބުން ދިމާވާ ނުރައްކާތެރި ހާލަތުތައް މަދުމަދުން ނަމަވެސް ދިވެހިރާއްޖޭގައި ދިވެހިން ތަޖުރިބާކޮށްފައި އެބަހުއްޓެވެ. ހަނދާނަށް ގެންނަވާށެވެ! މީގެ މަހެއްހާ ދުވަސްކުރިން އައްޑޫސިޓީގައި ތަމްރީނުހަދަމުން ދިޔަ ގިނަ ޢަދަދެއްގެ ފުލުހުންތަކަކަށް ފަރުވާދޭންޖެހުނެވެ. އެ ކަން މެދުވެރިވީ ކޮންކަމަކާ ގުޅިގެންކަން އަދި އޮތީ ތަހުގީގުކުރުމުގެ މަރުހަލާގައެވެ. ޢާންމު އުސޫލުން އެ ހާދިސާ ވެސް މިހާރު އޮތީ ދިވެހީންގެ ހަނދާނުން ނެތުމުގެ މަގުމަތީގައެވެ. މިނޫންވެސް މިފަދަ ހާދިސާތަކާއި ކާރިސާތައް ރާއްޖޭގައި ހިނގާފައި އެބަހުއްޓެވެ. މީގެ ތެރެއިންވެސް އެންމެ ނުރައްކާތެރި އަދި އެންމެ ބޮޑު ގެއްލުމެއް ލިބުނު ކާރިސާ އަކީ އޮނަވިސަތޭކަ ހަތްދިހައިގެ ފަހުކޮޅު ދިވެހިން ތަޖުރިބާކުރި ކޮލެރާގެ ވަބާއެވެ. މިދެންނެވި ޤައުމީ ކާރިސާ ނުވަތަ ކާބޯތަކެތީގެ ނުތާހިރުކަމާ ގުޅިގެން ދިވެހީން ތަހައްމަލުކުރި އެންމެ ނުރައްކާތެރި ބަލިކަމުގައިވާ ކޮލެރާގެ ވާހަކަ ތާރީޚު ފޮތަކުން ވެސް ފެންނަން އޮތްހެނެއް ހީއެއްނުވެއެވެ. މީ ޖީލުގެ ދިވެހީންނަށް އިބުރަތެއް ހާސިލުކުރެވޭނީ ވެސް އެވާހަކަ ދެކެވިގެންކަމުގައި އަޅުގަނޑު ގަބޫލުކުރަމެވެ.

މީގެ ސާޅީސް ހަ އަހަރު ކުރީން 1978 ވަނަ އަހަރު މާޗް މަހު ފަހުކޮޅު ހައްދުންމަތީ މާމެންދޫގައި ކޮލެރާ ފެތުރެމުންދާ ކަމަށް އެރަށުގައި ހުންނެވި ހެލްތު ވޯކަރ ހަސަން މޫސާ ޕަބްލިކް ހެލްތަށް އެންގެވިއެވެ. އެކަމަށް މާބޮޑު ފިޔަވަޅެއް ނޭޅިއޮތްވާ ލ. އަތޮޅުގެ އޭރު އަތޮޅުވެރިޔާ އޭރުގެ ހެލްތު މިނިސްޓަރ މޫމިނާ ޙަލީމްގެ ސަމާލުކަމަށް މިކަން ގެންނެވިއެވެ. އެއާއެކު އެންމެ ފުރަތަމަ ކަމަކަށް ހެލްތު މިނިސްޓަރ މޫމިނާ ހަލީމް ކުރެއްވި ކަމަކީ ކޮލެރާ ކޮންޓްރޯލް ކުރުމުގެ މަސައްކަތް އައްނަބީލް އަޙްމަދު އަލީ ދީދީ، ތުއްތޫ އަހަޙްމައިދީ (ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ގެ ބައްޕާފުޅު) އާއި ހަވާލު ކުރެއްވުމެވެ. އެދުވަހު އަހުމަދު އަލީ ދީދީ ޚާއްސަ ޓީމެއް މުލަކު އަތޮޅަށް ފޮނުއްވިއެވެ. މުޙައްމަދު އިސްމާޢީލް ފުޅުގެ ލީޑަރ ކަމުގެ ދަށުގައި ދިޔަ މިޓީމްގައި ހިމެނެނީ މަރްހޫމް ޢަބްދުﷲ ރަޝީދު އާއި ޒުބައިދާ އަލީއެވެ. އެބޭފުޅުންނަށް ދެވިފައިވާ އިރުޝާދަކީ މުލަކު އަތޮޅުގައި އޮތް "ގޯލްޑަން ރެއި" (ސަރުކާރުގެ ލޯންޗުކޮޅު) ގައި ތިއްބެވި ޑރ ހާމިދު ރަޝީދު އާއި މަރުޙޫމް އަބްދުالله ޖަމީލް (ކުރީގެ ހެލްތު މިނިސްޓަރެއް) އާއެކު މާމެންދޫއަށް ދިޔުމެވެ. ގޯލްޑަން ރޭ ގައި ހެލްތު ޓީމަށް މާމެންދޫ އަށް ދެވުނު އިރު އެރަށުން 6 މީހުން ވަނީ ކޮލެރާގައި ނިޔާވެފައެވެ. އެރަށުން ޓީމަށް ލިބުނު މައުލޫމާތުގައި ކޮލެރާ ފެތުރުނުކަމަށް ބެލެވޭ ދެ ގޮތެއް ވެއެވެ. އެއްގޮތަކީ ކުނިވެފައިވާ ގެރިއެއް ލެއްގުމުން އެ ގެރި ރަށުގައި ވަޅުލުމުން ފެން ތަޣައްޔަރުވުމުގެ ސަބަބުން ރަށުގައި ބަލި ފެތުރުމެވެ. އަނެއް ގޮތަކީ އެރަށު ބަނދަރުގައި އޮތް "ހޯކޯމާރޯ ބޯޓަކުން" (ޖަޕާނުގެ މަސްކިރާ ބޯޓަކުން) ރަށަށް ގެންދިޔަ ކާތަކެތި ކެއުމުން ބަލިޖެހުނުކަމެވެ. ފާހަގަކުރެވޭ ކަމަކީ ހޯކޯ މާރޯގައި ބަލިޖެހިފައިވާ މީހަކު ނެތްކަމެވެ. ހެލްތު ޓީމް ބޭފުޅުން ލ. މާމެންދޫއާއި ގާދޫ ފަދަ ރަށްރަށުން ބަލިޖެހިފައިވާ ފަރާތްތަކަށް ފަރުވާދެއްވައި މުޅިން ރަނގަޅު ނުވަނީސް، ލާމު އަތޮޅުގައި ތިބި ބަލިޖެހިފައިވާ މީހުންނާއި ރާއްޖޭގެ ގިނަ ރަށްތަކެއްގެ އެތައް ބަޔަކު ތ. އަތޮޅު ބޮޑު މާލޫދަށް ޖަމާވެ، އެއް ސުފުރާއަކުން ކައި އެކުގައި އުޅެފިއެވެ. ނަތީޖާއަކީ ތ. އަތޮޅާ މާލެ ހިމެނޭހެން ރާއްޖޭގެ ގިނަ ރަށްތަކަކަށް ކޮލެރާ ފެތުރިގެންދިއުމެވެ. މާލޭގައި ކޮލެރާ ފެތުރެމުންދާ ކަމަށް އޭރޫ މާލޭގައި ނެރޭ "މޫންލައިޓް" ނޫހޫގައި ޚަބަރު ލިޔުނީ 5 އޭޕްރީލްގައެވެ. 14 އޭޕްރީލްގައި ރާއްޖޭގެ 74 ރަށެއްގައި 5589 (އޭރުގެ އާބާދީގެ 4 އިންސައްތަ) މީހުނަށް ބަލި ޖެހިފައި ވެއެވެ. އެދުވަހު އެކަނިވެސް 1190 މީހުންނަށް ބަލި ޖެހުނެވެ. އެހާހިސާބަށް ކޮލެރާގައި މަރުވެފައި ވަނީ 166 މީހުންނެވެ. ކޮލެރާ ކޮންޓްރޯލް ކުރުމުގެ މަސައްކަތް، ޚާއްސަ ކަމެއްގެ ގޮތުގައި ނިންމަވައި، އެމަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފެއްޓެވީ 18 އޭޕްރީލް ގައެވެ. 4 މެއި ގައި ރާއްޖޭގެ 119 ރަށެއްގައި 9819 މީހުން (އާބާދީގެ7އިންސައްތަ) އަށް ބަލިޖެހިފައި ވެއެވެ. އެދުވަހާއި ހިސާބަށް 217 މީހުން މި ބަލީގައި މަރުވިއެވެ.

މިދަންނަވާލި މަޢުލޫމާތު ތަކުން ރާއްޖޭގައި ކޮލެރާ ޖެހުނު ގޮތާ ކޮލެރާ ފެތުރިގެންދިޔަ ހަލުއިމިން ވަރަށް ރަނގަޅަށް އެނގެއެވެ. ކޮލެރާގައި މީހުން މަރުވެ ދިޔަ މިންވަރާ އެކަމުގެ ނުރައްކާތެރިކަން ތަސައްވަރު ކުރެވެއެވެ. ޝައްކެއްނެތެވެ. މިބަލި ރާއްޖޭގައި ފެތުރުނީ ކެއުމުގައި ގެންގުޅެވުނު ރަނގަޅު ނޫން އާދަތަކެއްގެ ސަބަބަންނެވެ. ޚާއްސަކޮށް ނުތާހިރު އެއްޗެއް ގިނަބަޔަކަށް ކެވުމުގެ ސަބަބުންވެ. އެހެންކަމުން މިއަދު އަޅުގަނޑުމެންގެ ތެރޭގައި ފެތުރެމުންދާ ކެއުމުގައި ގެންގުޅެވޭ ނުރަނގަޅު އާދަތަކާ މެދު ވިސްނަންޖެހެއެވެ. ގައުމީ ފެންވަރާއި ފަރުދީ ފެންވަރުގައެވެ.

މިއަދު އަޅުގަނޑުމެންނަށް އިވެމުންދަނީ ބިދޭސީންތަކެއް ރާއްޖޭގައި ހެދިކާގެ ބާވަތްތަކާއި ކެއުމުގެ ބާވަތްތައް އިންސާނުން ކާން އެކަށީގެންވާ ފެންވަރަށްވުރެ މާދަށް ފެންވަރަށް ތައްޔާރުކޮށް ދިވެހިންނަށް ވިއްކަމުންދާ ވާހަކައެވެ. މިވާހަކަ ތަކުގެ ތެރެއިން މިދުވަސްވަރު އެންމެ ގަދަޔަށް ދެކެވެމުންދާ ވާހަކައަކީ "ބުޅަލުގެ" މަހުން ބާގާ ތައްޔާރުކޮށް ވިއްކަމުންދާ ކަމަށް ބިދޭސީ އަކަށް ތުހުމަތު ކުރެވުނު ވާހަކައެވެ. އެއާއެކު ގުޅަ ހަދައި މުންޑު ދަށަށް ލައިގެން ވިއްކަމުންދާ ކަމުގެ ވާހަކައެވެ. އަދި ހަވާދުގެ ބާވަތްތަކާއި ދުފަން ބޭނުންކުރާ ތަކެތި އިންސާނުން ކައިހެދުން އެކަށީގެންވާ ފެންވަރަށް ވުރެ މާދަށް ފެންފެންވަރުގައި ތައްޔާރުކުރާ ވާހަކައެވެ. މިވާހަކަތައް މިއަދު ތިލަ ވުމާއެކު ކޮންމެވެސް ވަރެއްގެ ކަންބޮޑުވުމެއް ދިވެހީންގެ މެދުގައި އުފެދުނުކަމަށް ޤަބޫލު ކުރެވެއެވެ. ބިދޭސީން ތައްޔާރުކުރާ ބާވަތްތައް ކެއެމުގައި ކޮންމެވެސް ވަރެއްގެ ފަސްޖެހުމެއް ހުރިކަން ވެސް ފާހަގަ ކުރެވެއެވެ. އެހެންނަމަވެސް ދެރަކަމަކީ މިކަންވެސް ކުޑަދުވަސްކޮޅެއްގެ ކަމަކަށް ވެދާނެކަމެވެ. ދިވެހިންގެ ކިބައިގައި ހުންނަ ހަނދާންނެތުމުގެ ސަބަބުން މިވަހާކަތައްވެސް ކުޑަދުވެސްކޮޅެއްގެ ތެރޭގައި ހަނދާން ނެތިދާނެކަމަށް ބެލެވެއެވެ. އެހެނީ މާލޭގެ ހޮޓާ ކެފޭފަދަ ތަންތަނުގައި ހެދިކާ ހަދާތަންތަނުގެ ނުސާފު ކަމާ އެފަދަ ތަންތަނުގައި ބޭނުންކުރާ ތަކެތީގެ ނުތާހިރު ކަމުގެ ވާހަކަ ފުރަތަމައަށް އަޑުއިވުނީ އިއްޔެއަކު ނޫނެވެ. މިކަމުގެ ނުރައްކާތެރިކަމުގެ ވާހަކަ ރާއްޖޭގެ ނޫހެއްކަމުގައިވާ ސަންއޮންލައިން ގައި ލިޔެ ޝާއިއު ކުރިތާ މިއަދަށް 8 އަހަރު ފުރުނީއެވެ. 21 އޮގަސްޓް 2016 ގައި "ރިސޯޓް ތަކުން އުކާލާ ކައްކާ ތެޔޮ ކަންމަތީ ހޮޓާ ތަކަށް" މި ސުރުހީގެ ދަށުގައި އަހުމަދު ސާއިލު ލިޔުއްވާފައިވާ ރިޕޯޓުގައި ހޮޓާ ތަކުގައި ހެދިކާ ތެލުލަން ބޭނުންކުރާ ތެލުގެ ނުސާފުކަމާ ޞިއްޙީ ގޮތުން ބަލާއިރު އިންސާނުން ކާން ބޭނުންކުރާ ވަރަށްވުރެ ކެމިކަލާއެކުވެ ގަޑުބަޑުވެފައިވާ މިންވަރު ހާމަކުރައްވާފައިވެއެވެ.. އަދި އޫރުމަސް ތެލުލުމުގެ ސަބަބުން އެތެޔޮ ނަޖިސްވެފައިވާނެ ކަމާ، ކާތަކެތި އެފަދަ ތެލުގައި ތެލުލައިގެން ޙަރާމް އެއްޗެއް ކެވިދާނެ ކަމުގެ ބިރުވެރި އިންޒާރުވެސް ދެއްވާފައިވެއެވެ. މިދެންނެވި ލިޔުން އެދުވަސްވަރު އާއްމު ވުމާއެކު އެވާހަކަތައް ވަރަށް ގަދައަށް ދެކެވުނެވެ. އަދި އިޖުތިމާއީ މަންސަ ތަކުގައި ފަތުއަޑުކިޔާފައި އާއްމުވެގެން ދިޔައެވެ. އެހެންކަމުން މިފަދަ ހޮޓާތަކުން ދުވަހަކު ނުކާން އެއްބަޔަކު ނިޔަތްވެސް ގަތެވެ. ނަމަވެސް އެއީ ދިވެހިންގެ ކުރުމާޒީއެކެވެ. މިއަދު އެހަނދާން ހުރި މީހަކު ހުރިހެނެއް ހީއެއް ނުވެއެވެ. އެހެނީ މިއަދުވެސް ލުއި ފަސޭހައަށް ގޭގައި ކާބޯތަކެތި ހެދުމުގެ ބަދަލުގައި އަވަސްވެގަނެވެނީ ކަންމަތީ ހޮޓަލުން ތައްޔާރުކޮށްފައިވާ ކޮންމެވެސް ބާވަތެއްގެ ހެދިކާއެއް ގަނެގެން ކާލުމަށެވެ. އަދި ކުދީންނަށް ކާންދިނުމަށެވެ. ބިދޭސީން ކާބޯތަކެތި ތައްޔާރުކުރާ ގޮތުގެ މުޑުދާރުކަން ގަބޫލުކޮށްގެން އެފަދަތަކެތި ކެއުމުގެ ބަދަލުގައި އަމިއްލައަށް ކައްކައިގެން ދިވެހި ހެދިކާ ކާނަމަ ބުޅަލު ބާގާ އާއި މުންޑު ދަށުލީ ގުޅަ ކައިގެން ކޯނިޝް ޕައުޑަރުން ދުފި މީހުންގެ ތެރޭގައި ހިމެނުމުގެ ޝައްކުމަތީގައި އުޅޭކަށް ނުޖެހޭނެއެވެ. އަދި ކާބޯތަކެތީގެ ސަބަބުން ފެތުރި ދާނެ ބަލިމަޑުކަމެއްގެ ބިރުވެރިކަމުގައި ތިބޭކަށް ނުޖެހޭނެއެވެ. ހިތަށް އަރައެވެ. ކޮލެރާ ފަދަ ވަބާއެއް ކުރިމަތިނުވަނީސް ކައިބޮއި ހަދާ ނުތާހިރު ތަކެއްޗާމެދު ވިސްނަން ނުވޭހެއްޔެވެ؟

comment ކޮމެންޓް