ފެނަކައަކީ ފައިދާވާ ކުންފުންޏަކަށް ހަދާނަން: އެސްޓީއޯ

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑު -- ފޮޓޯ/ އެސްޓީއޯ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ)އަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން މިއަދު ދީފިއެވެ.

މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގެ އިޚްތިޔާރާއެކު، ފެނަކައަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވައިފައެވެ.

https://www.sun.mv/195992

އެސްޓީއޯއިން މިއަދު ކުރި އިއުލާނުގައިވަނީ ފެނަކައިގެ ދަރަނީގެ ބޮޑު ބަޔަކީ، އެސްޓީއޯ ގްރޫޕަށް ދައްކަންޖެހޭ ފައިސާކަން ފާހަގަ ކޮށްފައެވެ. އެ ގޮތުން އެ ފައިސާ އެސްޓީއޯއަށް ލިބޭނެ ގޮތުގެ ޕްލޭނެއް ހެދި، އެއާ އެއްގޮތަށް ފައިސާ ހޯދުމަށް މަސައްކަތްކުރުމާ އެކު، ފެނަކައަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެ ކުންފުނިންވަނީ ދީފައެވެ.

އެސްޓީއޯގެ ބަޔާނުގައިވާ ގޮތުން، އިއްޔެ ބޭއްވި އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑު ބައްދަލުވުމުގައި، އަންނަ އަހަރުން ފެށިގެން ފެނަކައަކީ އެސްޓީއޯގެ ސަބްސިޑަރީއަކަށް ބަދަލު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ނިންމުމަށްޓަކައި ފެނަކައާއި ފިނޭންސް މިނިސްޓްރީއާ ގުޅިގެން ޕްލޭނެއް އެކުލަވާލުމަށް ވަނީ ނިންމައިފައެވެ.

މި ޕްލޭންގެ ތެރެއިން މިނިވަން އޮޑިޓު ފާމެއް މެދުވެރިކޮށް، ފެނަކައިގެ ހާލަތު ދެނެގަތުމުގެ ގޮތުން، އެ ކުންފުނީގެ ފައިނޭންޝަލް އަދި ލީގަލް ޑިޔު ޑިލިޖެންސް ހެދުމަށާއި، އެސެޓްތައް ވެލިއުކުރުމަށާއި މާލީ ހާލަތު ދެނެގަތުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން އިރުޝާދު ދީފައިވާ ކަމަށް އެ ކުންފުނީގެ އިއުލާނުގައިވެއެވެ.

މީގެ އިތުރުން ވެސް ފެނަކައިގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި، ފިނޭންސް މިނިސްޓްރީއާ އެކު ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ވެސް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ލަފާދީފައިވާ ކަމަށް ބުނެފައިވެއެވެ.

އެސްޓީއޯގެ އިއުލާނުގައިވާ ގޮތުން، ފެނަކައިގެ އިންޓެރިމް ބޯޑު އެކުލަވާލުމަށް ހަމަޖެހިފައިވަނީ އެސްޓީއޯގެ އިތުރުން ފިނޭންސް މިނިސްޓްރީގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓްރީ ތަމްސީލު ކުރައްވާ ފަރާތްތައް ވެސް ހިމެނޭ ގޮތަށެވެ. އެސްޓީއޯއިން ބުނީ އެ ކުންފުނީގެ ދަށަށް ފެނަކަ މުޅީން ބަދަލު ކުރެވުމާއެކު، ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑު އެކުލަވައިލާނީ އެސްޓީއޯގެ ގަވަނަންސް ކޯޑާއި ސަބްސިޑަރީތަކަށް މެންބަރުން އައްޔަނުކުރާ އުސޫލާ އެއްގޮތަށް ކަމަށެވެ.

ފެނަކައަކީ އެސްޓީއޯގެ ސަބްސިޑަރީއަކަށް ބަދަލުކުރުމަށް، މިމަހުގެ 15ވަނަ ދުވަހު، އެސްޓީއޯއިން ވަނީ ސަރުކާރަށް ޕްރޮޕޯޒަލެއް ހުށަހަޅާފައެވެ. އެ ހުށަހެޅުން ގަބޫލުކޮށް، ފެނަކައަކީ އެސްޓީއޯގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏަކަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމީ މިދިޔަ އާދިއްތަ ދުވަހުގައެވެ.

https://sun.mv/195018

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުނީގެ ހިންގުމާ ހަވާލުވެ ވަޑައިގެންނެވިއިރު، އެ ކުއާޓަރުގައި ލިބުނު ގެއްލުމުގެ އަދަދު ހުރީ 24.7 މިލިއަން ރުފިޔާގައި ކަމަށާއި ނަމަވެސް މި އަހަރުގެ ދެވަނަ ކުއާޓަރު ނިންމާލީ 7.4 މިލިއަން ރުފިޔާގެ ފައިދާއެއްގައި ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

އޭނާ ވަނީ އަމާޒަކީ މިއަހަރު ނިމޭއިރު 25 މިލިއަން ރުފިޔާގެ ފައިދާއެއް ފެނަކައިން ހޯދުން ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

comment ކޮމެންޓް