އަމާޒަކީ މިއަހަރު ނިމޭއިރު 25 މިލިއަން ރުފިޔާގެ ފައިދާއެއް ފެނަކަ ކޯޕަރޭޝަނަށް ހޯދުންކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުންނެވެ.
މިއަހަރު ނިމޭއިރު ފެނަކައަށް ލިބޭނެކަމަށް އަންދާޒާ ކުރެވޭ ފައިދާއާ ބެހޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މުއާޒު ވިދާޅުވީ މިއަހަރަށް ކަނޑައަޅާފައި އޮތް އަމާޒަކީ "ނެގެޓިވް ފިގާއަކަށް" ނުވަތަ ގެއްލުމަކަށް ނުދިއުން ކަމަށެވެ.
މުއާޒް ވިދާޅުވީ ކުންފުނީގެ ދަރަންޏާ ކުންފުންޏަށް ކުރިމަތިވެފައި ހުރި މާލީ ގޮންޖެހުންތަކަށް ބަލާއިރު ކުންފުނީގެ އަމާޒަކީ 20 ނުވަތަ 25 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދުންކަމަށެވެ.
"އަޅުގަނޑުމެންގެ ޓާގެޓްތަކެއް އެބަހުރި. އެއީ މިދާ ރޭޓުގައި ދާނަމަ 20 ނުވަތަ 25 މިލިއަން ރުފިޔާގެ ޕޮޒިޓިވް ފިގާއަކުން އަހަރު ނިންމާލުން،" މުއާޒް ވިދާޅުވިއެވެ.
މުއާޒް ވިދާޅުވީ އަމާޒަކީ ކުންފުންޏަށް ލިބޭ ފައިދާ ކުރިއަށްއޮތްތަނުގައި މިއަށްވުރެ ވެސް ބޮޑު ކުރުން ކަމުގައެވެ.
އޭނާ ވަނީ ފެނަކައިގެ ކުރީގެ މެނޭޖްމަންޓާ ގުޅޭ ކޮރަޕްޝަންގެ 25 މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާފައި ވާނެކަމަށް ވެސް ވިދާޅުވެފައެވެ.
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ފެނަކައިގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އެ މައްސަލަތައް އޭސީސީއަށް ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށް މިއަހަރުގެ މާޗު މަހުގެ ކުރީކޮޅު އޭނާ ވިދާޅުވިއެވެ.