ރާއްޖޭން ބޭރުން އެމްބީބީއެސް ހަދާ ދަރިވަރުންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް, ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހެލްތު މިނިސްޓްރީއާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އިސް ފަރާތްތައް ހާޒިރު ކުރުމަށް ހުށަހަޅައިފިއެވެ.
މި މައްސަލައިގައި ދެ މިނިސްޓްރީގެ އިސް ބޭފުޅުން މަޖިލީހުގެ ކޮމިޓީއަށް ހާޒިރު ކުރުމަށް އެދި ހުށަހެޅުއްވީ، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)އެވެ.
މަޖިލީހަށް އޭނާ ފޮނުއްވި ސިޓީގައިވަނީ، ރާއްޖޭން ބޭރުން ތަމްރީނު ވެގެން އައިސް ދިވެހި ޑޮކްޓަރުންގެ ގޮތުގައި ރާއްޖޭގައި ޚިދުމަތް ކުރަމުންދާ ފަރާތްތަކުގެ އަދަދު، މިދިޔަ ފަސް އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ދަރިވަރުން އާންމު ގޮތެއްގައި ކުރަމުން ދާ ޚަރަދުތައް އެކި ގައުމުތަކުގައި ތަފާތުވީ ނަމަވެސް، އާންމު ގޮތެއްގައި ދެ މިލިއަން ރުފިޔާއާއި ހަތަރު މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ޚަރަދު ކުރަން ޖެހޭ ކަމަށެވެ.
ކުޑޫ ހުށަހެޅުއްވި ސިޓީގައިވަނީ އެ ދަރިވަރުންނަށް ދިމާވާ މައިގަނޑު ދެ ކަމެއް ފާހަގަ ކުރައްވައިފައެވެ.
އެއީ އެމްބީބީއެސް ކޯސް ހެދުމަށް ލޯނު ދޭއިރު، އިންޓާންޝިޕް ހެދުމަށް ހޭދަވާ ފައިސާ ލޯނުގެ ތެރޭގައި ނުހިމެނުމާއި، އެމްބީބީއެސް ހެދުމަށްފަހު އެނބުރި ރާއްޖެ އައިސް، އިންޓާންޝިޕް ހެދުމަށް އިތުރު ފައިސާ ބޭނުން ކުރަން ޖެހުމުގެ އިތުރުން، އައިޖީއެމްއެޗުން އެ ފުރުސަތު ލިބުން ދަތިވުމެވެ.
މި ދެ ކަންތަކަކީ ވެސް އަވަސް ހައްލެއް ބޭނުންވާ، އަދި ހެލްތް މިނިސްޓްރީގެ އިތުރުން، ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅުންހުރި ކަމަކަށްވާތީ، އެ މިނިސްޓްރީތަކުގެ އިސް ބޭފުޅުން މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރު ކުރުމަށް ކުޑޫވަނީ ހުށަހަޅުއްވައިފައެވެ.
އަދި މި ދެ މައްސަލައިގައި ދިމާވާ ގޮންޖެހުންތަކަކީ ކޮބައިތޯ ބަލައި، ވީ އެންމެ އަވަހަކަށް މި ކަންތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.
ކުޑޫ ހުށަހެޅުއްވި ސިޓީގައި ހިމަނާފައިވާ މައުލޫމާތުގައިވާ ގޮތުން 2020ވަނަ އަހަރު ޖުމްލަ 60 ދަރިވަރަކުވަނީ ޑޮކްޓަރުކަން ކިޔަވަން ފަށައިފައެވެ. އަދި މިދިޔަ އަހަރު އެ އަދަދު ހުރީ 146ގައެވެ.
ރާއްޖޭގައި ގައުމީ ޔުނިވާސިޓީން އެމްބީބީއެސް ކިޔަވައިދޭން ފެށީ 2018 ވަނަ އަހަރު މެލޭޝިއާގެ ގައުމީ ޔުނިވާސިޓީ ކަމަށްވާ ކެބެންސާންއާ ގުޅިގެންނެވެ.
އެ ކޯހުގެ ފީއަކީ މަހަކަށް 1000 ޑޮލަރެވެ. ނަމަވެސް، ސަރުކާރުގެ ހިލޭ ޑިގްރީގެ ދަށުން އެ ޔުނިވާސިޓީގައި ޑޮކްޓަރުކަން ކިޔަވައިދެއެވެ.