ފުރަތަމަ ދައުރުގެ 82.9 ޕަސެންޓު މަސައްކަތް ފުރިހަމަކޮށް މަޖިލިސް ޗުއްޓީއަށް

މަޖިލިސް: މަޖިލީހުގެ ފުރަތަމަ ދައުރުގައި 82.9 ޕަސެންޓު މަސައްކަތް ފުރިހަމަކުރި -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި މިއަދުގެ ނިޔަލަށް 82.9 ޕަސެންޓު މަސައްކަތްތައް ނިންމައި މަޖިލިސް ޗުއްޓީއަށް ހިނގައްޖެއެވެ.

މަޖިލީހުން ވަނީ މި ދައުރުގައި ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކޮށްފައެވެ. އެ ތަފްސީލުތަކުގައިވާ ގޮތުން، މި ދައުރުގެ ތެރޭގައި 23 ބިލެއް ހުށަހަޅާފައިވާއިރު، 11 ބިލެއްގެ މަސައްކަތް މަޖިލީހުން ވަނީ ނިންމާފައެވެ.

ރިޔާސަތުން ހުށަހެޅުއްވި 13 މައްސަލައެއް ނިންމާފައިވާއިރު، ސަރުކާރުން ހުށަހެޅި ނުވަ މައްސަލައެއް މަޖިލީހުން ވަނީ ނިންމާފައިވެއެވެ.

މީގެއިތުރުން، އެ ތަފްސީލުތަކުން ދައްކާ ގޮތުގައި، މި ދައުރުގެ ތެރޭގައި މަޖިލީހަށް އެއް ގަރާރު ހުށަހެޅި ނަމަވެސް، ގަރާރުގެ މަސައްކަތް ނިމިފައެއް ނުވެއެވެ.

މި ދައުރު މަޖިލީހުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލުތައް --- ފޮޓޯ/ މަޖިލިސް

އެހެނިހެން މައްސަލަތަކާ ގުޅިގެން ހުށަހެޅި ނުވަ ރިޕޯޓުގެ މަސައްކަތް ވެސް ނިމިފަައިވާ ކަމަށާއި ހުށަހެޅުނު ނުވަ ކުއްލި މައްސަލައިގެ މަސައްކަތް ނިމިފައިވާ ކަމަށް މަޖިލީހުގެ މިދައުރުގެ މަސައްކަތްތަކުގެ ތަފްސީލުތަކުގައިވެއެވެ.

އެއާއެކު، މި ދައުރުގެ ތެރޭގައި 33 ޖަލްސާއެއް ބާއްވާފައިވާއިރު، ޖަލްސާތަކަށް 75 ގަޑިއިރު ހޭދަކޮށްފައިވެއެވެ. އަދި، 76 މަސައްކަތް ނިމިފައިވާއިރު، މިހާރު މަޖިލީހުން ނުނިންމާ ހުރީ 63 މައްސަލައެވެ.

މުޅި ޖުމްލަ މި ދައުރުގެ ތެރޭގައި 82.9 އިންސައްތަ މަސައްކަތް މަޖިލީހުން ނިންމާފައިވާކަން ފާހަގަކޮށްލެވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި ދައުރުގެ މަސައްކަތް ނިންމާލުމަށް ފަހު މަޖިލީހުގެ މެންބަރުން ވަނީ ޗުއްޓީއަށް ގޮސްފައެވެ. އެގޮތުން، މަޖިލީހުގެ ދެވަނަ ދައުރު ފަށާނީ އޮކްޓޫބަރު އެކެއްގައި ކަމަށާއި ފުރަތަމަ ޖަލްސާ ބާއްވާނީ ތިނެއް ނުވަތަ ހަތެއް އޮކްޓޫބަރުގައެވެ.

comment ކޮމެންޓް