އިސްލާމް އާބާދު (28 އޮގަސްޓް 2024) : ޕާކިސްތާނަށް ކުރިމަތިވެފައިވާ އިގްތިސާދީ އަދި މާލީ ދަތިތަކުން އަރައިގަތުމަށްޓަކައި ހަތް ބިލިޔަން އެމެރިކާ ޑޮލަރުގެ ލޯނެއް ދިނުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން މިހާރު އެއްބަސްވެފައިވާ ކަމަށް ޕާކިސްތާނުގެ މަރުކަޒީ ބޭންކްގެ ގަވަރުނަރު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ.
ރޮއިޓާސްއަށް ދެއްވި ބަސްދީގަތުމެއްގައި ޖަމީލު އަހްމަދު ވިދާޅުވީ މި ލޯނު ދިނުމުގެ އެއްބަސްވުމުގައި މިދިޔަ ޖުލައި މަހު އައިއެމްއެފް އާއި ޕާކިސްތާނުގެ މާލީ ވުޒާރާއިން ވަނީ ސޮއިކޮށްފައެވެ. ނަމަވެސް ލޯނުގެ ފައިސާ ޕާކިސްތާނުގެ މަރުކަޒީ ބޭންކަން ޖަމާކުރަންފަށާނީ އައިއެމްއެފްގެ ތަންފީޒީ ކައުންސިލުން މި ކަމަށް ރުހުން ދިނުމުންނެވެ.
މިކަމަށް ޓަކައި ޕާކިސްތާނަށް އެހީތެރިވުމުގައާއި އިންވެސްޓް ކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ޔަގީންކަން އޮތުމުން އައިއެމްއެފްގެ ތަންފީޒީ ކައުންސިލުން ލޯނަށް ރުހުން ދިނުން އަވަސްވެގެން ދާނެކަމަށް ޖަމީލު ވިދާޅުވިއެވެ.
ޕާކިސްތާނުގެ ތަރައްގީގެ ބައިވެރިންގެ ގޮތުގައި އެ ގައުމު ބަލާ ގައުމުތަކަކީ ޗައިނާ، ސައޫދީ އަރަބިޔާ، ޔޫއޭއީ އަދި ތުރުކީއެވެ. އެމެރިކާއަކީ އަސްކަރީ ގޮތުން ޕާކިސްތާނާ ގާތްގައުމަކަށް ވިޔަސް ޕާކިސްތާނުގެ ތަރައްގީއަށް އެމެރިކާ އަޅައެއް ނުލައެވެ. އަދި ޗައިނާ އިން ޕާކިސްތާނުގައި އިގްތިސާދީ ގޮތުން އިންވެސްޓް ކުރިނަމަވެސް އެމެރިކާއިން ޕާކިސްތާނުގައި އިންވެސްޓް ނުކުރެއެވެ. ނަތީޖާއެއްގެ ގޮތުން އެމެރިކާއާއެކު އަސްކަރީ ގުޅުންތައް ބޭއްވިނަމަވެސް ޗައިނާއާއި އެމެރިކާއާ ގުޅޭ މައްސަލައެއްގައި ޕާކިސްތާނު އަބަދުވެސް ޖެހެނީ ޗައިނާ ކޮޅަށެވެ.
ޕާކިސްތާނުގައި އެންމެ ބޮޑަށް އިންވެސްޓް ކުރަނީ ޗައިނާއިންނެވެ. ޗައިނާއިން މިހާރުވެސް ޕާކިސްތާނުގައި 60 ބިލިޔަން ޑޮލަރު އިންވެސްޓް ކުރަމުން އެބަގެންދެއެވެ. ދެން އިންވެސްޓް ކުރަނީ ތުރުކީއާއި ސައޫދީ އަދި ޔޫއޭއީއެވެ. ގަތަރަކީވެސް ޕާކިސްތާނަށް މާލީގޮތުން އެހީތެރިވާ ގައުމެކެވެ.
ޕާކިސްތާނަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތަކުގެ އަސްލަކީ އުފެއްދުންތެރިކަން ދަށްވުމާއި އާބާދީ އިތުރުވާ ރޭޓް މަތިވުމާ އަދި ތެލާއި ގޭސްފަދަ ހަކަތައިގެ ވަސީލަތްތަކަށް ކުރަންޖެހޭ ޚަރަދުތައް އިންތިހާއަށް ބޮޑުވުމެވެ. މީގެ އިތުރުން ޕާކިސްތާނުގައި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާ ހަރުކަށި ޖަމާއަތްތަކަކީ ވެސް އެ ގައުމުގެ އިގްތިސާދު ހީނަރުވުމަށް މަގުފަހިވާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ސަބަބެކެވެ.
ފެނުގެ ވަސީލަތްތައް މަދުވުމާއި ގުދުރަތީ ކާރިސާތައް ގިނަވުމާއި ހޫނު ގަދަވުމާއި ހަނަފަސްކަން ބޮޑުވުމަކީވެސް ޕާކިސްތާނުގެ ދަނޑުވެރިކަމަށް ހީނަރުކަން ގެނެސްދޭ ކަންކަމެވެ. ޕާކިސްތާނުގެ ސިޔާސީ މަސްރަހު ހަލަބޮލިވުމާއި ސަރުކާރުތައް އަވަސް އަވަހަށް ބަދަލުވުމާއި ކޮރަޕްޝަން އިތުރުވުމަކީ ވެސް ބޮޑު މައްސަލައެކެވެ. މި ހުރިހާ ކަމެއްގެ ނޭދެވޭ އަސަރު ޕާކިސްތާނުގެ އިގްތިސާދަށް ކުރަނީ ވަރަށް ބޮޑަށެވެ.
ޕާކިސްތާނުގެ މަރުކަޒީ ބޭންކްގެ ގަވަރުނަރު ޖަމީލު އަހްމަދު ވިދާޅުވިގޮތުގައި އައިއެމްއެފްއިން ދިނުމަށް ހަމަޖެހިފައިވާ ހަތް ބިލިޔަން ޑޮލަރުގެ ލޯނުގެ އިތުރުން ޑިޕޮޒިޓްގެ ގޮތުގައި ޕާކިސްތާނުގެ މަރުކަޒީ ބޭންކުގައި އަހަރުތަކެއް ވަންދެން ބެހެއްޓުމަށް ޓަކައި ހަތަރު ބިލިޔަން އެމެރިކާ ޑޮލަރުގެ ޑިޕޮޒިޓް ހޯދުމަށް ވެސް ޕާކިސްތާނު ގެންދަނީ މަސައްކަތް ކުރަމުންނެވެ.
މި ހަތަރު ބިލިޔަން ޑޮލަރު ހޯދަން މަސައްކަތް ކުރަނީ ގަލްފުގެ ގައުމުތަކާއި ތުރުކީގެ ބޭންކްތަކުން ކަމަށް ޖަމީލު ވިދާޅުވިއެވެ. ޕާކިސްތާނަށް ކުރިމަތިވެފައިވާ އިގްތިސާދީ އަދި މާލީ ދަތިތަކުން އަރައިގަތުމަށްޓަކައި ހަތް ބިލިޔަން އެމެރިކާ ޑޮލަރުގެ ލޯނެއް ދިނުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ނިންމާފައިވަނީ ޕާކިސްތާނުގެ އިގްތިސާދު ރޫޅިގެން ދިޔުމުން ސަލާމަތް ކުރުމުގެ ޕްލޭންގެ ދަށުންނެވެ.