ޢުމްރާއަށް ގޮސް ސަލާން ޖަހާތީ ޕާކިސްތާނުގެ ހަތަރު ހާހެއްހާ ފަގީރުންނަށް ވައިގެ މަގުން ދަތުރު ނުކުރެވޭ ގޮތް ހަދައިފި

ޢުމްރާއަށް ގޮސް ސަލާން ޖަހާތީ ޕާކިސްތާނުގެ 4،300 ފަގީރުންނަށް ވައިގެ މަގުން ދަތުރު ނުކުރެވޭ ގޮތް ހަދައިފިއެވެ.

ޕާކިސްތާނުން އެގޮތަށް ނިންމީ ސަޢުދީ ޢަރަބިއާއާއި ގަލްފުގެ އެހެން ގައުމުތަކުން ލިބުނު އިންޒާރަކާ ގުޅިގެން ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ޕާކިސްތާނުގެ ދުވަހު ނޫހެއް ކަމަށްވާ ޑޯންއާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި އެ ފިޔަވަޅު ޕާކިސްތާނުން އަޅާފައިވާކަން އެ ގައުމުގެ ދާޚިލީ ވަޒީރު މޮހުސިން ރަޒާ ނަގްވީ ވަނީ ސަޢުދީ ޢަރަބިޔާގެ ޑެޕިއުޓީ އިންޓީރިއާ މިނިސްޓަރު ނާސިރު ބިން އަބްދުލްއަޒީޒް އަލް ދާއޫދަށް އަންގަވާފައެވެ.

މިއީ މި މައްސަލަ ފެންމަތިވި ފުރަތަމަ ފަހަރެއް ނޫނެވެ. މިނިސްޓްރީ އޮފް އޯވަސީސް ޕާކިސްތާނީސް އެންޑް ހިއުމަން ރިސޯސް ޑިވެލޮޕްމަންޓްގެ ސެކްރެޓަރީ އަރުޝަދު މަހުމޫދު ފާހަގަކުރެއްވި ގޮތުގައި ގަލްފުގެ ބައެއް ގައުމުތަކުން ޕާކިސްތާނުގެ ބައެއް ރައްޔިތުންގެ ސުލޫކާ މެދު މިދިޔަ އަހަރުވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ސައުދީ އަރަބިއްޔާއަށް ހައްޖުގެ އަޅުކަން އަދާކުރުމަށް އެތެރެވި، ޕާކިސްތާނުގެ ސަލާންޖަހާ 16 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އެކަމާ ގުޅިގެން ޕާކިސްތާނުން ވަނީ "އުމްރާ ގާނޫނެއް" ތައާރަފް ކުރަން ރާވާފައިވާކަން އިއުލާންކޮށްފައެވެ. އެ ގާނޫނުން އުމްރާ ދަތުރުތަކަށް މަގުފަހިކޮށްދޭ ޓްރެވަލް އެޖެންސީތައް ރެގިއުލޭޓް ކުރާނެއެވެ. ޕާކިސްތާނުގެ ދީނީ މިނިސްޓްރީން މި ގާނޫނު ތައާރަފްކުރީ މި އިދާރާތައް ގާނޫނީ ބެލުމުގެ ދަށަށް ގެނައުމަށާއި އަޅުކަމަށް ބުނެ، ސަލާން ޖަހާ މީހުން ސަޢުދީއަށް ދަތުރުކުރުން ހުއްޓުވުމަށެވެ. އަދި ދީނީ ވިސާގެ ބޭނުން ހިފައިގެން ސަލާންޖަހާ މީހުން ސަޢުދީއަށް ދަތުރުކުރުން ހުއްޓުވުމަށް ސަރުކާރުގެ އެހެން އިދާރާތަކާ ގުޅިގެން ވެސް މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ.

ސަލާން ޖެހުމަށް ވަންނަ ޕާކިސްތާނު މީހުންގެ އަދަދު އިތުރުވަމުންދާތީ ސަޢުދީން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ސަޢުދީ ޢަރަބިޔާގެ ހައްޖު މިނިސްޓްރީން ވަނީ އުމްރާ ވިސާގައި ސައުދީ އަރަބިއްޔާއަށް ވަންނަ ސަލާންޖަހާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމުގެ އިންޒާރު ރަސްމީކޮށް ދީފައެވެ.

ޑޯންގައި އާންމުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން ބޭރު ގައުމުތަކުން ހައްޔަރުކުރާ ސަލާންޖަހާ މީހުންގެ 90 އިންސައްތަ މީހުންނަކީ ޕާކިސްތާނަށް ނިސްބަތްވާ މީހުންނެވެ.

comment ކޮމެންޓް