ބުރިޖުގައި ލޭނެއް މަދެއް ނޫން، ހެދީ ކުރެހުމާ އެއްގޮތަށް: މިނިސްޓަރު

ސިނަމާލެ ބުރިޖު: މިނިސްޓަރު ވިދާޅުވީ ބުރިޖުގައި ލޭނެއް މަދު ނޫން ކަމަށާއި އެ ތަން ހަދާފައިވަނީ ކުރެހުމާ އެއްގޮތަށް ކަމަށް -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ތަރައްގީކުރި ސިނަމާލެ ބުރިޖުން އެއްވެސް ލޭނެއް މަދު ނޫން ކަމަށާއި އެ ބުރިޖު ނިންމާފައިވަނީ ކުރެހުމުގައި އޮތް ގޮތަށް ކަމަށް މި ސަރުކާރުގެ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.

ބުރިޖުން ލޭނެއް މަދުކަމަށް ވިދާޅުވެ، އޭރުގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ކީރިތި ކުރެއްވެންދެން 'ބަވާލި' ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ ތުހުމަތުކުރައްވައިފައެވެ.

ޢަބްދުއްރަޙީމްގެ ވާހަކަތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ ބުރިޖުން ލޭނެއް މަދުވި ގޮތް ސާފުވެއްޖެ ކަމަށް ވިދާޅުވެ، ތުހުމަތުތަކެއް އަމާޒުކުރައްވައިފައެވެ.

އެ ކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކޮންސްޓްރަކްޝަން މިނިސްޓަރު ވަނީ މީގެ އަށް އަހަރު ކުރިން ސިނަމާލެ ބުރިޖުގެ ކުރެހުން އާންމުކުރި ދުވަހު ރައީސް އޮފީހުގެ ރަސްމީ ޔޫޓިއުބް ޗެނަލްގައި އާންމުކޮށްފައިވާ ވީޑިއޯ ހިއްސާކުރައްވައިފައެވެ. އެ ވީޑިއޯއިން ސިނަމާލެ ބުރިޖުގެ ކުރެހުން ފެނެއެވެ.

"ކުރެހުމުގައި ވަނީ ކިތައް ލޭންތޯ، ކުރެހުމާ ހިލާފަށްތޯ އެ ތަން ބިނާކޮށްފައިވަނީ އަމިއްލަފުޅަށް ބައްލަވައިލައްވާ،" އެ ވީޑިއޯ ހިއްސާކުރައްވާ ކުރެއްވި ޕޯސްޓުގައި މިނިސްޓަރު ވިދާޅުވިއެވެ.

ހުޅުމާލެއާއި މާލެއާ ގުޅުވައިދޭ ބުރިޖުގެ މަސައްކަތް ނިމުނު ދުވަސްވަރު ވެސް އޭރު އިދިކޮޅުގައި ތިއްބެވި އެމްޑީޕީގެ އިސް ބޭބޭފުޅުން ވަނީ ބުރިޖުން އެއް ލޭނު 'ވަގަށް ނަގާފައިވާ' ކަމަށް ތުހުމަތުކުރައްވައިފައެވެ. އޭރު ވެސް ސަރުކާރުގައި އޭރު ތިއްބެވި ޕީޕީއެމްގެ ފަރާތްތަކުން ވަނީ ބުރިޖުގެ މަސައްކަތް ނިންމާފައިވާނީ ކުރެހުމުގައި ވާގޮތަށް ކަމަށެވެ.

އޭރު އިދިކޮޅުން ތުހުމަތުކުރީ ފުރަތަމަ ކުރެހުމުގައި ބައިސްކަލާއި ސައިކަލް ދުއްވަން ޚާއްސަ ލޭނެއް ހިމަނާފައިވާ ކަމަށް ބުނެއެވެ.

ރައީސް މުއިއްޒާއި މަޖިލީހުގެ ރައީސް އަބްދުއްރަޙީމް: އަބްދުއްރަޙީމް ދެއްކެވި ވާހަކަފުޅާ ގުޅިގެން އިދިކޮޅުން ރައީސަށް ތުހުމަތުތަކެއް ވަނީ ކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

އޭގެ އެތައް އަހަރެއް ފަހުން އަނެއްކާ ވެސް މި ވާހަކަ ދެކެވެން ފެށީ 'ސަންގު ޓީވީ'ގެ ޕްރޮގްރާމެއްގައި ޢަބްދުއްރަޙީމް ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ. އެ ޕްރޮގްރާމްގައި ރޭ އެ މަނިކުފާނު ވިދާޅުވީ، ބުރިޖުން ލޭނެއް މަދު ކަމަށް ވިދާޅުވެ، ޔާމީން ވެރިކަމުގައި ހުންނެވިއިރު ރައީސް މުޢިއްޒަށް ކީރިތި ކުރެއްވެންދެން 'ބަވާލި' ކަމަށެވެ.

"ކެބިނެޓުގެ ވަޒީރުންނާއި އަދި ޕާޓީގެ އިސް މީހުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވެސް ޔާމީން، އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒަށް ބަވާލި މަންޒަރާއި އެ އަޑު އަހާނެ އޭރު ކެބިނެޓުގައި ތިއްބެވި ވަޒީރުން ވެސް އަދި އަޅުގަނޑުމެން ވެސް. ރައީސް މުއިއްޒު ކީރިތި ކުރައްވަންދެން ބަވާލި،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ޔާމީން އެގޮތަށް މުއާމަލާތްކުރީ 'ބުރިޖުން ލޭނެއް މަދުކަން އެނގުނީ މިއަދު' ކަމަށް ވިދާޅުވެ ކަމަށެވެ.

ޔާމީންގެ ވެރިކަމުގައި ޗައިނާގެ ހިލޭ އެހީގެ ދަށުން ތަރައްގީކުރި ބުރިޖުގެ މަސައްކަތުގައި ސަރުކާރުގެ ފަރާތުން އެންމެ އިސްކޮށް މަސައްކަތްކުރެއްވީ އޭރު ހައުސިން މިނިސްޓަރުކަމުގައި ހުންނެވި މިހާރުގެ ރައީސް މުއިއްޒެވެ.

comment ކޮމެންޓް