ދައުލަތުން ނުދެއްކި ހުރި ފައިސާގެ ބަދަލުގައި ވިޔަފާރިތަކުގެ ޓެކުހަށް ލުއިދެނީ

ރައީސް، ފިނޭންސް މިނިސްޓަރު އަދި އިކޮނޮމިކް މިނިސްޓަރު: ދައުލަތުން ނުދެއްކި ހުރި ފައިސާގެ ބަދަލުގައި ވިޔަފާރިތަކުގެ ޓެކުހަށް ލުއިދޭން ރައީސް ވަނީ ނިންމަވާފައި -- ފޮޓޯ/ ރައީސް އޮފީސް

ދައުލަތުން އެކި ފަރާތްތަކަށް ދޭން ޖެހި ނުދެވި ހުރި ފައިސާގެ ބަދަލުގައި އެ ފަރާތްތަކަށް، ޓެކުހުން ލުއި ހޯދުމުގެ އިޚުތިޔާރު ދިނުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ގައުމުގެ ފިސްކަލް އަދި މަނިޓަރީ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ފިޔަވަޅުތަކެއް އެޅުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން އިއްޔެ ރައީސް ބައެއް ނިންމެވުންތައް ނިންމަވައިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ސަރުކާރުން ކުންފުނިތަކަށް ދޭންހުރި ފައިސާގެ ތަފްސީލާއި އެ ފައިސާ ދޭންހުރި ބޮޑެތި ވެންޑަރުންނަށް ދެވިދާނެ ހައްލުތަކާ ގުޅޭގޮތުން ރައީސް ނިންމެވި ކަންކަމުގެ ތެރޭގައި ދައުލަތަށް ލިބޭ އާމްދަނީން މި ފައިސާ ދައްކާ ޚަލާސްކުރުން ހިމެނޭ ކަމަށް އެ އޮފީހުން ބުންޏެވެ.

އެގޮތުން ކޮންމެ މަހަކު ވެންޑަރުންނަށް ދެއްކުމަށް ކަނޑައެޅޭ ފައިސާގެ އަދަދަށް ބަލައި، އެންމެ ގިނަ ދުވަސްވީ ބިލުތަކުގެ ތަރުތީބުން، ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ފައިސާ ދެއްކުމުގެ ކަންކަން ކުރިއަށް ގެންދެވުމަށާއި، ކަނޑައެޅޭ ވަކި މިންވަރަކަށްވުރެ ދަށުގެ ބިލުތަކަށް ފައިސާ ދައްކާނެ އަދަދެއް ކަނޑައަޅައި، ދެބައި ވަކިން ބެލެހެއްޓުމަށް ވެސް ނިންމައިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެއިތުރުން ދައުލަތުން ނުދެއްކި ހުރި ފައިސާގެ ބަދަލުގައި، ވެންޑަރުންނަށް އިތުރު އާމްދަނީއެއް ލިބޭނެ ފަދަ ޓީ-ބޮންޑަކަށް އެ ފައިސާ ބަދަލުކުރުމުގެ ފުރުސަތު ދިނުމާއި، ބިމެއް ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ދެވޭނެ އިންތިޒާމު ހަމަޖެއްސުމާއި ވިޔަފާރިތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ، ޚާއްޞަކޮށް މީރާއަށް ޓެކުހުގެ ގޮތުގައި ދައްކަންޖޭ ފައިސާއިން އޮފްސެޓް ކުރުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން އެކިއެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް، ކަމާބެހޭ ފަރާތްތައް ހިމެނޭ ގޮތަށް ޓާސްކްފޯހެއް އެކުލަވައިލައި، އެ ފައިސާ ހޯދުމުގެ މަސައްކަތް ޚާއްޞަ އިސްކަމެއް ދީގެން ކުރުމަށް ރައީސް ނިންމަވައިފައިވެއެވެ.

ފިނޭންސް މިނިސްޓްރީން ހުށަހެޅި ލޯނު އޮޕްޝަންތަކުގެ އިތުރަށްވެސް ކުރު މުއްދަތެއްގެ ތެރޭގައި ލޯނު ލިބޭނެ އިތުރު އޮޕްޝަންތައް ބަލައި، އެކަމަށް މަސައްކަތްކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ރައީސް ނިންމަވައިފައިވާ ކަމަށް ވެސް ރައީސް އޮފީހުގެ ބަޔާނުގައިވެއެވެ.

ރާއްޖޭގައި ބޭރު ފައިސާގެ ރިޒާވް ދަށްވެފައިވާ މި ދަނޑިވަޅުގައި އަޅާނެ ފިޔަވަޅުތަކެއް ވެސް އިއްޔެ ކެބިނެޓުން ނިންމައި، އިއުލާންކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނެވުމަށްފަހު، ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ރާއްޖެއަށް އެތެރެކުރާ މުދަލުން ނަގާ އިމްޕޯޓް ޑިއުޓީ، އެމެރިކާ ޑޮލަރުން ނަގަން ފެށުން
  • ބޭރު ފައިސާއިން ދޭ އުޖޫރައިން، ގާނޫނު ނަންބަރު 2009/8 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު)ގެ ދަށުން ޕެންޝަން ކޮންޓްރިބިއުޝަން، އެމެރިކާ ޑޮލަރުން ނަގަން ފެށުން
  • ބޭރު ފައިސާއިން އާމްދަނީ ލިބޭ ކުންފުނިތަކުގެ ކޯޕަރޭޓް އިންކަމް ޓެކްސް އެމެރިކާ ޑޮލަރުން ދައްކާ ގޮތަށް ބަދަލު ކުރުން

ރާއްޖޭގެ ދަރަނި ބޮޑުވެ، ދަރަނި ދެއްކުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު ބޭރު ފައިސާގެ ދަތިކަން ވަނީ ވަރަށް ބޮޑުވެފައެވެ. ދައުލަތަށް ނުލިބި އޮތް ފައިސާގެ އަދަދު 15.4 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ޖުލައި މަހު ރައީސް ވިދާޅުވެފައިވާއިރު، އެ ފައިސާ ހޯދުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރައީސް ވަނީ އެ ފައިސާއިން ދަރަނީގެ މައްސަލަ ހައްލު ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް