ކުޑަކުދިންގެ ކުށުގެ ޒިންމާ ބެލެނިވެރިން ނަގަންޖެހޭ މިންވަރަށް ގާނޫނުތައް ބަދަލުކުރަން ޖެހޭ ކަމަށް، ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ކަމުގެ މަގާމަށް އައްޔަންކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު އިޚުތިޔާރު ކުރެއްވި ޢައްބާސް ޝަރީފް މިއަދު ވިދާޅުވިއެވެ.
ރައީސް އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެފެއާޒްގެ މަގާމުގައި ހުންނެވި އައްބާސް ނަން ދިރާސާ ކުރުމަށް މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމުން މިއަދު އެ ކޮމިޓީން ވަނީ އޭނާއާ އިންޓަވިއުކޮށްފައެވެ.
އެ ކޮމިޓީގައި އައްބާސް ވިދާޅުވީ، ކުޑަކުދިން ޖިނާއީ ކުށްތަކުގައި ބައިވެރިވާ މިންވަރާއި ބައިވެރި ކުރުވާ މިންވަރު އިތުރުވުމަކީ އޭނާ އެންމެ ކަންބޮޑުވާ އެއް މައްސަލަ ކަމަށެވެ.
އެ މައްސަލައިގައި ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު ދަށްކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭއިރު، ކުރީގެ ޕީޖީ ޙުސައިން ޝަމީމް ޚިޔާލަކީ މުޖުތަމައު ރަނގަޅުކުރުންކަން އައްބާސް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުގެ ޚިޔާލު ކުޑަކޮށް ތަފާތު، އަޅުގަނޑު ގަބޫލުކުރަނީ މުޖުތަމައު ރަނގަޅުކޮށްގެން މިކަން ރަނގަޅު ވާނެޔޭ އެއީ ރަނގަޅު ވާހަކަފުޅެއް. އެކަމަކު އެއީ ގިނަ ދުވަސް ނަގާ، ބޮޑު މަސައްކަތެއް. ދެން އުމުރު ދަށްކޮށްފި ކަމަށްވަންޏާ އޭގައި ވެސް ހުންނަ ޑިސްއެޑްވާންޓޭޖުތަކެއް އެބަހުރޭ،" އޭނާ ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ, ދުނިޔޭގެ ބައެއް ކުރިއަރައިފައިވާ ނުވަތަ ދުވަސްވެފައިވާ ގާނޫނީ ނިޒާމުތަކުގައި، ކުޑަކުއްޖަކު ކުށެއް ކޮށްފި ނަމަ އެ ކުރާ ކުށުގެ ބާވަތާއި އޭނާގެ އުމުރަށް ކޯޓުން ބަލައި، ބައެއް ހާލަތްތަކުގައި ބޮޑު މީހެއްގެ ގޮތުގައި ދައުވާ ކުރެވޭނެ ކަމަށެވެ.
ރާއްޖޭގައި ކުޑަކުދިން ބޭނުންކޮށްގެން ޖިނާއީ ކުށްތައް ކުރުވަނީ އެ ކުދިން ސަލާމަތްވުމުގެ ފުރުސަތު އޮތުމުންކަން އައްބާސް ފާހަގަކުރެއްވިއެވެ. އެހެންވެ، ކުށަށް ބަލާފައި ބޮޑު މީހެއްގެ ގޮތުގައި ދައުވާ ކުރެވޭނެކަން ކުށް ކުރުވާ މީހުންނަށް އެނގޭނަމަ ކުޑަކުދިން ލައްވާ ކުށްކުރުވުން މަދުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ މައްސަލައަށް ދެވަނަ ހައްލެއްގެ ގޮތުގައި އައްބާސް ހުށަހެޅުއްވީ ކުޑަކުދިންގެ ބެލެނިވެރިންނާއި މައިންބަފައިން ކުށަށް ޒިންމާދާރު ކުރުވުން މިހާރަށް ވުރެ ހަރުދަނާ ކުރުމެވެ.
އޭގެ މިސާލެއްގެ ގޮތުގައި އެމެރިކާ ނަންގަވައި އޭނާ ވިދާޅުވީ، އެ ގައުމުގެ ސްކޫލުތަކުގައި ކުޑަކުދިން ބަޑި ޖަހާ މައްސަލަ އިތުރުވެފައިވާއިރު، އެ ކުށް ކުރަނީ ބެލެނިވެރިއެއްގެ ޒިންމާގެ ދަށުގައި އޮންނަ ބަޑިއަކުން ކަމަށްވާނަމަ ބެލެނިވެރިޔާގެ މައްޗަށް ކުށުގެ ދައުވާ ކުރެވޭ ކަމަށެވެ.
"އެ ފެންވަރަށް އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންގެ ގާނޫނީ ނިޒާމު ބަދަލުވާން، އޭގެ ބެލެނިވެރިންނާއި މައިންބަފައިގެން ޒިންމާއެއް އޮތް ކަމާއި ފުރިހަމައަށް އެ ޒިންމާ މަތިކުރާނެކަން، ދައުލަތުން އެ ޒިންމާ މަތިކުރާނެކަން އެ މީހުންނަށް ކަށަވަރުވާ ވަރަށް ގާނޫނުތައް ބަދަލުވާން އެބަޖެހޭ،" އައްބާސް ވިދާޅުވިއެވެ.
އެ ބަދަލުތައް ގެނައުމުން ކުޑަކުދިން ބޭނުންކޮށްގެން ކުރާ ކުށްތައް ވަރަށް ބޮޑަށް މަދުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު ދަށްކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އިއުލާން ކުރެއްވީ މިދިޔަ އޭޕްރިލް މަހުގައެވެ.
އއ. ރަސްދޫގައި ކުޑަކުދިންތަކެއް، އެހެން ކުއްޖަކަށް އަނިޔާކޮށް ބުލީކުރާ މައްސަލައަކާ ގުޅުވައި އިހުސާން ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު 15 އަހަރުން 12 އަހަރަށް ދަށްކުރުން ކަމަށެވެ.
މީގެ އިތުރުން މި ސަރުކާރުން ވަނީ، ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ، ކުށްކުރުމުގެ ނުރައްކާ އޮތް ކުދިން 18 އަހަރު ފުރެންދެން ބެލުމަށް ވަކިން ރަށެއްގައި އެކަމަށް ޚާއްޞަ ފެސިލިޓީއެއް ގާއިމުކުރަން ނިންމައިފައެވެ. 'ހޯޕް އައިލެންޑް'ގެ ނަމުގައި ކުރިއަށްގެންދާ އެ ރިހެބިލިޓޭޝަން ފެސިލިޓީގައި ކުދިން ބެލުމަށް ފަހު، 18 އަހަރުވުމުން އެ ކުދިން ދިވެހި ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތް ކުރަންޖެހޭ ގޮތަށް އުސޫލެއް އެކުލަވާލަން ވިސްނާކަމަށް ވެސް އިހުސާން ވިދާޅުފައިވެއެވެ.
މިއަދު އައްބާސް ވަނީ، އެ މަޝްރޫއަކީ ވެސް ކުށުގެ ވެށީގައި ތިބި ކުދިންނާއި މުސްތަގުބަލުގައި ވެށްޓަށް ހުށަހެޅިދާނެ ކުދިން އިސްލާހު ކުރުމަށް ލިބޭ ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެ މަސައްކަތުގެ ތެރެއިން ވެސް، ކުޑަކުދިން ތަކުރާރުކޮށް ކުށަށް އަރައިގަތުން މަދުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.