ޖަލަށް ޑްރަގާއި ފޯނު ވެއްދި މައްސަލައިގައި ކަރެކްޝަންސްގެ ފަސް އޮފިސަރުންނަށް ދައުވާ ކޮށްފި

މަސްތުވާތަކެއްޗާއި ފޯނު ފަދަ ތަކެތި ޖަލަށް ވައްދައި ދީގެން ނުހައްގު މުއްސަނދިކަން ހޯދި ކަމަށް ތުހުމަތު ކުރެވޭ ބައެއް ޖަލު އޮފިސަރުން- ފޮޓޯ: ފުލުހުން

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަސް ޖަލު އޮފިސަރެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިންލް ކޯޓަށް ހުށައަޅައިފިއެވެ.

މިކަމާ ގުޅުވާ އެ އޮފީހުން ބުނީ ކަރެކްޝަންސްގެ މުވައްޒަފުންތަކެއް އެ ސާވިސްގެ ވަޒީފާގައި ތިބެ، ޤާނޫނުގައިވާ ގޮތުގެމަތިން އަދާކުރަންޖެހޭ ވާޖިބުތަކާ ޚިލާފުވެ، އަދާކުރި ވަޒީފާގައި ހިންގާ ހުއްދަނޫން ކަންކަމުން މާލީ މަންފާ ހޯދައި، ވަޒީފާއާއި ނުބައްދަލު ފައިސާގެ މުއާމަލާތް ކޮށްފައިވާކަމަށް ތުހުމަތު ކުރެވިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤެއް ހިންގައި އެ އޮފީހަށް މައްސަލަ ހުށަހަޅާފައި ވާކަމަށެވެ.

އަދި އޭގެތެރެއިން ފަސް މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވާކަމަށްވެސް އެ އޮފީހުން ވަނީ ބުނެފަައެވެ.

މަސްތުވާތަކެއްޗާއި ފޯނު ފަދަ ތަކެތި ޖަލަށް ވައްދައި ދީގެން ނުހައްގު މުއްސަނދިކަން ހޯދި ކަމަށް ތުހުމަތު ކުރެވޭ ބައެއް ޖަލު އޮފިސަރުން- ފޮޓޯ: ފުލުހުން

ދައުވާ ކުރުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ ރ. އުނގޫފާރު، އައިވަރީހައުސް، ޖިނާޙް ޢަބްދުއްރަޙީމާއި ކ. މާފުށި، ބީޗްހައުސް، ޢަލީ ހިޝާމާއި ހދ. ނޭކުރެންދޫ، ތަރާނާގެ، ޢަލީ ނާޡިމްގެ ނަމާއި ގއ. ވިލިނގިލި، ކުއްޅަވައްގެ، މުޙައްމަދު ފަތޫޙު ފަތުޙުﷲގެ އިތުރުން ނ. ލަންދޫ، ކާމިނީގެ، ޢަލީ އަސްފާޤުގެ މައްޗަށެވެ.

މީގެތެރެއިން ޖިނާޙް ޢަބްދުއްރަޙީމާއި ޢަލީ ހިޝާމްގެ މައްޗަށް ޕީޖީ އޮފީހުން ކޮށްފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދަޢުވާ އާއި ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދަޢުވާއެވެ.

އަދި ޢަލީ ނާޡިމާއި މުޙައްމަދު ފަތޫޙު ފަތުޙުﷲ އާއި ޢަލީ އަސްފާޤްގެ މައްޗަށް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ އާއި ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދަޢުވާއެވެ.

ޕީޖީ އޮފީހުން ވަނީ މި މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދަޢުވާކުރެވޭ މިންވަރަށް މި ވަގުތު ހެއްކާއި ޤާރީނާ ލިބިފައިނުވާތީ، މިވަގުތަށް ދަޢުވާ ނުކުރުމަށް ނިންމާފައި ވާކަމަށް ބުނެފައެވެ.

މި މައްސަލައިގެ ތަޙުޤީޤު އަދިވެސް ކުރިއަށްދާތީ އިތުރު ބައިތަކުގެ ތަޙުޤީޤު ނިމުމުން ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދަޢުވާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ޖަލުތަކަށް މަސްތުވާތަކެތި ވެއްދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ 13 އޮފިސަރުންގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިމަހުގެ 10 ވަނަ ދުވަހުގައެވެ.

https://sun.mv/195313

މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި ކަރެކްޝަންސްގެ ވަޒީފާގައި ތިބި މީހުންނާއި އެ ވަޒީފާއިން ވަކިވެފައިވާ ބަޔަކު ވެސް ހިމެނެއެވެ.

މި މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ވަޒީފާއިން ވަކިވެފައިވީ ކަމުގައި ވިޔަސް ކޮށްފައިވާ ކުށަށް ގާނޫނުން އެ މީހަކަށް ކަނޑައެޅޭ ހައްގު އަދަބު ލިބޭނެކަމަށް ބުނެފައެވެ.

އަދި މިކަމުން އެއްވެސް މީހަކަށް އިސްތިސްނާއެއް ނޯންނާނެ ކަމަށާއި މި ކަންކަމުގައި ތަހުގީގުގެ ދަށުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށް މިނިސްޓަރު އިހުސާން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

comment ކޮމެންޓް