ޖަލަށް ޑުރަގު ވައްދައިދިން މައްސަލަ: 13 އޮފިސަރުންނަށް ދައުވާކުރަން ފޮނުވައިފި

މި މައްސަލައާ ގުޅިގެން ފުލުން އާންމު ކޮށްފައިވާ ފޮޓޯ--- ފޮޓޯ/ ފުލުހުން

ޖަލުތަކަށް މަސްތުވާތަކެތި ވެއްދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ 13 އޮފިސަރުންގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އޮފީހަށް މިއަދު ފޮނުވައިފިއެވެ.

ފައިސާގެ ބޭނުމުގައި ޖަލަށް ތަކެތި ވައްދައިދޭ ޖަލު އޮފިސަރުންތަކެއް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ، މާފުށީ ޖަލުން ހައްޔަރުކުރި ނުވަ މިހަކާއި ކ. ކާށިދޫއިން ހައްޔަރުކުރި ދެ މީހުންނާއި ހއ. އުތީމުން ހައްޔަރުކުރި މީހެއްގެ އިތުރުން މާލެއިން ހައްޔަރުކުރި މީހެކެވެ.

ފުލުހުން ބުނީ، މި 13 މީހުންގެ މައްސަލަ ބަލައި ތަހުގީގުކޮށް ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.

ހައްޔަރުކުރި ކަރެކްޝަންސްގެ އޮފިސަރުން -- ފޮޓޯ/ ފުލުހުން

މިދިޔަ 2023 ވަނަ އަހަރު ކަރެކްޝަންސްގެ 18 މުވައްޒަފެއްގެ އެކައުންޓަށް ގައިދީންގެ އެކައުންޓުތަކުން ޖުމްލަ 73،600،000 ރުފިޔާ ދައުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހައްޔަރުކުރި ކަރެކްޝަންސްގެ އޮފިސަރުން -- ފޮޓޯ/ ފުލުހުން

އަދި، މި 18 މުވައްޒަފުންގެ ތެރެއިން ހަ މުވައްޒަފުން ކަރެކްޝަންސްގެ ވަޒީފާއިން ވަކިވެފައިވާ ކަމަށް ވެސް އޭރު ފުލުހުން ވަނީ ބުނެފައެވެ.

މި ކަމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވަނީ ވަޒީފާއިން ވަކިވެފައިވީ ކަމުގައި ވިޔަސް ކޮށްފައިވާ ކުށަށް ގާނޫނުން އެ މީހަކަށް ކަނޑައެޅޭ ހައްގު އަދަބު ލިބޭނެ ކަމަށެވެ.

މި ކަމުން އެއްވެސް މީހަކަށް އިސްތިސްނާއެއް ނޯންނާނެ ކަމަށާއި މި ކަންކަމުގައި ތަހުގީގުގެ ދަށުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް