ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަކިކުރަން މިރޭ ރައްޔިތުންގެ މަޖިލީހުގައި ޖަލްސާ ފެށިތަނާހެން ޝަމީމް އިސްތިއުފާ ދެއްވި ނަމަވެސް އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ނުލިބޭތީކަމަށް ބުނެ ވޯޓަށް އަހައި ޝަމީމް އެ މަގާމުން ވަކިކޮށްފިއެވެ.
ޝަމީމް ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ މިރޭގެ ޖަލްސާގައި އެެޖެންޑާކޮށް، ޖަލްސާ ފެށިތަނާހެން ޝަމީމް ވަނީ ޕީޖީގެ މަގާމުން މިރޭ އިސްތިއުފާ ދެއްވައިފައެވެ.
ނަމަވެސް ޝަމީމްގެ އިސްތިއުފާ ރައީސް އޮފީހަށް ލިބިފައިވާކަން މަޖިލީހަށް ކަށަވަރުނުވާތީ ޖަލްސާ ކުރިއަށް ގެންދިޔައީއެވެ. އެއާއެކު މެމްބަރުން ބަހުސްކޮށް ނިމުމަށްފަހު، ޝަމީމް ވަކިކުރުމަށް ގޮތެއް ނިންމުމަށް ވޯޓަށް އެހުމަށް ޓަކައި ވޯޓުގެ ރަނގަބީލު ޖެހިއެެވެ.
އެއާއެކު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވަނީ ވޯޓަށް އެހުމުގެ ކުރިން ވެސް ޝަމީމްގެ އިސްތިއުފާ ރައީސް އޮފީހަށް ލިބުނުތޯ ކަށަވަރުކުރައްވައިފައެވެ.
އެގޮތުން އެސިސްޓަންޓު ސެކްރެޓަރީ ޖެނެރަލް، ސެކްރެޓަރީ ޖެނެރަލްގެ ދެއްވި ލަފާގެ މަތީން ރައީސް އޮފީހަށް ގުޅައި ސިޓީ ނުލިބޭކަން ޔަގީންވުމުން ވޯޓަށް އެހީއެވެ.
"ސެކެރެޓަރީ ޖެނެރަލް ލަފާ ދެއްވައިފައި އޮތީ ވޯޓުގެ ރަނގަބީލުގެ ގަޑި ޖެހުނީމަ ވެސް ރައީސް އޮފީހަށް ގުޅައިފައި ސާފުކުރަން ސިޓީ ލިބުނުތޯ ނުވަތަ ނޫންތޯ. އެ ކަން ސާފުކުރައްވައިފި. ސިޓީ ލިބިފަކާއެއް ނެތް،" ނާޒިމް ވިދާޅުވިއެވެ.
އެއާއެކު ޝަމީމް ވަކިކުރަން 65 މެމްބަރުން ވޯޓު ދެއްވިއިރު ނުވަ މެމްބަރަކުވަނީ ވަކިކުރުމާ ދެކޮޅަށް ވޯޓު ދެއްވައިފައެވެ.
ޝަމީމް ވަކިކުރުމާއެކު 30 ދުވަސް ތެރޭ އާ ޕީޖީއަކު އައްޔަންކުރަން ޖެހޭނެއެވެ. ނަމަވެސް މަޖިލިސް މިރެއިން ފެށިގެން ޗުއްޓީއަށް ދާތީ އާ ޕީޖީއަކު އައްޔަންކުރަން ޖަލްސާ ބާއްވާނީ ދައުރުން ބޭރުންކަމަށް ނާޒިމް މިރޭ ވިދާޅުވިއެވެ.
އެއީ ރައީސް ހުށަހަޅުއްވާ ނަންތައް ދިރާސާކުރުމަށާއި ގޮތެއް ނިންމުމަށެވެ.
ޕީޖީ ޝަމީމް މަގާމުން ވަކިކުރަން ހުށަހެޅީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ.
އެ މައްސަލަ ދިރާސާކުރީ ޖުޑިޝަރީ ކޮމިޓީންނެވެ. އެ ކޮމިޓީއަށް މިއަދު ޝަމީމް ހާޒިރުކުރިއެވެ. އެކަމަކު، ކޮމިޓީގައި ތިއްބެވި ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ ހުށަހެޅުއްވުމަށް އެ ކޮމިޓީ ވަނީ ސިއްރުކޮށްފައެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން ވަނީ ޕީޖީކަމުގެ މަގާމުން ޝަމީމް ވަކިކުރަން ކޮމިޓީން ފާސްކުރިކަން 'ސަން'އަށް ކަށަވަރުކޮށްދެއްވައިފައެވެ.
އެގޮތުން، ކޮމިޓީގައި ޖުމުލަ 11 މެންބަރުން ތިއްބަވާއިރު ޝަމީމް ވަކިކުރަން ނުފެންނަ ކަމަށް ވޯޓުދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ދެ މެންބަރުން އެކަންޏެވެ. ބަކީ އަށް މެންބަރުން ވޯޓުދެއްވީ ޝަމީމް ވަކިކުރާށެވެ.