މި ހަފުތާގައި މުޅި ގައުމު އޮތީ މޭ ނުބައިކޮށްފައެވެ. އެއީ، އިމިގްރޭޝަނުން ހާމަކުރި ދެރަވަރުގެ އެތައްއެތައް ކަމެއް ފެނިފައެވެ.
އެންމެ ފުރަތަމަ އިމިގްރޭޝަންގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރީ ވަރަށް މުޑުދާރުކޮށް ފޯއް ކޮށައިގެން ވިއްކަމުންދިޔަ ބިދޭސީންތަކެކެވެ. އެ މީހުން އެއްވެސް ސާފުތާހިރުކަމެއް ނެތް ފާހާނާއެއް ދޮރުމަތީގައި ދުވަހަކު ސާފުނުކުރާ ކޮޓަރިއެއް ތެރޭގައި ފޯއް ހިއްކައި، ވިއްކަމުން ދިޔަ ގޮތް ފެނިފައި އޯކަށް ނުދެމޭ މީހަކު ގައުމުގައި މަދެވެ. އެކަމަކު، ދެން ފެނުނީ އަދި މާ ހުތުރު މަންޒަރެކެވެ. އިވުނީ މާ ހިތާމަހުރި ވާހަކައެކެވެ.
އިމިގްރޭޝަންސްއިން ހޯދަން އިއުލާނުކުރި ބިދޭސީއެކެވެ. އެ މީހާއަށް ކުރެވެނީ ބުޅާ މަރައި، އޭގެ މަހުން ކާބޯތަކެތި ރައްކާތެރިކުރުމުގެ ތުހުމަތެވެ. އެ ކަމާ އަދިވެސް އެންމެން ތިބީ މޭ ނުބައިކޮށްފައެވެ. އެ ފަހުން ރަނގަޅަށް މަސްކޮޅެއް ނުކެވޭ މީހުން ވެސް އެބައުޅެއެވެ.
ސިލްސިލާ ގޮތެއްގައި ގެނެސްދޭ 'ސަން އެޑިޓާސް ޓޯކް' ޕޮޑްކާސްޓްގައި މި ހަފުތާގައި އަލިއަޅުވައިލީ މި މައްސަލައަށެވެ.
މި ހަފުތާގެ ޕޮޑްކާސްޓް ފައްޓަވަމުން 'ސަން'ގެ މެނޭޖިން އެޑިޓަރު އަހުމަދު ސާއިލު އަލީ ވަނީ މި ފަދަ ކަންކަން ބަލަހައްޓައި ރެގިއުލޭޓްކުރުމުގެ ޒިންމާ މަތިކޮށްފައި އޮންނަ މޯލްޑިވްސް ފުޑް އެންޑް ޑުރަގު އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ބަޖެޓު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ބަޖެޓަށް ވުރެ ވެސް ބޮޑުކަން ފާހަގަކުރައްވައިފައެވެ.
ސާއިލް މައިގަނޑު ގޮތެއްގައި ވިދާޅުވީ، އެމްއެފްޑީއޭއިން ޒިންމާ އަދާކުރަންޖެހޭ ކަަމަށާއި ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ. އެ ގޮޮތުން، އިމިގްރޭޝަނުން އާންމުންނަށް ބިދޭސީންގެ މައްސަލަތައް ރިޕޯޓުކުރެވޭ ގޮތަށް ތައްޔާރުކުރި 'އިމިގްރޭޝަން ވޮޗް' ފަދަ ވަސީލަތްތައް އެމްއެފްޑީއޭގައި ނެތީ ކީއްވެތޯ އޭނާ ސުވާލު އުފެއްދެވިއެވެ.
އެ ކަމަށް އަލިއަޅުވައިލައި ސަންގެ ސިޔާސީ ކަންކަމާ ބެހޭ އެޑިޓަރު އަހުމަދު އިނާހް ވިދާޅުވީ، އެމެރިކާ ފަދަ ގައުމުތަކުގައި ވެސް އެފްޑީއޭ އޮންނަ ކަމަށާއި އެ ތަންތަނުން ގަވާއިދުން ކާބޯތަކެތި އުފައްދާ ތަންތަނުގެ ސާފުތާހިރުކަމާއި ސިއްހީ ކަންކަމާ ގުޅޭ ރިޕޯޓުތައް އާންމުންނަށް ފެންނާނެހެން ޝާއިއުކުރާ ކަމަށެވެ. އަދި، އެ ފަދަ ކާބޯތަކެތި ތައްޔާރުކުރާ ތަންތަނުގައި ވެސް ސާފުތާހިރުކަމާ ގުޅޭ ރިޕޯޓުތައް ފެންނަން ހުންނަން މަޖުބޫރުކޮށްފައިވާ ކަމަށެވެ.
ރާއްޖޭގެ އެމްއެފްޑީއޭ ވަކި އޮފީހެއްގެ ގޮތުގައި އުފެދުނު ފަހުން 18 އަހަރު ވެއްޖެކަން ފާހަގަކުރައްވައި އިނާހު ވަނީ އެމްއެފްޑީއޭއިން ޖަވާބުދާރީވާން ޖެހޭނެކަމަށް ވިދާޅުވެފައެވެ.
އެޑިޓާސް ޓޯކް ޕޮޑްކާސްޓްގައި ދެން ބައިވެރިވީ ސަންގެ މަލްޓިމީޑިއާ އެޑިޓަރު މުޙައްމަދު ނާއިލް ހަފީޒެވެ. އޭނާ ވަނީ ދުނިޔޭގެ ތަހުޒީބީ ގައުމުތަކުގައި ކާބޯތަކެތި ހައްދާ ދަނޑުތަކުން ފެށިގެން އެ ތަކެތި ތައްޔާރުކޮށް ނިމި ފިހާރައިން ގަނެގެން ގެންދާ މީހާއާ ހަމައަށް ވާސިލުވީ ގޮތް އެނގެން ހުންނަކަން ފާހަގަކުރައްވައިފައެވެ.
އެގޮތުން، ކިއުއާރު ކޯޑެއްގެ ޒަރިއްޔާއިން އެ ތަކެތި ތައްޔާރުކޮށް އުފެއްދި ގޮތާ ގުޅޭ ތަފުސީލުތައް އެނގެން ވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ނާއިލް ވެސް ވަނީ އެމްއެފްޑީއޭއިން އެ އިދާރާގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރޭތޯ ސުވާލު އުފައްދައިފައެވެ.
'ސަން އެޑިޓާސް ޓޯކް' ޕޮޑްކާސްޓްގައި ސަންގެ އެޑިޓަރުން ދެން އަލިއަޅުވައިލީ ވެސް އެ ކަމަށެވެ. ދުނިޔޭގެ ގައުމުތަކުގައި ކަން ކުރަމުން އަންނަ ގޮތާއި، މި ހާލަތު މެދުވެރިވުމުން ދެން ނުކޮށް ދޫކޮށްނުލެވޭނެ ކަންކަމާއި އާންމުން މި ކަންކަމުގައި ސަމާލުވާންވީ ކަންކަމާ ގުޅޭ ގޮތުން ވެސް ވާހަކަ ދެކެވުނެވެ. މުޅި ޕޮޑްކާސްޓް އައްސަވާލައްވާށެވެ.