ބުޅާ މަހާއި ނުސާފު ފޯއް: މުޅިން ވެސް އިހުމާލު!

މުޑުދާރުކޮށް ކާބޯތަކެތި ތައްޔާރުކޮށް ވިއްކާއިރު އާއްމުން އޯގާދެމުމުގައި--

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮޓޯރިޓީ (އެމްއެފްޑީއޭ)ގެ ވެރިންނަށް ހަމަ މި ގޮތް ވަރިހަމަތޯއެވެ؟ މުޅަ މަހާއި މުޑުދާރު ތަކެތި ރައްޔިތުންނަށް ކާން ދެމުންދާއިރު އެ ގޮތް ހަމަ އެންމެ ރަނގަޅު ތޯއެވެ؟

މި ސުވާލަށް އެ އޮތޯރީޓީން ދޭނީ "ނޫން" މި ޖަވާބުކަން ވަރަށް ސާފެވެ. ނަމަވެސް، އަމަލުތައް ހުރީ އެގޮތަށް ކަމަށް ގަބޫލުކުރެވޭކަށް ނެތެވެ. ވޭތުވެދިޔަ 24 ގަޑިއިރަށް އެކަނި ބެލި ނަމަވެސް ފެނުނު މަންޒަރުތަކުން ގިނަ ރައްޔިތުން ތިބީ އޯކާދެމިދެމިއެވެ.

https://sun.mv/195678

ގިނަ ބަޔަކު އިއްޔެ މޭ ނުބައިކުރަން ފެށި އެއް ސަބަބަކީ، ސާބަސް ދޭފަދަ މަސައްކަތެއް މިހާރު ކުރަމުން އަންނަ އިމިގްރޭޝަނުން އިއްޔެ މެންދުރު ހާމަކުރި ފޮޓޯތަކަކުންނެވެ. ވަރަށް މުޑުދާރުކޮށް ފާހާނާ ކައިރީގައި އެއްވެސް ކަހަލަ ސާފުތާހިރުކަމެއް ނެތް ގޮތަށް، ދިވެހީން އާންމުކޮށް ދުފަން ބޭނުންކުރާ ފޯއް ތައްޔާރުކޮށް ވިއްކަން އުޅުނު ބިދޭސީންތަކެއް ހައްޔަރުކޮށް އެތަން ހުރި ހާލަތު ދައްކައިލިއެވެ.

މ. ރީތި އޯކިޑްގޭގެ ފޮޓޯތަކުން ފެންނަނީ އެ ގޭގައި އެއްވެސް ސާފުތާހިރުކަމެއް ނެތް ފާހާނާއެއްގެ ދޮރު ބުޑުގައި ގޯންޏެއް ބާއްވައިގެން ފޯއް ހިއްކަމުން ދިޔަ ތަނެވެ. އެ ދޮރު ބުޑުގައި އެހެން ހަމެއްގައި ފޯއް އަޅާފައި ހުރި މަންޒަރު ވެސް ފެނެއެވެ. ކޮށާފައި ހުރި ފޯއް ބަހައްޓާފައި ހުރީ ހިނގާ މުށިތައް މަތީގައެވެ. އެ ގޭ ތެރޭގައި ވެސް ފޯއްތައް ހުރީ މުޑުދާރުކޮށް އުކާލައިފައެވެ. އެ މަތިން އެ މީހުން ބޭނުންކުރާ އަންނައުނު ހިއްކަން އަޅާފައި ހުރި ތަން ވެސް ފެނެއެވެ.

އެ މަންޒަރުތައް ފެނިފައި ދުފުމަށް ދެވިހިފާފައި ތިބި އެތައް ބަޔަކު ވެސް "ދެން ނުދުފާނަމޭ" ބުންޏެވެ. ދުފުމަކީ ސިއްހަތަށް ވަރަށް ނުރައްކާތެރި ކަމަކަށްވާއިރު އަދި މިހާ މުޑުދާރުކޮށް ތައްޔާރުކޮށްފައި ހުންނަ އެއްޗަކުން ދުފީމައި ދެން ވާނެ ގޮތް ވިސްނަވާށެވެ.

https://sun.mv/195689

އެ މަންޒަރުތަކުގެ މޭނުބައިކުރުން ރަނގަޅުނުވެ އުޅެނިކޮށް ދެން ލިބުނީ އަދި މާ ފަކުރު ޚަބަރެވެ. މާލޭ މަގުތަކުގައި އުޅޭ ބުޅާތައް ހިފައި އެ ކަތިލައިގެން އޭގެ މަސް ބޭނުންކޮށްގެން ކައްކައި ވިއްކާ ބަންގްލަދޭޝް މީހެއްގެ މައްސަލައެވެ. މީނާއާ ގުޅޭ ގޮތުން ފެލީން ވެލްފެއާ އޯގަނައިޒޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ، އެއީ ގަވާއިދާ ޚިލާފަށް މާލޭ ވަޅޯމަސް މާރުކޭޓުގައި މަސައްކަތް ކުރަމުންދިޔަ މީހެއް ކަމަށެވެ. އަދި، ބުޅާ ކަތިލައި، އޭގެ މަހުން ކާއެއްޗެހި ތައްޔާރުކޮށް، ޕާރުސަލް ވިއްކާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

އެއާއެކު އޭނާ ހޯދުމަށް ފުލުހުންނާއި އިމިގްރޭޝަނުން ވެސް މަސައްކަތް ފެށިއެވެ. ނަމަވެސް، މިހާތަނަށް އޭނާ އަތުލައި ގަނެވުނު ކަމެއް އަދި ނޭނގެއެވެ.

ބިދޭސީންތަކެއް މުޑުދާރުކޮށް ފޯއް ތައްޔާރުކުރި ތަނެއް: އެ ތަން ބަންދުކޮށް ބިދޭސީންތަކެއް ވަނީ ބަންދުކޮށްފައި -- ފޮޓޯ/ އިމިގްރޭޝަން

މި ހާލަތަށް ގައުމު ދިޔަކަން އެނގުނީ އިއްޔެ ނުވަތަ މިއަދަކު ނޫނެވެ. އެ ވާހަކަ ދެކެވޭތާ އެތައް ޒަމާނެއް ވެއްޖެއެވެ. ނުގަވާއިދުން އުޅޭ ބިދޭސީން ހައްޔަރުކުރަން އިމިގްރޭޝަނުން މިހާރު ފަށާފައިވާ އޮޕަރޭޝަންގެ ދަށުން މިކަމުގެ ހެކިތައް އެތައް ފަހަރަކު ދައްކައިފިއެވެ. ޅަދަރިން ސްކޫލު އިންޓަވަލްއަށް އެގެންދާ ބައެއް ތަކެތި ވެސް ތައްޔާރު ކުރަނީ ވަރަށް މުޑުދާރު ތަންތަނުގައި ބިދޭސީންކަން ފަޅާއަރުވާލައިފިއެވެ. ދިވެހީން އާއްމުކޮށް ކެއުމުގައި ބޭނުން ކުރާ ތެލުލިފަތާއި ގުޅަ ޕެކެޓާއި އެކިއެކި ލުއިކާނާތަކުގެ އިތުރުން ކިއްލިއާއި ފޯއް ޕެކެޓް ފަދަ ތަކެތި ތައްޔާރުކުރަނީ ވަރަށް މުޑުދާރު ތަންތަނުގައި އެއްވެސް ސާފުތާހިރު ކަމެއް ނެތް ގޮތަށް ކަން ވެސް ފަޅާއަރުވާލައިފިއެވެ. ބައެއް ހޮޓާތަކަށް ވަދެ ބަލައިފި ނަމަ ފެންނާނީ މިއަށްވުރެ ވެސް މާ މުޑުދާރު މަންޒަރެއްކަން ޔަގީނެވެ.

އިމިގްރޭޝަންގެ ބުރަ މަސައްކަތުން މި ހުރިހާ ހަގީގަތެއް ހެއްކާއެކު މިވަނީ ފެންމަތިކޮށްފައެވެ. ނަމަވެސް، ހިތާމައަކީ މިކަމުގެ ޒިންމާތައް ނަގަން ޖެހޭ އިދާރާ ގަދަ ނިދީގައި އޮތް ކަމެވެ.

އެމްއެފްޑީއޭއަށް ގާނޫނު ތަންފީޒު ކުރެވޭތަ؟

ސޯޝަލް މީޑިއާއަށް ބަލާލާއިރު ރައްޔިތުން އެންމެ ބޮޑަށް ނުރުހުން ފާޅު ކުރަމުން އަންނަ އެއްކަމަކީ އެމްއެފްޑީއޭގެ ޒިންމާ އަދާ ނުކުރާކަމަށް ބުނެއެވެ. ވާނީ ވެސް އެހެންނެވެ. ގާނޫނާއި ގަވާއިދުތަކުން އެ އިދާރާއަށް ގިނަ ޒިންމާތަކެއް ހަވާލުކޮށްފައި އެބަހުއްޓެވެ. އޭގެ ތެރޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުން ހިމެނެއެވެ. އެ އިދާރާގައި މަސައްކަތް ކުރާ ވެރިންނާއި މުވައްޒަފުންނަށް ބޮޑު ހޭދައެއް ޓެކްސް ފައިސާއިން އެބަކުރެއެވެ. ނަމަވެސް، ސުވާލަކީ އެ ހޭދައާ އެއްވަރަށް މަސައްކަތެއް ކުރެވޭތޯއެވެ؟

ރާއްޖޭގައި މިހާރު ވެސް ގާނޫނާއި ގަވާއިދުތައް ހެދިފައި ނެތީއެއް ނޫނެވެ. ވިޔަފާރި އުސޫލުން ކާބޯތަކެތި އުފައްދައި ވިއްކަން ޖެހޭނެ ގޮތް ލިޔެފައި ނެތީއެއް ވެސް ނޫނެވެ. ނުވެގެން އުޅޭ ކަމަކީ ގާނޫނު ތަންފީޒުކުރުމެވެ. އަދި، ގަވާއިދާ ހިލާފުވާ ފަރާތްތަކުގެ މައްސަލަތައް ބެލުމެވެ.

ބުޅާ މަހުގައި ތަކެތި ހައްދައި ވިއްކާ ކަމުގެ ތުހުމަތުގައި ހޯދަމުން އަންނަ މީހާ

އިމިގްރޭޝަންގެ އޮޕަރޭޝަންތަކުން ޔަގީންކުރެވޭ ކަމަކީ އެމްއެފްޑީއޭއަށް ކަންކަން މޮނީޓާނުކުރެވޭ ކަމެވެ. މުޑުދާރުކޮށް ކާބޯތަކެތި ވިއްކުން ބޮއްސުންލާފައިވަނީ އެހެންވެއެވެ. އިމިގްރޭޝަނުން އާއްމުންނަށް ޝަކުވާ ހުށަހެޅޭ ނިޒާމު ހަރުދަނާކުރުމާ އެކު މިފަދަ އެތައް މައްސަލައެއް މިވަނީ ހުއްޓުވިފައެވެ. އެމްއެފްޑީއޭއިން ވެސް މިފަދަ ހަރުދަނާ ނިޒާމެއް މައްސަލަތައް ރިޕޯޓް ކުރުމަށް އެކަށައަޅައި އޮޕަރޭޝަންތައް ކުރިއަށް ގެންދިޔަ ނަމަ މި ކަންކަން ހުއްޓުވޭނެކަން ޔަގީނެވެ.

އެމްއެފްޑީއޭއިން މިފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލާއި އެ އޮތޯރިޓީއަށް ގާނޫނު ތަންފީޒުނުކުރެވޭ ސަބަބު ހޯދާލުމަށް މި މަހުގެ ހަތްވަނަ ދުވަހާއި ރޭ ވެސް މަސައްކަތް ކުރީމެވެ. ނަމަވެސް، ހެލްތުގެ މީޑިއާ އޮފިޝަލް އެއްވެސް ސުވާލަކަށް ޖަވާބު ނުދެއްވާތީ އެ އިދާރާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

އަބަދު ރޯގާއެއް ނުފިލާ

އިންސާނާގެ ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިބެނީ ކާނާއިން ކަމަށްވާއިރު އެ ކާނާއަކީ މުޑުދާރުތަކެތި ނަމަ ދެން ވާނެ ގޮތް ވަރަށް ސާފެވެ. އަބަދު އުޅެން ޖެހޭނީ ކޮންމެ ވެސް ބައްޔެއް ޖެހިގެންނެވެ. މިއަދު ދިވެހި މުޖުތަމައަށް ބަލާއިރު ތަފާތު ރޯގާތަކާއި އެކިއެކި ބަލިތައް އިންތިހާއަށް ގިނައެވެ.

ރާއްޖޭގައި މިހާރު ވެސް އެންމެ ގިނަ މީހުން މަރުވާ އެއް ސަބަބަކީ ގައިން ގަޔަށް ނާރާ ބަލިތަކެވެ. އޭގެ ތެރޭގައި ހިތުގެ ބައްޔާއި ކެންސަރު ފަދަ ނުރައްކާތެރި ބަލިތައް ހިމެނެއެވެ. ހަކުރު ބަލި ޖެހުމާއި ކޮލެސްޓްރޯލް މަތިވުންފަދަ މައްސަލަތަކަކީ ވެސް ދިވެހީންގެ މެދުގައި އާއްމު ކަންކަމެވެ. ގަޑުބަޑުކޮށްފައި ހުންނަ ސާފުތާހިރުނޫން ކާބޯތަކެތި ކެއުމަކީ ސިއްހަތަށް ބޮޑު ނުރައްކަލެކެވެ.

ސިއްހީ ދިރާސާތަކަށް ބަލާއިރު ގެއްލުން ހުރި ބެކްޓީރިއާ، ވައިރަސް، ނުވަތަ ޕެރަސައިޓުން ތަޣައްޔަރުވެފައިވާ ކާނާ ކެއުމުން ތަފާތު ބަލިތައް ފެތުރެއެވެ. ގިނަ ފަހަރަށް އަލާމާތްތަކުގެ ތެރޭގައި މޭ ނުބައިކުރުން، ހޮޑުލުން، ބޭރަށްހިންގުން، ބަނޑުގައި ރިހުން، އަދި ހުމުގެ އަސަރު ހިމެނެއެވެ. ސާފު ތާހިރުކަން ދަށް ކާނާ ގިނަ ދުވަސް މަތިން ކެއުމަކީ ކިޑްނީ ފެއިލްވުމާއި، ދިގުމުއްދަތަކަށް އާތުރައިޓިސް، އަދި ސިކުނޑިއާއި ނާރުތަކަށް ގެއްލުން ލިބުންފަދަ ބޮޑެތި ސިއްހީ މައްސަލަތައް ކުރިމަތިވާ ކަމެކެވެ. ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ދިފާޢީ ނިޒާމު ބަލިކަށި މީހުންނަށް މިކަމުގެ އަސަރު ބޮޑަށްކޮށް، އެކިއެކި ބަލިތައް ޖެހުން އެކަށީގެންވެއެވެ.

އެމްއެފްޑީއޭއަށް ބަދަލުތަކެއް ބޭނުން

ކާބޯތަކެތި ރައްކާތެރިކަމުގެ ބިލް މަޖިލީހުން ފާސްކޮށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މިދިޔަ މޭ މަހުގެ 23 ވަނަ ދުވަހު އެ ބިލް ތަސްދީގު ވެސް ކުރައްވައިފައެވެ. މި ގާނޫނަކީ، ދިވެހިރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ ކާބޯތަކެއްޗާއި، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ ކާބޯތަކެއްޗަކީ ރައްކާތެރި ކާބޯތަކެތިކަން ކަށަވަރުކުރުމަށް ބާރު އަޅައި ގާނޫނެކެވެ. އަދި، ސިއްހަތަށް ފައިދާހުރި، އަދި އާންމު ސިއްހަތަށް ގެއްލުންނުވާފަދަ ތަކެތިކަން ކަށަވަރުކުރުމަށްޓަކައި ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމާއި، ރައްކާތެރިކަން ދެމެހެއްޓުމާގުޅޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް ހަދާފައިވާ ގާނޫނެކެވެ. އަންނަ ހޮނިހިރު ދުވަހު މި ގާނޫނަށް އަމަލު ކުރަން ފަށާނެއެވެ. ނަމަވެސް، ސުވާލަކީ އެމްއެފްޑީއޭއަށް މިކަން ތަންފީޒު ކުރެވޭނެތޯއެވެ؟

އާއްމުން ބޭހެއް ނުވަތަ އެހެން އެއްޗެއް ގަނެގެން ބޭނުން ކުރަމުން ދަނިކޮށް ތި ބޭނުން ކުރުން ރަނގަޅު ނޫން ކަމަށް ބުނެ އިއުލާނެއް ކުރުމަކީ އަދި ޒިންމާ އަދާ ކުރުމެއް ނޫނެވެ. ރައްޔިތުންގެ ސިއްހަތު ނުރައްކަލަކަށް ހުށަހެޅުނަ ނުދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަން ޖެހެއެވެ. ނަމަވެސް، މިހާރު އެމްއެފްޑީއޭއަށް އެކަން ކުރެވޭތޯ މިއީ އެންމެ މުހިންމު ސުވާލެވެ.

މުޑުދާރުކޮށް އުފައްދާ ކާބޯތަކެތި ވިއްކުން މިހާ އާއްމު ވެފައިމިވަނީ ގާނޫނާއި ގަވާއިދުތައް ތަންފީޒު ނުކުރެވޭތީކަން ޔަގީނެވެ. އެހެންކަމުން އެކަމުގެ ޒިންމާ އުފުލަން ތިބި ބޭފުޅުންނަށް އެކަން ނުވާނަމަ ބަދަލުތައް ގެންނަން އެބަޖެހެއެވެ. ގާބިލު ނޫން ނަމަ ވަކިކޮށް އާ ވެރިން އައްޔަންކުރުމަކީ ވެސް ކުރެވޭނެ ކަމެކެވެ. އިތުރު ބަޖެޓާއި ވަސީލަތްތައް ދިނުމަކީ ވެސް ކުރެވޭނެ ކަމެކެވެ. އެނގޭހާ ވެސް އެއްޗަކީ އެމްއެފްޑީއޭއަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމެވެ.

މި ހާލަތަށް ގައުމު މި ދިޔައީ އިހުމާލުތަކެއްގެ ސަބަބުންކަން ޔަގީނެވެ. މިއީ ވަރަށް ބޮޑު އިހުމާލެކެވެ. ވަކި އިދާރާއެއް ފެއިލްވެގެން މި ހާލަތަށް ކަންކަން ދިޔަނަމަ އެކަން ބަލަން ޖެހޭނެއެވެ. އަދި، މިކަން ތަކުރާރު ނުވާނެކަން ޔަގީން ކުރަން އެބަޖެހެއެވެ. އެމްއެފްޑީއޭ ގަދަ ނިދިން ހޭލަން އެބަޖެހެއެވެ.

comment ކޮމެންޓް