ޖަލުގައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އިނގިރޭސިވިލާތުގެ މަޝްހޫރު ޔުނިވާސިޓީ އޮފް އޮކްސްފޯޑްގެ ޗާންސެލަރުގެ މަގާމަށް ކުރިމަތިލައްވައިފައިވާ ކަމަށް އޭނާގެ ޕާޓީން ބުނެފިއެވެ.
އޮކްސްފޯޑްގެ ކުރީގެ ދަރިވަރެއްގެ ގޮތުގައި ވެސް ހުންނެވި އިމްރާނުގެ ހުށަހެޅުން ރަސްމީކޮށް ހުށަހެޅީ އިމާރާން ނިސްބަތްވެވަޑައިގަންނަވާ ޕާކިސްތާން ތަހްރީކް އިންސާފް (ޕީޓީއައި) ގެ ލަންޑަންގައި ހުންނަ ތަރުޖަމާނު ސައިދު ޒުލްފިކަރު ބުޚާރީ މެދުވެރިކޮށް ކަމަށް އެ ޕާޓީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
"ގާނޫނާ ޚިލާފަށް އަހަރަކަށް ވުރެ ގިނަ ދުވަހު ޖަލުގައި ހުންނެވި ނަމަވެސް، އިމްރާން އަދިވެސް ހުންނެވީ އޭނާގެ އުސޫލުތަކުގެ މަތީގައި،" ޕީޓީއައިގެ ޕޯސްޓުގައި ބުނެފައިވެއެވެ.
“ޗާންސެލަރަކަށް ވެއްޖެނަމަ އޭނާ ވާނީ އޭޝިއާ ނަސްލުން އޮކްސްފޯޑުގެ ޗާންސެލަރަކަށް ވާ ފުރަތަމަ މީހަކަށް. އެއީ ހަމައެކަނި ޕާކިސްތާނަށް ލިބޭނެ ފަޚުރެއް ނޫން. އެއީ މުޅި އޭޝިއާ އާއި ދުނިޔޭގެ އެހެން ގައުމުތަކަށް ލިބޭނެ ވަރަށް ބޮޑު ކާމިޔާބަކަށް ވާނެ،" ބުޚާރީ ވިދާޅުވިއެވެ.
ޗާންސެލަރުކަމަށް ހުށަހަޅައިފައިވާ އިމްރާންގެ ޕާޓީން އިއުލާންކޮށްފައިވަނީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި ހޮންގް ކޮންގްގެ އިނގިރޭސި ގަވަރުނަރު ކްރިސް ޕެޓެން މަގާމުން ވަކިވާނެކަން ފެބްރުއަރީ މަހު އިއުލާން ކުރެއްވައިފައިވަނިކޮށެވެ.
ޔުނިވާސިޓީގެ ވެބްސައިޓުގައިވާ ގޮތުން 10 އަހަރުގެ ދައުރަށް ކެންޑިޑޭޓުންގެ ލިސްޓް އޮކްޓޯބަރު މަހުގެ ނިޔަލަށް އާންމު ނުކުރާނެ ކަމަށާއި ވޯޓުލުން ބާއްވަން ހަމަޖެހިފައި ވަނީ އެ މަސް ނިމޭއިރުއެވެ.
އިމްރާން ވަނީ 1975 ވަނަ އަހަރު އޮކްސްފޯޑު ޔުނިވާސިޓީން ޑިގްރީ ހާސިލް ކުރައްވައިފައެވެ.
އެއަށްފަހު ޕާކިސްތާނުގެ އެންމެ މޮޅު އެއް ކްރިކެޓް ކުޅުންތެރިޔާގެ ގޮތުގައި ދުވަސްތަކެއް ހޭދަކުރެއްވިއެވެ. އިމްރާން ވަނީ 2005 ވަނަ އަހަރުން 2014 ވަނަ އަހަރަށް ޔުނިވާސިޓީ އޮފް ބްރެޑްފޯޑުގެ ޗާންސެލަރުކަންވެސް ކުރައްވައިފައެވެ.
އޭގެ ފަހުން ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެން، 2018 ވަނަ އަހަރުން 2022 ވަނަ އަހަރުގެ ނިޔަލަށް ޕާކިސްތާނުގެ ބޮޑުވަޒީރުކަން ކުރެއްވެވިއެވެ.
ދެހާސް ބާވީސް ވަނަ އަހަރު އިމްރާން މަގާމުން ވަކިކުރީ އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށްފަހުގައެވެ.
ޚިޔާނާތާއި، އަނިޔާވެރިކަމަށް ބާރު އެޅި ކަމަށް ދައުވާކޮށް އިމްރާން ޖަލަށް ލާފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގައެވެ. ނަމަވެސް މަގާމުން ވަކިކޮށް އެ ދައުވާތައް އޭނާގެ މައްޗަށްކޮށްފައި ވަނީ ޕާކިސްތާނުގެ އަސްކަރިއްޔާ އަޑީގައި އޮވެގެން ކަމަށް އިމްރާނާއި އޭނާގެ ޕާޓީން ތުހުމަތުކުރެއެވެ.