އައިއެމްއެފުން ޕާކިސްތާނަށް 7 ބިލިއަން ޑޮލަރުގެ ލޯނެއް

ޕާކިސްތާނުގެ ބޮޑު ވަޒީރު ޝެހެބާސް ޝަރީފް -- ފޮޓޯ/އީޕީއޭ

ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ ޕާކިސްތާނަށް ހަތް ބިލިއަން ޑޮލަރުގެ އާ ލޯނެއް ދޭން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ފާސްކޮށްފިއެވެ.

ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް، ބުދަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އޭނާގެ ޓީމުން އައިއެމްއެފްއާ އެކު ޖޫން މަހުން ފެށިގެން މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އަދި، އެއްބަސްވުމަށް ރުހުން ދެއްވުމުން ޝެހެބާޒް ވަނީ އައިއެމްއެފްގެ އިސްވެރިޔާ ކްރިސްޓަލީނާ ޖޯޖީވާއަށް ޝުކުރުއަދާކުރައްވައިފައެވެ.

އިސްލާމްއާބާދުން މަސައްކަތްކުރަމުން އައީ އައިއެމްއެފްއިން ކުރި ޝަރުތުތައް ތަންފީޒުކޮށް، 37 މަސް ދުވަހުގެ ލޯނު ޕްރޮގްރާމް ނިންމުމަށެވެ.

މިހާރު ކުރިއަށްދާ އދގެ އަންމު މަޖިލީހުގެ ހަވާސާގައި، ޕާކިސްތާނުގެ މީޑިއާތަކާ ވާހަކަފުޅު ދައްކަވަމުން ޝެހެބާޒު ވިދާޅުވީ، ޗައިނާއާއި ސައުދީ އަރަބިއްޔާގެ އެހީތެރިކަމާ އެކު، އައިއެމްއެފްގެ ހުރިހާ ޝަރުތުތަކެއް އެ ގައުމުން ފުރިހަމަކޮށްފައިވާ ކަމަށެވެ.

މި މަހުގެ ކުރީކޮޅު ޕާކިސްތާނުގެ ބޭރުގެ ދަރަނި 130 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާފައިވާއިރު، ގާތްގަނޑަކަށް 30 ޕަސެންޓް ދައްކަންޖެހެނީ އެ ގައުމުގެ އެންމެ ގާތް އެކުވެރި އަދި ހުޅަނގާ ވާދަވެރި ކަމަށް ބެލެވޭ ޗައިނާއަށެވެ.

އެ ގައުމުން ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ގާތްގަނޑަކަށް 90 ބިލިއަން ޑޮލަރުގެ ލޯނު ދައްކަންޖެހޭއިރު، އެންމެ ބޮޑު ލޯނެއް ދައްކަން ޖެހެނީ ޑިސެމްބަރު މަހުގެ ކުރިންނެވެ.

ޕާކިސްތާނަކީ ދިގު ޒަމާންތަކެއް ވަންދެން އިގުތިސާދީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ގައުމެކެވެ. މި ވަގުތު އެ ގައުމަކީ އައިއެމްއެފްގެ ފަސްވަނައަށް އެންމެ ބޮޑު ދަރަނިވެރި ގައުމު ކަމަށާއި، ޖުލައި 11 ގެ ނިޔަލަށް 6.28 ބިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް އައިއެމްއެފްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް