ޕާކިސްތާނުގެ ކަރާޗީގެ ޖިންނާ އިންޓަނޭޝަނަލް އެއާޕޯޓް ކައިރީގައި ގޮވުމެއް ގޮވައި، ޗައިނާ ދެ މީހަކު މަރުވެއްޖެއެވެ.
ޕާކިސްތާނުގައި ހުންނަ ޗައިނާ އެމްބަސީއާ ހަވާލާދީ ބީބީސީން ބުނީ ޕާކިސްތާނު ގަޑިން ރޭ 23:00 ހާއިރު ހިނގި އެ ހާދިސާގައި ޕާކިސްތާނުގެ ގިނަ ބަޔަކު މަރުވެ ޒަޚަމްވެފައިވާ ކަމަށެވެ.
ޖުމްލަ މަރުވި މީހުންގެ އަދަދު އަދި ސާފެއް ނުވެއެވެ. އެމްބަސީން އިތުރަށް ބުނީ އެ ގޮވުން އަމާޒުކޮށްފައި ވަނީ އެގައުމުގެ ސިންދު ޕްރޮވިންސްގައި ކަރަންޓުގެ މަޝްރޫއެއް ހިންގަމުން އަންނަ ޗައިނާގެ އިންޖިނިއަރުންގެ ކޮންވޯޔަކަށެވެ.
ވަކިވެގަތުމަށް މަސައްކަތްކުރާ ބަލޫޗިސްތާން ލިބަރޭޝަން އާމީ (ބީއެލްއޭ) އިން ވަނީ އެ ހަމަލާގެ ޒިންމާ ނަގާފައެވެ. ފާއިތުވި އަހަރުތަކުގައި މަޝްރޫއުތަކުގައި ބައިވެރިވާ ޗައިނާގެ ރައްޔިތުންނަށް ބީއެލްއޭއިން އަންނަނީ އެކިވަރުގެ ހަމަލާތައް ދެމުން ކަމަށް ބީބީސީން ރިޕޯޓުކުރެއެވެ.
ޗައިނާ އެމްބަސީން ބުނީ އެ އިންޖިނިއަރުންނަކީ ޗައިނާގެ ފައިސާއިން ހިންގާ ވިޔަފާރި ޕޯޓް ޤާސިމް ޕަވާ ޖެނެރޭޝަން ކޯ ލިމިޓެޑުގެ ބައެއް ކަމަށެވެ. އަދި އެމީހުން މަސައްކަތް ކުރަނީ ކަރާޗީ ކައިރީގައި އޮންނަ ޕޯޓް ޤާސިމް ގައި ދެ ކާރުޚާނާއެއް އެޅުމަށް ކަމަށެވެ.
އެ ކާރުޚާނާތަކަކީ ޗައިނާ ޕާކިސްތާނުގެ އިގްތިސާދީ ކޯރިޑޯގެ ބައެކެވެ.
ބީއެލްއޭއިން ބަލޫޗް ނަސްލުގެ އެހެން ޖަމާއަތްތަކާއެކު ވަކިވެ ގަތުމަށް މަސައްކަތްކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ.
ބޭރުގެ އިންވެސްޓަރުންގެ އަތުން ނަގާ ފައިސާގެ ތެރެއިން އެމީހުންގެ ހިއްސާ ނުލިބޭ ކަމަށް ބުނެ އެ ސަރަހައްދުތަކުގައި މަސައްކަތްކުރާ ޗައިނާ ރައްޔިތުންނަށް އަމާޒުކޮށް އެމީހުން އަންނަނީ އާންމުކޮށް ހަމަލާ ދެމުންނެވެ.
ޗައިނާ އެމްބަސީން ހޯމަ ދުވަހު ވަނީ ޕާކިސްތާނުގައި ތިބި އެގައުމުގެ ރައްޔިތުންނާއި ޗައިނާގެ ވިޔަފާރިތަކަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމަށް އިލްތިމާސްކޮށްފައެވެ.
އެމްބަސީން އިތުރަށް ބުނީ އެ ހަމަލާ ފުރިހަމައަށް ތަހުގީގުކޮށް ހަރުކަށި އަދަބު ދޭނެ ކަމަށެވެ. ޗައިނާ އާއި ޕާކިސްތާނުގެ އިގްތިސާދީ ކޯރިޑޯގެ މައިގަނޑު އެހެން ސަރަހައްދެއް ކަމަށްވާ ގްވާޑާ ބަނދަރު ކައިރީގައި އޮންނަ ޕާކިސްތާނުގެ ކަނޑުގެ ސިފައިންގެ އެއާބޭސްއަކަށް މީގެ ކުރިން ދިން ހަމަލާތަކުގެ ޒިންމާ ވެސް ބީއެލްއޭއިން ވަނީ ނަގާފައެވެ.
އޭޕްރީލް 2022 ގައި ކަރާޗީ ޔުނިވާސިޓީ ކޮންފިއުޝިއަސް އިންސްޓިޓިއުޓް ކައިރީގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާއެއްގައި ޗައިނާގެ ތިން ޓިއުޓަރުންނާއި ޕާކިސްތާނުގެ ޑްރައިވަރަކު ވެސް މަރާލާފައިވެއެވެ.