ރިސޯޓުތަކުގެ މުއްދަތު އިތުރު ކުރަން ފީ ދައްކާ އުސޫލަށް ގެނައި ބަދަލު ފާސްކޮށްފި

ރާއްޖޭގެ ރިސޯޓެއް: ރިސޯޓުތަކުގެ މުއްދަތު އިތުރުކުރަން ފީދައްކާ ބިލު މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައި --- ފޮޓޯ/ ޓްރިޕް އެޑްވައިޒާ

ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ޓޫރިސްޓް ރިސޯޓު ހިންގަން ދޫކޮށްފައިވާ ރަށްތަކާއި ބިންތައް ކުއްޔަށް ދޫކުރާ މުއްދަތު އިތުރުކުރާނަމަ، ފައިސާ ދައްކަންޖެހޭ މުއްދަތު ދެ އަހަރުން ހަ މަހަށް ކުރުކުރަން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މިދިޔަ އަންގާރަ ދުވަހު ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ދަނގެތީ ދާއިރާގެ މެންބަރު އަބްދުﷲ ރަޝީދެވެ.

އެއާއެކު އެ ބިލު އަވަސްކުރުމަށްޓަކައި މުޅި މަޖިލީހުގެ ކޮމިޓީއަށް މިދިޔަ ބުދަ ދުވަހު ފޮނުވިއެވެ. އެއާއެކު ބުރާސްފަތި ދުވަހު ކޮމިޓީ މަރުހަލާއިން އެ ބިލު ވަނީ ފާސްކޮށްފައެވެ.

މުޅި މަޖިލީހުގެ ކޮމިޓީން އެ ބިލު ދިރާސާކޮށް ނިންމި ގޮތަށް މަޖިލީހުން އެ އިސްލާހު ފާސްކުރުމަށް މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި 76 މެންބަރުންގެ ވަނީ އެގޮތަށް އިސްލާހުކުރަން ވޯޓުދެއްވާފައެވެ. އެ އިސްލާހާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

އެ ބިލުގައިވަނީ ޓޫރިޒަމާ ބެހޭ ގާނޫނުގެ ނުވަވަނަ މާއްދާއަށް ބައެއް އިސްލާހުތައް ހުށަހަޅުއްވާފައެވެ.

އެގޮތުން، ޓޫރިސްޓް ރިސޯޓު ހިންގަން ދޫކޮށްފައިވާ ރަށްތަކާއި ބިންތައް ކުއްޔަށް ދޫކުރާ މުއްދަތު 50 އަހަރަށްވުރެ އިތުރުނުވާނެ ގޮތަށް އިތުރުކުރަން ފައިސާ ދައްކަންޖެހޭ މުއްދަތު ކުރުކުރަން އިސްލާހު ހުށަހެޅިއެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނުގައި އޮންނަގޮތުން ނަމަ މުއްދަތު އިތުރުކުރަން ފައިސާ ދައްކަންޖެހެނީ ދެ އަހަރު ދުވަހުގެ މުއްދަތެއްގައެވެ. ނަމަވެސް، ހުށަހެޅި އިސްލާހުގައިވަނީ ފައިސާ ދައްކަންޖެހޭ މުއްދަތު ހަ މަހަށް ކުރުކޮށްފައެވެ.

އެ ގޮތުން ހަ މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ޚަލާސްކުރުމަށް އެއްބަސްވާނަމަ މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް އެއް ލައްކަ ޑޮލަރު ދައްކަން ޖެހެއެވެ. އަދި، ހަ މަސް ދުވަހުގެ މުއްދަތަށް ފަހު ފައިސާ ދައްކާ ޚަލާސްކުރުމަށް އެއްބަސްވާނަމަ، މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް ދެ ލައްކަ ޑޮލަރު ދައްކަންޖެހެއެވެ.

ހަމައެއާ އެކު މި އިސްލާހަށް އަމަލުކުރަން ފެށުމަށް ފަހު، ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަރު ދައްކައިފިނަމަ ކުލީގެ މުއްދަތު އިތުރުކޮށްދޭނެއެވެ. އަދި، އޭގެ ފަހުންނަމަ 10 މިލިއަން ޑޮލަރު ދައްކަން ޖެހޭކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

ހަމަ އެއާއެކު ރަށް ނުވަތަ ބިން ކުއްޔަށް ހިފާފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ އެއްވެސް ކުއްޔެއް، ޖޫރިމަނާއެއް، ޓެކުހެއް ނުވަތަ ފީއެއް ވާނަމަ އެ ފައިސާ ދައްކާ ޚަލާސްކުރަންޖެހޭނެއެވެ. އޭގެ ތެރޭގައި އެއްބަސްވުމެއްގެ ދަށުން ޓޫރިޒަމް މިނިސްޓްރީން ފާސްކޮށްދީފައިވާ ކުއްޔާއި ޖޫރިމަނައެއް ނުހިމެނޭނެއެވެ.

comment ކޮމެންޓް