ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ކަމުގެ މަގާމަށް އައްޔަންކުރަން ރައީސް ހުށަހަޅުއްވާ ނަންފުޅުގެ ގޮތުގައި، ރައީސް އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެފެއާޒް ޢައްބާސް ޝަރީފްގެ ނަންފުޅާމެދު އާންމުންގެ ޝަކުވާއެއްވާނަމަ، އެ ޝަކުވާ ހުށަހަޅަން އަންނަ ހޯމަ ދުވަހުގެ މެންދުރުފަހުގެ ނިޔަލަށް ހުޅުވާލައިފިއެވެ.
މިރޭ ދައުރުން ބޭރުން އާ ޕީޖީއަކު އައްޔަންކުރުމުގެ ކަންކަންކުރަން ދައުރުން ބޭރު ޖަލްސާއެއް ވަނީ ބާއްވައިފައެވެ.
މި ޖަލްސާގައި ރައީސްގެ ސިޓީފުޅު އިއްވައި ރައީސް ހުށަހެޅުއްވި އައްބާސްގެ ނަންފުޅު ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
އެއާއެކު މިރޭ 21:30 ގައި އޮތް ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައިވަނީ އާންމުންގެ ޝަކުވާއެއްވޭތޯ ބެލުމަށް އާންމުކޮށް އިއުލާންކުރުމާމެދު ގޮތެއް ނިންމުމަށް މެމްބަރުންގެ ޚިޔާލު ހޯދައިފައެވެ.
މި ކަމާ ގުޅޭގޮތުން ކޮމިޓީގެ ފްލޯއަށް ހުޅުވައިލުމުން ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުޙައްމަދު ހުށަހެޅުއްވީ އަންނަ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ވަގުތު ދިނުމަށެވެ.
އެއާއެކު ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާއިލް ނިޒާރު، މެމްބަރު އަބްދުއްސައްތާރުގެ ހުށަހެޅުމަށް ތާއީދުކުރެއްވިއެވެ.
އެއާއެކު އެމްޑީޕީއަށް ނިސްބަތްވާ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވީ ރައީސްގެ ސިޓީފުޅާއެކު އައްބާސް ޝަރީފްގެ ހުރިހާ މައުލޫމާތެއް ލިބިފައިވާކަމަށެެވެ.
އަދި އެ މައުލޫމާތުގެ ސައްހަކަން މަޖިލީހަށް ބެލޭނީ 16ވަނަ ދުވަހުގެ ނިޔަލަށް އެ މުއްދަތުގެ ތެރޭގައި ކަމަށްވުމުން، ހޮޅުދޫ ދާއިރާގެ މެމްބަރުގެ ހުށަހެޅުމަށް ނާޒިލް ވެސް ތާއީދުކުރެއްވިއެވެ.
އެއާއެކު ކޮމިޓީގައި މިރޭ ތިއްބެވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ހޮޅުދޫ ދާއިރާގެ މެމްބަރުގެ ހުށަހެޅުން ވަނީ ފާސްކޮށްފައެވެ.
އައްބާސަކީ ޔުނިވާސިޓީ އޮފް ޓެސްމޭނިއާއިން ގާނޫނީ ދާއިރާގެ މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އެއާއެކު 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން އަދައިކުރެއްވިއެވެ. އައްބާސްވަނީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމާއި، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވަކީލުކަން ވެސް ކުރައްވައިފައެވެ.