އައްބާސް ޕީޖީކަމަށް އައްޔަންކުރަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެފެއާޒް ޢައްބާސް ޝަރީފް -- ފޮޓޯ/ ރައީސް އޮފީސް

ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ކަމުގެ މަގާމަށް އައްޔަންކުރަން ރައީސް ހުށަހަޅުއްވާ ނަންފުޅުގެ ގޮތުގައި، ރައީސް އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެފެއާޒް ޢައްބާސް ޝަރީފްގެ ނަންފުޅު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިރޭ ފޮނުވައިފިއެވެ.

ކުރީގެ ޕީޖީ ޝަމީމް ވަކިކުރަން މި މަހުގެ 22ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގައި ޖަލްސާއެއް ބޭއްވިއެވެ. މަޖިލީހުގައި ޖަލްސާ ފެށިތަނާހެން ޝަމީމް އިސްތިއުފާ ދެއްވި ނަމަވެސް އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ނުލިބޭތީކަމަށް ބުނެ ވޯޓަށް އަހައި 65 ވޯޓުން ޝަމީމް އެ މަގާމުން ވަކިކުރަން ފާސްކުރިއެވެ.

ޝަމީމް ވަކިކުރުމާއެކު 30 ދުވަސް ތެރޭ އާ ޕީޖީއަކު އައްޔަންކުރަން ޖެހޭނެއެވެ.

އެހެންވެ މިރޭ ދައުރުން ބޭރުން އާ ޕީޖީއަކު އައްޔަންކުރުމުގެ ކަންކަންކުރަން ދައުރުން ބޭރު ޖަލްސާއެއް ވަނީ ބާއްވައިފައެވެ.

މި ޖަލްސާގައި ރައީސްގެ ސިޓީފުޅު އިއްވައި ރައީސް ހުށަހެޅުއްވި އައްބާސްގެ ނަންފުޅު ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

އައްބާސަކީ ޔުނިވާސިޓީ އޮފް ޓެސްމޭނިއާއިން ގާނޫނީ ދާއިރާގެ މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އެއާއެކު 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން އަދައިކުރެއްވިއެވެ. އައްބާސްވަނީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމާއި، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވަކީލުކަން ވެސް ކުރައްވައިފައެވެ.

މިރޭ 21:30 އޮންނަ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި އެ ނަން ދިރާސާކޮށް ގޮތެއް ނިންމާނެއެވެ.

comment ކޮމެންޓް