މި ސަރުކާރުގެ އަމާޒަކީ ސިޔާސަތުތައް އެކަށައެޅުމުގައި ނިންމާ ކޮންމެ ނިންމުމަކީ ހެއްކަށް ބިނާކޮށް ނިންމާ ނިންމުމަކަށް ހެދުން ކަމަށާއި ދިރާސާކުރުމަށް ކުރާ އިންވެސްޓްމަންޓު އިތުރުކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ގައުމީ ޔުނިވާސިޓީ، އެމްއެންޔޫގެ ބައިނަލްއަގުވާމީ ދިރާސާ ކޮންފަރެންސް، ތެވެލި އިފުތިތާހުކުރައްވައި ވާހަކަދައްކަވަމުން ރައީސް ވަނީ ގައުމެއް ބިނާކުރުމުގައި ދިރާސާތަކުގެ މުހިންމުކަމަށް އަލިއަޅުއްވައިލައްވައިފައެވެ.
"ކުރިއަށް ބަލާއިރު، ތަޞައްވުރު ވަރަށް ސާފު: ދިރާސާތަކާއި އީޖާދުތަކަކީ ގައުމުގެ ކުރިއެރުމުގެ މައިގަނޑު އަސާސްކަމުގައި ހެދުން،" އިނގިރޭސި ބަހުން ދެއްވި ތަގުރީރުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ތަޞައްވުރުކުރަނީ، ކޮންމެ ސިޔާސަތެއް ވެސް ހެކިތަކަށް ބިނާކޮށް ނިންމަން، އަދި ކޮންމެ ގޮންޖެހުމަކާ ވެސް ތަޖުރިބާކާރުންގެ ޢިލްމުގެ މައްޗަށް ބިނާވެފައިވާ ހައްލަކާ އެކު ކުރިމަތިލުން،"
ދިރާސާކުރަން ހަރުދަނާ ނިޒާމެއް ގާއިމުކުރުމަކީ ހަމައެކަނި ސަރުކާރަށް ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި ރައީސް ވަނީ ބައިނަލްއަގުވާމީ ބައިވެރިންނާއި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމަށް އެދިވަޑައިގެންފައެވެ. އެ މަނިކުފާނު ވަނީ ދިރާސާކުރަން ހޭދަކުރާ މިންވަރު އިތުރުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.
އެ މަނިކުފާނު ވިދާޅުވީ، ދިރާސާކުރަން ކުރާ ހޭދަ އިތުރުވާއިރު އަމާޒަކީ ރާއްޖޭގައި ކުރާ ދިރާސާއަކީ ބައިނަލްއަގުވާމީ އެންމެ މަތީ މިންގަނޑުތަކަށް ފެތޭ ދިރާސާތަކަށް ހެދުން ކަމަށެވެ.
މީގެ އިތުރުން، ދަނޑުވެރިކަމާއި މަސްވެރިކަމާއި މޫސުމީ ބަދަލުތަކާއި އާންމު ސިއްހަތުގެ ނިޒާމުގެ އިތުރުން ދެމެހެއްޓެނިވި ފަތުރުވެރިކަމާ ގުޅުންހުރި މުހިންމު މަޝްރޫއުތަކެއް ކުރިއަށް ހުރި މަސްތަކުގައި ފައްޓަވާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
"އެކުގައި މަސައްކަތްކޮށްގެން ރާއްޖެއަކީ ދިރާސާއާއި ކާމިޔާބީގެ ހަބަކަށް ހެދޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދިރާސާތަކާއި މާހިރުންގެ އިލްމުގެ އަލީގައި ރާއްޖެއަށް މާ ފާގަތި މުސްތަގުބަލެއް ހޯދޭނެ ކަމަށެވެ. އެހެންވެ، ދިރާސާކުރުމުގައި އެންމެން ބައިވެރިވާން އެ މަނިކުފާނު ވަނީ ގޮވާލައްވައިފައެވެ.
އެ މަނިކުފާނު ވިދާޅުވީ، ދިރާސާކުރުމަކީ ހަމައެކަނި ސިޔާސަތުތައް އެކަށައަޅައި މީހުންނާއި ތައުލީމީ ދާއިރާގެ ބޭފުޅުންނަށް އޮތް ކަމެއް ނޫން ކަމަށެވެ. އެއީ، އެންމެން ވެސް ކުރަންޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"ހުރިހާ ރައްޔިތުން ވެސް ދިރާސާކުރުމުގެ އަގުވަޒަންކުރަންޖެހޭ. ސުވާލުކުރަންޖެހޭ. ތައުލީމު އުނގެނެންޖެހޭ. ގައުމުގެ ކުރިއެރުމުގައި އެންމެން ޝާމިލުވާންޖެހޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ދެހާސް ސަތާރަ ވަނަ އަހަރުން ފެށިގެން ކުލަގަދަކޮށް ބާއްވަމުން އަންނަ "ތެވެލި ކޮންފަރެންސް"ގެ ބޭނުމަކީ ދިރާސާ ކުރުން އިތުރުކޮށް، ދުނިޔޭގެ އެކިކަންކޮޅުތަކުން ދިރާސާތައް ގެނެސް، ހިޔާލު ބަދަލުކޮށް، ބައިނަލްއަގުވާމީ ރިސާޗު ނެޓްވޯކް އިތުރުކޮށް ދިވެހިރާއްޖޭގެ ބައިނަލްއަގުވާމީ ޔުނިވާސިޓީގެ ވިސިބިލިޓީ އިތުރުކުރުން ކަމަށް ވެސް އެމްއެންޔޫއިން މިއަދު ބުންޏެވެ.
މި މަހާސިންތާއަކީ ތަފާތު އެކި ޑިސިޕްލިންތަކުން ޢިލްމީ ދިރާސާ ހުށަހެޅުމަށް ދުނިޔޭގެ އެކިގައުމުތަކުގެ ސުކޮލަރުން ބައިވެރިވެގެން ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެއް ކޮންފަރެންސްއެވެ.