25 މިލިއަން ދަތުރުވެރިންގެ ކެޕޭސިޓީއަކަށް، ރޭލުގެ ނިޒާމަކާއެކު، ވީއައިއޭގައި ބިޔަ މަޝްރޫއެއް

ރައީސް ޑރ. މުއިއްޒު އެއާޕޯޓު މަޝްރޫއު އިފްތިތާހުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ބިޔަ މަޝްރޫއު ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ އިފްތިތާހުކޮށްދެއްވައިިފިއެވެ.

މި މަޝްރޫއަކީ މިހާތަނަށް އެ އެއާޕޯޓުގައި ހިންގާ އެންމެ ބޮޑު މަޝްރޫއެވެ. މިއީ 20 އަހަރަށް ބަހައިލައިގެން ހިންގާ މަލްޓިމިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ތެރެއިން ވީއައިއޭގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ސީޕްލޭންގެ ޚިދުމަތްތައް ފުޅާކުރުމާއި، މައި ޓާމިނަލް ތަރައްގީކުރުމާއި ޑޮމެސްޓިކް ޓާމިނަލް ތަރައްގީކުރުން ހިމެނެއެވެ.

ވީއައިއޭގެ ތަރައްގީގެ ޕްލޭންގެ ކުރެހުމެއް. މިއީ ސީޕްލޭން ޚިދުމަތްދޭ ފަޅު ހިއްކައި ތަރައްގީކުރާނެ ގޮތް --

މި މަޝްރޫއުގެ ތެރެއިން:

  • ސީޕްލޭންގެ ޚިދުމަތް އެހެން ރަށަކަށް ބަދަލުކޮށް، އެ ރަށާއި ހުޅުލެއާ ބްރިޖަކުން ގުޅައިލާނެއެވެ. އެ ކަން ކުރުމަށްފަހު މޮނޮރެއިލް ނިޒާމަކުން އެ ރަށާއި، އެއާޕޯޓުގެ ދަތުރުފަތުުރު ގުޅައިލާނެއެވެ.
  • ސީޕްލޭންގެ ޚިދުމަތަށް މިހާރު ވީއައިއޭގައު އޮތް ބިން ހިއްކާނެއެވެ. އަދި އެ ތަނުގައި މަތިންދާ ބޯޓު ޕާކުކުރުމަށް ޚާއްސަ އެޕްރަންތައް ގާއިމްކުރާނެއެވެ. އޭރުން އެއްފަހަރާ ޖުމްލަ 72 މަތިންދާ ބޯޓަށް ޚިދުމަތް ދެވޭނެއެވެ.
  • އަދި އާ ޑޮމެސްޓިކް ޓާމިނަލް ގާއިމްކުރާނެއެވެ. އެގޮތުން އާ ޑޮމެސްޓިކް ޓާމިނަލް ތަރައްގީކުރަނީ ގަޑިއަކު 2،000 ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެހެންނެވެ.
  • ޖެޓް ޓާމިނަލެއް ތަރައްގީކުރާނެއެވެ.

މާލެ ކައިރި އޮތް ތެޔޮ ފުނަދޫ ތަރައްގީކުރާނެ ގޮތް --

  • އަދި މާލެ ކައިރި އޮތް ފުނަދޫ (ތެޔޮ ފުނަދޫ)ގައި ހުރި ތެޔޮ ޓޭންކުތައް އެހެން ތަނަކަށް ރިލޮކޭޓުކޮށް، އެ ރަށުގައި ވެސް ޒަމާނީ ފެންވަރުގެ ފައިނޭންޝަލް ސެންޓަރެއް ތަރައްގީކުރާނެއެވެ. އަދި ކޮންވެންޝަން ސެންޓަރުތަކާއި ހޮޓާތައް ތަރައްގީކުރާނެއެވެ.
  • އިތުރުން ވީއައިއޭގެ ކާގޯ ޓާމިނަލްގެ ކެޕޭސިޓީ، މަޝްރޫއު ނިމުމާ ހަމައަށް ދާއިރު 300،000 މެޓްރިކް ޓަނަށް އިތުރުވާނެއެވެ.
  • އަދި ފިއުލް ފާމްގެ ކެޕޭސިޓީ މިހާރު ހުރި މިންވަރަށްވުރެ 120 ޕަސެންޓުން އިތުރުކުރާނެއެވެ. އޭރުން 100 މިލިއަން ލީޓަރަށް ފިއުލް ކެޕޭސިޓީ އިތުރުވާނެއެވެ.

މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ މި މަޝްރޫއުގެ ތެރެއިން ގިނަ މަސައްކަތްތަކަކީ، މިހާރު އެއާޕޯޓުގައި ހިނގަމުން އަންނަ މަސައްކަތްތަކާއެކީ ވެސް ފަށާނެ ކަންތައްތައް ކަމަށެވެ.

އަދި އުންމީދުކުރައްވަނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭ މަޝްރޫއުގެ ގިނަ މަސައްކަތްތައް ނިންމައި، 10 އަހަރުން މުޅި މަޝްރޫއުގެ ބޮޑު ބައެއް ނިންމުންކަމަށް ރައީސް ވިދާޅުވިއެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ، މިހާރު ވެސް މި ކަމަށް ބޭނުންވާ ޓާސްކްފޯސް އުފައްދައި، މަސައްކަތް އަވަސްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު އެއާޕޯޓުގައި ހިނގަމުން އަންނަ މަޝްރޫއުތައް ނިމުމުން 1،000 އާ ވަޒީފާ އުފެދޭނެކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ އިގްތިޞާދު ތަރައްގީކުރުމަށް ޓަކައި ވައިގެ ދަތުރުފަތުރުކުރުމުގެ ސިނާއަތް ތަރައްގީކުރުމަކީ ވަރަށް މުހިންމު ކަމެއް. އަދި މި ކަހަަލަ ކަމެއް ކުރެވޭނީ ދުރު ރާސްތާ ޕްލޭންކުރުމުގެ ގާބިލްކަން ހުރި ބަޔަަކަށް،" އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އާ މަޝްރޫއާއެކު މުޅި ރާއްޖޭގެ އިގްތިޞާދަށް އިންގިލާބީ ހެޔޮ ބަދަލެއް އަންނާނެކަމަށެވެ.

comment ކޮމެންޓް