ޔާމީންގެ ބާތިލުކުރި ހުކުމުގެ މައްސަލަ ދަށު ކޯޓުގައި އަންގާރަ ދުވަހަށް ތާވަލުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދަށު ކޯޓުން އިއްވި ހުކުމް ބާތިލުކޮށް، އެ މައްސަލަ އަލުން ބަލަން ހައިކޯޓުން ދަށު ކޯޓަށް އެންގިތާ ހަތަރު މަސް ފަހުން އެ މައްސަލަ އަންގާރަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތްވެ، އެ ފައިސާ ލޯންޑާކުރުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ދަށު ކޯޓުން އިއްވީ މިދިޔަ ޑިސެމްބަރު 25، 2022 ގައެވެ. އޭގެ ފަހުން، ވެރިކަން ބަދަލުވެ މި އަހަރުގެ އޭޕްރީލް 18 ގައި ހައިކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް ޔާމީން މިނިވަންކޮށްފައެވެ.

https://sun.mv/191014

ދަށު ކޯޓުން މައްސަލަ ބެލީއިރުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް ތުހުމަތުކޮށް، ހައިކޯޓުން ވަނީ މައްސަލަ އަލުން ބަލަން ދަށު ކޯޓަށް އަންގައިފައެވެ.

ހައިކޯޓުގެ ހުކުމަށް ހަތަރު މަސްވީއިރު، މިއަދު ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް 'ސަން'އަށް ވަނީ އަންގާރަ ދުވަހަށް އެ މައްސަލަ ތާވަލުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

އެ މައްސަލައިގައި ދަށު ކޯޓުން 2022 ވަނަ އަހަރު ކުރި ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައި ހުކުމާ ހަމައަށް ވާސިލުވިތާ ހަތަރު މަސް ފަހުން ހައިކޯޓުން އޭޕްރީލް މަހު ކުރި ހުކުމުގައި ވަނީ ދަށު ކޯޓު މަރުހަލާގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ފާހަގަކޮށްފައެވެ. އެ މައްސަލަ ދަށު ކޯޓުގައި ނިންމާފައިވަނީ ގާނޫނީ އިމުގެ ބޭރުން ކަމަށް ހައިކޯޓުގެ ހުކުމުގައިވެއެވެ.

ޔާމީންގެ މައްޗަށް ތުހުމަތުކުރެވުނީ 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް އެ މަނިކުފާނު ވެރިކަންކުރެއްވީއިރު، ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި އޭރު ވ. ފެލިދޫ ދާއިރާގެ މެންބަރަކަަށް ހުންނެވި ޔޫސުފް ނައީމްގެ އަތުން ރިޝްވަތު ބައްލަވައިގެން، އެ ފައިސާ ލޯންޑާކުރި ކަމަށެވެ.

އެކަމަކު، ހައިކޯޓުން ވަނީ އެ މައްސަލައިގައި ޔޫސުފް ނައީމާއި ޔާމީންގެ މައްޗަށް ސާބިތުވި ހުކުމް ވެސް ބާތިލުކޮށްފައެވެ.

comment ކޮމެންޓް