ދެވަނަ ހުކުމް ވެސް ބާތިލު، ޔާމީން މިނިވަންވެއްޖެ

ކުރީގެ ރައީސް ޔާމީން މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ވަޑައިގެންނެވުން: އެ މަނިކުފާނު މިނިވަންކުރަން ހައިކޯޓުން ވަނީ ހުކުމްކޮށްފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދަށު ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ ފަހު ބައި ވެސް ބާތިލުކޮށް، އެ މަނިކުފާނު މިނިވަންކުރަން ހައިކޯޓުން މިރޭ ހުކުމްކޮށްފިއެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ ޑިސެމްބަރު 25، 2022 ގައެވެ.

ވަރަށް ބޮޑަށް ދިގުލައިގެންދިޔަ އެ މައްސަލައިގެ އިސްތިއުނާފު ހުކުމްކުރަން މިއަދު ބޭއްވި އަޑުއެހުމުގައި ހައިކޯޓުގައި އެ މައްސަލަ ބައްލަވާ ބެންޗުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށްފައެވެ. އެހެންވެ، އެ މަނިކުފާނު މިނިވަންކުރަން އެ ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި، އެ މައްސަލަ ދަށު ކޯޓުން އަލުން ބަލަން ވެސް ވަނީ އަމުރުކޮށްފައެވެ.

އެ މައްސަލައިގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ވެސް ވަނީ މިނިވަންކޮށްފައެވެ.

https://sun.mv/191024

އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި ޖުމުލަ ތިން ދައުވާއާ ގުޅިގެން ދަށު ކޯޓުން އިއްވި ހުކުމް ވެސް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ބާތިލުކޮށްފައެވެ. އެހެންވެ، އެ ތިން ގަޒިއްޔާ ވެސް އަލުން ބަލަން ވަނީ އަމުރުކޮށްފައެވެ.

ހައިކޯޓުގައި މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔުގައި ވަނީ ދަށު ކޯޓުން މައްސަލަ ނިންމިއިރުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ފާހަގަކުރައްވައިފައެވެ. އެގޮތުން، މައްސަލަ ނިންމާފައިވަނީ ގާނޫނީ އިމުގެ ބޭރުން ކަމަށް ފަނޑިޔާރު ޝަފީއުގެ ރައުޔުގައި ވަނީ ފާހަގަކުރައްވައިފައެވެ.

އެ މައްސަލަ ހައިކޯޓުގައި ބެއްލެވި ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ވެސް ވަނީ ފަނޑިޔާރު ޝަފީއުގެ ރައުޔަށް ތާއީދުކުރައްވައިފައެވެ.

ޔާމީނަށް އިއްވި ހުކުމް ހައިކޯޓުން މިއަދު ބާތިލުކުރީއިރު، އެ ހުކުމުގެ ސަބަބުން މިދިޔަ ސެޕްޓެމްބަރު، 2023 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ވެސް އެ މަނިކުފާނަށް ވާދައެއް ނުކުރެއްވުނެވެ. ވާދަކުރަން އެދި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅި ނަމަވެސް އެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ އެ މަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށެވެ.

އެހެންވެ، ރިޔާސީ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެކަމަކު، ޔާމީންގެ ވެސް ތާއީދާ އެކު ވާދަކުރެއްވި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންތާ ހަފުތާއެއް ނުވަނީސް ޔާމީން ވަނީ ކޯލިޝަން ލީޑަރުކަމުން އިސްތިއުފާދެއްވައި އަމިއްލަ ޕާޓީއެއް އުފައްދެވުމުގެ މަސައްކަތް ފައްޓަވައިފައެވެ.

އެ މަނިކުފާނު މިހާރު ގެންދަވަނީ ސަރުކާރާއި ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ޔާމީންގެ މައްޗަށް ދަށު ކޯޓުން 2022 ވަނަ އަހަރު އިއްވި ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލި ފަހުން އެ މައްސަލައިގެ ހުކުމްނުކުރެވި ހަތަރު މަސް ދުވަސް ހޭދަވެގެންދިޔައެވެ. ރޭ ކުއްލި ގޮތަކަށް އެ މައްސަލައިގެ ހުކުމްކުރުން މިއަދަށް ތާވަލުކުރީ އެ މައްސަލަ ދިގުލައިގެން ދިއުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އަށް މައްސަލަ ވެސް ހުށަހަޅުއްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެފައި އޮއްވައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ ދަށު ކޯޓަކުން ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމެއް މަތީ މަރުހަލާ ކޯޓަކުން ބާތިލުކުރި ދެވަނަ ފަހަރެވެ.

މީގެ ކުރިން ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ވެސް ޔާމީންގެ މައްޗަށް ވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެ ފަހަރު އިއްވި ޖަލު ހުކުމުން އެ މަނިކުފާނު މިނިވަންވެވަޑައިގެންފައިވަނީ ސުޕްރީމް ކޯޓު މަރުހަލާއިންނެވެ.

އާރަށު މައްސަލައިގައި ޖަލުގައި ހުންނެވި ޔާމީން، ގެކޮޅަށް ބަދަލުކުރައްވާފައިވަނީ މިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުލިބުމާ ގުޅިގެން އެ މަނިކުފާނުގެ އެދިލެއްވުމުގެ މައްޗަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙެވެ.

އާރަށު މައްސަލަ އަލުން ބަލަން އަމުރުކުރީއިރު، ދަށު ކޯޓުގައި މިހާރު ވެސް ޔާމީނާ ދެކޮޅަށް އުފުލާފައިވާ އިތުރު ދައުވާއެއް އެބަ ކުރިއަށްދެއެވެ.

comment ކޮމެންޓް