ވިއްސާރައިގެ ސަބަބުން ގެއްލުންވި ދެ އާއިލާ އަދިވެސް ތިބީ ވަގުތީ ހިޔަލުގައި

މާލޭގައި ފެންބޮޑުވެފައި: ވިއްސާރައިގެ ސަބަބުން ގެއްލުންވި ދެ އާއިލާއެއް އަދިވެސް ތިބީ ވަގުތީ ހިޔަލުގައި -- ސަން ފޮޓޯ/ އަމަން ލަތީފް

މިދިޔަ އަންގާރަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި ގެއްލުންވެ، ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިން އާއިލާތަކުގެ ތެރެއިން ދެ އާއިލާއެއް އަދިވެސް ތިބީ ހިޔާގައި ކަމަށް ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު ބުނެފިއެވެ.

މާލެއަށް ކުރި ވިއްސާރައިގައި ގެއްލުންވެ، އެންޑީއެމްއޭއިން ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނީ ފަސް އާއިލާއަކަށެވެ. އޭގެތެރޭގައި، 23 މީހުންނާއި 13 ކުޑަކުދިން ހިމެނެއެވެ.

މިއަދު އެންޑީއެމްއޭގެ އޮފިޝަލަކު 'ސަން'އަށް ވިދާޅުވީ، މިހާރު ވަގުތީ ހިޔާގައި ތިބީ ދެ އާއިލާކަމަށެވެ. އެ ދެ އާއިލާގައި މިހާރު ތިބީ ޖުމުލަ ދިހަ މީހުން ކަމަށާއި އެތަނުން އެއް އާއިލާ މިއަދު އެމީހުން ދިރިއުޅޭ ތަނަށް ބަދަލުވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

https://sun.mv/195488

މީގެއިތުރުން، މާދަމާ ދެވަނަ އާއިލާ ވެސް އެމީހުންގެ ގެއަށް ބަދަލުވާނެ ކަން އޮފިޝަލް ވަނީ ފާހަގަކުރައްވާފައެވެ.

އަންގާރަ ދުވަހު ކުރި ވިއްސާރައާ ގުޅިގެން މީގެކުރިން އެންޑީއެމްއޭއިން ބުނީ، މާލެއިން އެކަނިވެސް އެހީތެރިކަމަށް އެދި 256 ރިޕޯޓެއް ހުށަހެޅިކަމަށެވެ.

ވިއްސާރައާ ގުޅިގެން އެންމެ ބޮޑު ގެއްލުމެއް ލިބިގެން ރިޕޯޓްކުރީ އުތުރުގެ ރަށްތަކުން ކަމަށްވާއިރު، ވިއްސާރައިގެ ސަބަބުން ގެއްލުން ލިބިގެން ހއ. އަތޮޅުން 20 ރިޕޯޓެއް އެންޑީއެމްއޭއަށް ހުށަހެޅިއެވެ.

މީގެކުރިން އެމްއެންޑީއެފުން ބުނީ ވިއްސާރައިގެ ސަބަބުން، ހއ. ހޯރަފުށި، ހއ. ކެލާ، ހއ. އިހަވަންދޫ، ހދ.ނޮޅިވަރަންފަރު، ހދ. ހަނިމާދޫ އަދި ކުޅުދުއްފުށި ސިޓީގައި ސިފައިން ހަރަކާތްތެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

comment ކޮމެންޓް