ހެނދުނުން ފެށިގެން ނ. ހެނބަދޫއަށް ބޯކޮށް ވާރޭ ވެހި، 75 ގެއަކަށް ފެންވަދެ، ގެއްލުން ލިބިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފިއެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލު ދެއްވައި ހެނބަދޫ ކައުންސިލްގެ ރައީސް ހުސައިން އަބޫބަކުރު 'ސަން'އަށް ވިދާޅުވީ، ހެނދުނު 6:30އިން ފެށިގެން 11:00 ޖަހަން ދެން ވަރަށް ބޯކޮށް ވާރޭ ވެހުނު ކަމަށެވެ.
އޭނާ ވިދާޅުވީ ބައެއް ހިސާބުތަކުގައި ދެ ފޫޓަށް ވުރެ މައްޗަށް ފެން ހެދިފައި ހުރިކަމަށާއި ފެން ވަދެފައިވާ ގެތަކުގައި ހުރި ހިފާ ގެންގުޅޭ ސާމާނަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ.
ގާތްގަނޑަކަށް 70 ގެއަކަށް [ފެން] ވަދެފައި. ވަރަށް ބޮޑަށް ގެއްލުން ލިބިފައި. ދެން ހަމަ ރަށުގެ ހުރިހާ އެންމެންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ގޭގެއިން ފެން ހިންދުމުގެ މަސައްކަތުގައިހެނބަދޫ ކައުންސިލްގެ ރައީސް ހުސައިން އަބޫބަކުރު
އެރަށުން ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފާއި ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެން އެކަމުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އަބޫބަކުރު ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުމެންގެ ހުންނާނެ ފެން ހިންދާ ނިޒާމު ގާއިމުކޮށްފައި. މިއަދު މި ވަރަށް ބޯކޮށް، ވަރަށް ގިނައިރު ވަންދެން ވާރޭ ވެހުމާ ގުޅިގެން ފެން ބޮޑުވެފައި މި އޮތީ. އަޅުގަނޑުގެ ހަޔާތުގައި މިހާ ބޮޑަށް ފެން ހެދިފައި އޮތް ދުވަހެއް ނުދެކެން އަޅުގަނޑެއް،" އަބޫބަކު އިތުރަށް ތަފްސީލުކޮށްދެއްވިއެވެ.
ނަމަވެސް، ލިބުނު ގެއްލުން އެނގޭނީ ފެން ހިންދާ ނިމުމުން ކަމަށާއި މިހާތަނަށް އެއްވެސް މީހަކަށް ވަގުތީ ބޯހިޔާވަހިކަމެއް ފޯރުކޮށްދޭން ޖެހޭ ހާލަތަށް ގޮސްފައިވާކަން ދެނެގަނެވިފައިނުވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.
އެންޑީއެމްއޭއިން ވަނީ އެރަށުގެ 75 ގެއަކަށް ފެންވަދެ އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށާއި ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މިއަދު 11:15 އިން ފެށިގެން 15:00ގެ ނިޔަލަށް ހއ. އަތޮޅުން އދ.އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ.
މޫސުން ގޯސް ދުވަސްތަކާ ދިމާކޮށް، އެ އިދާރާއިން އާންމުކޮށް މޫސުމަށް ސަމާލުވާން އިލްތިމާސްކުރެއެވެ.