ވިއްސާރައިގެ ސަބަބުން 5 އާއިލާއެއް ވަގުތީ ހިޔަލަށް: 13 ކުޑަކުއްޖަކު ހިމެނޭ

ފެންބޮޑުވެގެން ގެއްލުން ލިބުނު ފަސް އާއިލާއެއް ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފި--ފޮޓޯ/އެންޑީއެމްއޭ

މާލެއަށް އިއްޔެ ހެނދުނުން ފެށިގެން ކުރަމުންދާ ވިއްސަރައިގެ ސަބަބުން ގެތަކަށް ގެއްލުން ލިބިގެން ފަސް އާއިލާއަކުން 23 މީހަކު ދިރިއުޅޭ ތަން ނޫން އެހެން ތަންތަނަށް ބަދަލުކޮށްފިއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދު ހެނދުނު 10:30 އާ ހަމައަށް ހަމައެކަނި މާލެއިން އެހީތެރިކަމަށް އެދި 256 ރިޕޯޓެއް ހުށަހެޅިކަމަށެވެ.

އެންޑީއެމްއޭ އިން ބުނީ ފެންބޮޑުވެ، ގެތަކަށް ފެނުގެ އަސަރުކޮށްގެން، ދިރިއުޅޭ ތަން ނޫން އެހެން ތަނަކަށް ބަދަލުކުރި އާއިލާތަކުގެ 23 މީހުންގެ ތެރޭގައި 13 ކުޑަކުދިން ހިމެނޭ ކަމަށެވެ.

އެންޑީއެމްއޭއިން ބުނީ އިއްޔެ ވެހުނު ވާރޭގެ ސަބަބުން ފެނުގެ އަސަރުކުރި 248 ގެއެއްގައި ވެލި ބަސްތާ ޖަހައިފައިވާ ކަމަށާއި ނަޖިސް އަރާތީ 12 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.

ވިއްސާރައާ ގުޅިގެން އިއްޔެއިން ފެށިގެން އެންމެ ބޮޑު ގެއްލުމެއް ލިބިގެން ރިޕޯޓްކޮށްފައިވަނީ އުތުރުގެ ރަށްތަކުންނެވެ.

އެންޑީއެމްއޭއިން ބުނީ ވިއްސާރައިގެ ސަބަބުން ގެއްލުން ލިބިގެން ހއ. އަތޮޅުން 20 ރިޕޯޓެއް އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ވިއްސާރައިގެ ސަބަބުން، ހއ. ހޯރަފުށި، ހއ. ކެލާ، ހއ. އިހަވަންދޫ، ހދ.ނޮޅިވަރަންފަރު، ހދ. ހަނިމާދޫ އަދި ކުޅުދުއްފުށި ސިޓީގައި ސިފައިން ހަރަކާތެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ހަމަމިއާއެކު، އެމްއެންޑީއެފުން ބުނީ މާލެއަށްކުރި ވިއްސާރައާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑާއި އެކިއެކި މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި 206 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ މާލެއަށް މެދުކެނޑުމެއްނެތި ގިނަ އިރުތަކެއްވަންދެން ވެހުނު ބޯ ވާރޭގައި ފެންބޮޑުވި މަގުތަކުން ތިން މިލިއަން ލީޓަރުގެ ފެން ހިއްކާފައިވާ ކަމަށެވެ.

https://sun.mv/195484

މިއަދާއި މާދަމާ ވެސް ވިއްސާރަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާއިރު ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ކަންކަން މޮނީޓަރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކޮށް ހުންނަވައި ޓާސްކް ފޯހެއް ވަނީ އެކުލަވާލައްވައިފައެވެ.

comment ކޮމެންޓް