ރާއްޖޭގެ އެކި ހިސާބުތަކަށް އަދި ވެސް މޫސުން ގޯސް، ގއ. އިން އައްޑޫ ސިޓީއަށް ރީނދޫ ސަމާލު

ޖުލައި 7، 2021: މާލެއަށް ބޯކޮށް ވާރޭ ވެހުން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ގއ. އިން ފެށީގެން އައްޑޫ ސިޓީއަށް ރީނދޫ ސަމާލު އަދި މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން މީގެ ކުރިން ވަނީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވަމުން އަންނަ ކަމަށް ބުނެފައެވެ.

ބޯކޮށް ވާރޭވެހި ގުގުރުމާއެކު ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް، މިރޭގެ 01:00 އަށް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ހުދު ސަމާލު ނެރެފައެވެ.

އެއަށްފަހު މެޓުން ވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މިރޭގެ 23:00 އަށް ރީނދޫ ސަމާލު ނެރެފައެވެ.

މެޓް އޮފީހުން މާދަމާގެ ހެނދުނު 6:00 އަށް މޫސުން ލަފާކޮށް ވަނީ، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ބުނެފައެވެ.

އުތުރުގެ އަތޮޅުތަކަށް އުތުރާއި އިރު އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިގަދަވާނެ ކަަމަށާއި ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ބުނެފައެވެ.

ރާއްޖޭގެ އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި އުތުރުގެ ހިސާބުތަކުގައި ރާޅުގެ އުސްމިން ހަތަރު ފޫޓަށް ހުންނާނެ ކަމަށާއި މެދުރާއްޖެތެރެއާއި ދެކުނުގައި ރާޅުތަކުގެ އުސްމިން ތިން ފޫޓާއި ހަފޫޓަށް އަރާނެ ކަމަށް ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ހޮނިހިރު ދުވަހުން ފެށިގެން ރާއްޖޭގެ އެކި ހިސާބަށް އަންނަނީ ވިއްސާރަކުރަމުންނެވެ. އަދި މާދަމާވެސް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން މީގެ ކުރިން ވަނީ ބުނެފައެވެ.

އެހެނކަމުން މި ވިއްސާރަ އަލިވާން ފަށައި، ކަނޑުތައް މަޑުވާނެ ކަމަށް ބެލެވެނީ މި ހަފުތާގެ ބުދަ ދުވަހުގެ ފަހުން ކަމަށް މެޓް އޮފީހުން ވަނީ މައުލޫމާތުދީފައެވެ. އެ ދުވަސްތައް ދިމާވަނީ، ޖުމްހޫރީ ދުވަހާ އެއްކޮށް ލިބޭ ހަތަރު ދުވަހުގެ ބަންދާއެވެ.

comment ކޮމެންޓް