ތޫފާނުގެ ކޮޅިގަނޑުގެ ބާރު ގަދަވާ ވަރަކަށް ރާއްޖެއަށް މޫސުން ވާނީ ރަނގަޅު: މެޓް

މާލެއަށް ބޯކޮށް ވާރޭ ވެހި، ފެން ބޮޑުވެފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ކޮޅިގަނޑު ހޯމަ ދުވަހުގެ ވަގުތެއްގައި ތޫފާނަކަށް ބަދަލުވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ނަމަވެސް އެ ކޮޅިގަނޑުގެ ބާރު ގަދަވަމުންދާ ވަރަކަށް ރާއްޖެއަށް މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ މި ދުވަސްވަރު، މިއަދު ވެސް ކ. އަތޮޅާއި ޅ. އަތޮޅުގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ވަނީ ހިނގައިފައެވެ. ނަމަވެސް މެޓް އޮފީހުން ބުނީ މާދަމާއިން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ.

ކޮޅިގަނޑުގެ ބާރު ގަދަވަމުންދާ ވަރަކަށް ރާއްޖެއަށް މޫސުމީ ގޮތުން ކުރާނެ އަސަރާ ގުޅޭގޮތުން މެޓް އޮފީހުގެ އޮފިޝަލަކު "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ ބާރުގަދަވަމުން ދިޔަ ނަމަވެސް، އެކަމުގެ ސަބަބުން ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ މޫސުން ދާނީ ރަނގަޅުވަމުން ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން މާ ބޮޑަށް ގޯސްވެ، އާދަޔާޚިލާފަށް ވިއްސާރަވެ ގެއްލުންވާނެ ފަދަ ހާލަތެއް މެދުވެރިވާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި މިރޭ އަދި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.

މާދަމާއިން ފެށިގެން އުތުރާއި މެދުރާއްޖެތެރެއަށް މައިގަނޑު ގޮތެއްގައި ކެރީގެ އަސަރު ކުރި ނަމަވެސް، ދެކުނުގެ ސަރަހައްދުތަކަށް ކޮންމެވެސް ވަރަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވެއެވެ.

https://sun.mv/230535

މީގެއިތުރުން ކުރިއަށް އޮތް ދެތިން ދުވަހު އާންމުކޮށް ވައިޖެހޭނީ ގަޑިއަކު 13 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައިކަމަށާއި މިރޭ ބައެއް ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ބެލެވޭތީ، ހާއްސަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން ޅ. ހިންނަވަރުގެ ގެތަކަށް ފެން ވަދެ އެކިވަރުގެ ގެއްލުން ވަނީ ލިބިފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ށ. އަތޮޅުން ފެށިގެން އދ. އަތޮޅަށް މިއަދު މެންދުރު 2:00އިން ފެށިގެން އިރުއޮއްސި ހައެއް ޖަހަންދެން ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފައެވެ.

މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް