މޫސުން އަދިވެސް ގޯސް: ބޯކޮށް ވާރޭވެހި ގުރައިދޫގައި ފެންބޮޑުވެއްޖެ

ބޯކޮށް ވާރޭވެހި ކ. ގުރައިދޫގައި ފެންބޮޑުވުން: އަދި ވެސް މޫސުން ގޯސްކަމަށް މެޓް އޮފީހުން ލަފާކުރޭ... ފޮޓޯ/ އެންޑީއެމްއޭ

ރާއްޖޭގެ މޫސުން އަދިވެސް ގޯސްކޮށް އޮތްއިރު، މިއަދު ހަވީރު ކ. ގުރައިދޫއަށް ބޯކޮށް ވާރޭވެހި ރަށުތެރޭގެ މަގުތަކުގައި ފެންބޮޑުވެއްޖެއެވެ.

މިއަދު ހަވީރު ވެހުނު ބޯ ވާރޭގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ، ބައެއް ފިހާރަތަކަށް ފެން ވަދެފައިވާ ކަމަށާއި، އެއްވެސް ގެއަކަށް ފެންވަދެގެން މިހާތަނަށް ރިޕޯޓްކޮށްފައި ނުވި ނަމަވެސް، ގެތަކަށް ފެންވަންނަ ހިސާބަށް ފެންގަނޑު އުފުލިފައިވާ ކަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ބުނެފައެވެ.

ގުރައިދޫ ކައުންސިލްގެ ނައިބު ރައީސް ފާތުމަތު ޝަތުމާ "ސަން" އަށް ވިދާޅުވީ މިއަދު މެންދުރުން ފެށިގެން އުޑުމަތި ބަނަކޮށް އޮތުމަށްފަހު، ހަވީރު ބޯކޮށް ވާރޭވެހެން ފެށި ކަމަށެވެ. ނަމަވެސް ރަށުގެ މަގުތަކުގެ ކާނުތައް ފެން ހިނދޭގޮތަށް މަރާމާތުކޮށްފައި ހުރުމުން، ގިނައިރުތަކެއް ވަންދެން ހުއްޓާނުލައި ވާރޭވެހިގެން ނޫނީ މިހާރު މާ ބޮޑު މައްސަލައެއް ދިމާނުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އާދެ ހަވީރު ވަރަށް ބޯކޮށް ވާރޭ ވެހުނު، ބައެއް ހިސާބުތަކުގައި ފެން ބޮޑުވެސްވި. އެހެން ނަމަވެސް ވަރަށް ގިނަ އިރު ހުއްޓާނުލާ ވެހިގެން ނޫނީ މިހާރު އަނެއްހެން ގޯހެއް ނުވާނެ. އެއީ މަގުތަކުގެ ކާނުތައް މިހާރު ހުރީ ފެން ހިނދޭގޮތަށް މަރާމާތުކޮށްފަ. ދެން މިއަދު ހަވީރު ވާރޭ ވެހި ފެން ބޮޑުވި ނަމަވެސް އެއްވެސް ގެއަކަށް ފެންވަދެގެން ރިޕޯޓެއް ނުކުރޭ،" ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މީގެ ކުރިން ލަފާކޮށްފައިވަނީ އިއްޔެއިން ފެށިގެން މޫސުން އަލިވާން ފަށާނެ ކަމަށެވެ. ނަމަވެސް އެ އިދާރާއިން މިހާރު ހާމަކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެއެވެ.

އުތުރުގެ ރަށްތަކަށް ކެރީގެ އަސަރު ކުރި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން އަލިވާނެ ކަމަށާއި، އެހެން ނަމަވެސް މެދުރާއްޖެތެރެއާއި ދެކުނުގެ ރަށްތަކަށް އަދިވެސް ވިއްސާރަކުރާނެ ކަމަށް މެޓުން ލަފާކުރެއެވެ.

މިރެއާއި މާދަމާގެ ހެނދުނާއި ހަމައަށް މޫސުން ލަފާކޮށް މެޓް އޮފީހުން ނެރެފައިވާ މޫސުމީ ބަޔާން...

މިރޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ދެކުނުގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެއެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެއެވެ.

ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.

ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ. ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓުން ބުނެއެވެ.

މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް