މެދު ރާއްޖެތެރެއާއި އުތުރަށް ރީނދޫ އެލާޓް، ކަނޑު ވަރަށް ގަދަ

ވިއްސާރަވެ ކަނޑުގަދަވުން: މެޓް އޮފީހުން ވަނީ މިއަދު މެދުރާއްޖެތެރެއާއި އުތުރަށް ވަރަށް ކަނޑުގަދަވާނެ ކަމަށް ލަފާކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މެދުރާއްޖެތެރެއާއި އުތުރަށް މިއަދު ވަރަށް ކަނޑުގަދަ ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށް މި ސަރަހައްދަށް ރީނދޫ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން މިއަދު ހއ. އަތޮޅުން އދ. އަތޮޅަށް ފުރަތަމަ ރީނދޫ އެލާޓް ނެރުނީ 6:00އިން 10:00އަށެވެ. އެއަށް ފަހު އެލާޓްގެ ވަގުތުތައް ވަނީ 10:00އިން 14:00އަށް އިތުރުކޮށްފައެވެ.

އެ ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ކަނޑުގަދަކޮށް އޮންނަ ގަޑިތަކުގައި ކަނޑުދަތުރު ކުރާއިރު ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.

އިއްޔެ މުޅި ރާއްޖެއަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ، ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެކި ވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. އެގޮތުން، ހެނދުނުން ފެށިގެން މާލެއަށް ވާރޭވެހި، ފެންބޮޑުވުމުން ބައެއް ގެތަކަށް ފެންވަދެ ދަތުރުފަތުރަށް ވެސް ބުރޫއެރިއެވެ.

މީގެ އިތުރުން، ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރި ހއ. އަތޮޅުގެ ރަށްތަކުން ބައެއް މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވެއެވެ.

https://sun.mv/195468

މެޓް އޮފީހުން މިއަދާއި މާދަމާ ވެސް ވިއްސާރަވާނެ ކަމަށް ލަފާކޮށްފައިވާއިރު ރޭ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވައިފައެވެ. އަދި، ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ކަންކަން މޮނީޓާކޮށް އަވަސް ހައްލެއް ހޯދުމަށް އެ މަނިކުފާނު އިސްކޮށް ހުންނަވައި ޓާސްކް ފޯހެއް ވަނީ އެކުލަވާލައްވައިފައެވެ.

comment ކޮމެންޓް