މަދަރުސާ ކުދީންގެ އުޅުމާއި އަޚުލާގަކީ ގައުމެއްގެ ކުރިމަގު އޮތްގޮތް ހާމަކޮށްދޭނެ ވަރަށް ރަނގަޅު ދަލީލެކެވެ. ސަބަބަކީ މިއަދުގެ ކުޑަކުދީންނަކީ މާދަމާ ބޮޑެތިމީހުންގެ ގޮތުގައި ނިކުމެ ގައުމު ހިންގާން ތިބޭނެ މީހުންނެވެ. 2024 ވަނަ އަހަރުގެ ތަފާސް ހިސާބު ދައްކާގޮތުން ރާއްޖޭގެ އާބާދީގެ 41 އިންސައްތަ މީހުން ދިރިއުޅެނީ ގްރޭޓަރ މާލެ ސަރަހައްދުގައެވެ. މުޅި ރާއްޖޭގައި މިވަގުތު ކިޔަވާ 96000 ދަރިވަރުންގެ ތެރެއިން ގާތްގަނޑަކަށް 26000 ދަރިވަރުންނާއެކު، އެއްތަނެއްގައި އެންމެ ގިނަ މަދަރުސާތައް ހުރީ ފުރަ މާލޭގައެވެ.
ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކު، މަދަރުސާކުދީންގެ އަޚުލާގާއި ސުލޫކަށްވެސް ބޮޑެތި ބަދަލުތަކެއް އަންނަމުން އެބަދެއެވެ. މިފަދަ ނޭދެވޭ ސުލޫކުތައް އެންމެ ގިނައިން ފެންނަމުންދަނީ މާލޭ ސަރަހައްދުގެ މަދަރުސާތަކުންނެވެ. މަދަރުސާއަށް ގެނައުން މަނާ ތަކެތި ނުވަތަ ގެންނަން އެކަށީގެންނުވާ ތަކެތި ގެންނަ ކުދީން ގިނައެވެ. އޭގެތެރޭގައި ވޭޕާއި މަސްތުވާ ތަކެތިވެސް ހިމެނެއެވެ. އެތަކެތި ގެނެސްގެން މަދަރުސާގައި އެ ބުއިމާއި އަދި ވިޔަފާރީގެ ގޮތުގައިވެސް ބޭނުންކުރާކަން އެނގިފައިވެއެވެ.
ކުލާހަށް ފޯނު ގެންގޮސްގެން ހުތުރު މަންޒަރުތައް ބަލައި އެތަކެތި އެހެންކުދީންނަށް ދެއްކުމާއި، އެއްވެސް ލަދުވެތިކަމެއްނެތި ކުލާސްތެރޭގައި ހުތުރު ވާހަކަތައް ދައްކައި އެފަދަ އިޝާރާތްތައް ބޭނުންކުރުން އާއްމެވެ. މުދައްރިސުން ކުލާހުގައި ތިއްބާ އެފަދަ ކަންކަން ކުރާ ދަރިވަރުންވެސް އުޅެއެވެ. ގޮނޑި މޭޒާއި ފާޚާނާގެ ފާރާއި ދޮރުފަދަ ތަންތަނުގައި ހުތުރު މަންޒަރުތައް ކުރަހައި އެފަދަ ލިޔުންތައް ލިޔުމާއި، ފާޚާނާފަދަ ތަންތަނަށް ދެ ޖިންސުގެ ދަރިވަރުން އެކުގައި ގޮސް ބަދުއަޚުލާގީ ޢަމަލުތައް ހިންގުމަކީވެސް ސިއްރިއްޔާތުގައި ކުރާ ކަންކަމެވެ.
މުދައްރިސުންނާއި މަދަރުސާގެ ވެރީންނަށް އިޙުތިރާމުކުރުމާއި އަދަބުވެރިވުން ވަރަށް ބޮޑަށް ދަށްވެއްޖެއެވެ. މުދައްރިސުންގެ ކުރިމަތީގައި މާރާމާރީ ހިންގައި ޒުވާބުކޮށް އަވަގުރާނަ ގޮވުމަކީ މިހާރު އެއްވެސް ކަމެއްނޫނެވެ. މިއާއެކު ސީދާ މުދައްރިސާ ދިމާލަށް ހުތުރު އެއްޗެތި ގޮވައި އަޑުގަދަ ކުރުމާއި، މާކަރުފަދަ އެއްޗެތިން ޖެހުމާއި ގައިގައި އަތްލަން މަސައްކަތް ކުރުންފަދަ ހާދިސާތައްވެސް ހިނގަމުންދެއެވެ.
ލުއިސެލީ އާއި އޭނާގެ ބައިވެރީން (2002) ގެ ދިރާސާއިން އެނގުނު ގޮތުގައި، ދަރިވަރުންގެ ނުބައި އަޚުލާޤުގެ ސަބަބުން، އުނގެނުމާއި އުނގަންނައިދިނުމުގެ މުޅި ހަރަކާތަށް އޭގެ ނޭދެވޭ އަސަރުތައް ކުރެއެވެ. މީގެތެރޭގައި؛ ވަކި ގޮތަކަށް ކިޔައިވައިދިނުމަށް ރާވާފައިވާ ގަޑިން ވަގުތުތަކެއް ބޭކާރުވެގެންގޮސް، ފިލާވަޅުން ހާސިލުކުރަން ބޭނުންވި މަގުސަދުތައް އެންމެ އެކަށީގެންވާ ގޮތުގައި ހާސިލުނުކުރެވުން ހިމެނެއެވެ. ހަމަ މިއާއެކު، ހަގީގީ މާނައިގައި އުނގެނެން ބޭނުންވާ ދަރިވަރުންގެ އުނގެނުމަށް ހުރަސްއެޅި އެކުދީންގެ ނަތީޖާއަށް އޭގެ ގެއްލުންތައް ފޯރައެވެ.
ދަރިވަރުންގެ ފަރާތުން ނުބައި ސުލޫކު ފެނުމަށް މެދުވެރިވާ ސަބަބުތަކުގެތެރޭގައި ހިމެނޭ މައިގަނޑު އެއްސަބަބަކީ އާއިލާގެ ތެރެއިން ކުރިމަތިވާ މައްސަލަތަކެވެ. މީގެތެރޭގައި މައިންބަފައިންގެ އަޅައިލުން ނުލިބުމާއި، މަންމައާއި ބައްޕަ ވަކިވުމުން ނުވަތަ އެދެމީހުންގެ ދެމެދުގައި ޖެހޭ މައްސަލަތަކުގެ ސަބަބުން ކުދީންނަށް ކުރިމަތިވާ ނޭދެވޭ އަސަރުތައް ހިމެނެއެވެ. ހަމަ މިއާއެކު އާއިލާގެ މެންބަރުންގެ މެދުގައި އުފެދޭ މައްސަލަތަކުގެ ސަބަބުންވެސް އެމީހުންނާއެކުގައި ދިރިއުޅޭ ކުދީންނަށް ނޭދެވޭ އަސަރުތައް ކުރެއެވެ.
އާއިލީ މައްސަލަތަކުގެ ސަބަބުން ހާސްކަމާއި އެންޒައިޓީގެ ހާލަތްތަކަށް ކުއްޖާ ހުށައެޅުމަށް މެދުވެރިވެއެވެ. މިއާއެކު، ކިޔެވުމަށް ދޭންޖެހޭ ސަމާލުކަން ކުޑަވެ ތަޢުލީމީ ނަތީޖާ ދަށްވާން ފަށައެވެ (ސްމިތު 2021). އުނގެނުމާއި އެހެނިހެން ކަންކަމަށް އޮންނަ ޝައުގުވެރިކަން ދަށަށްގޮސް ފޫހިކަމާއި ރުޅިވެރިކަން އިސްކުރެވޭ ދިރިއުޅުމަކަށް ދާން މެދުވެރިވެއެވެ. އެންމެ ފަހުން، ކުއްޖާގެ އިހުސާސްތަކާއި ރުޅިގަނޑު ބޭރުކޮށްލާ ތަނަކަށް ވަނީ މަދަރުސާގެ މާހައުލެވެ. އެހެން ކުދީންނަށާއި މުދައްރިސުންނަށް އުނދަގޫ ކުރުމާއި ތަންތަނާއި ތަކެއްޗަށް ގެއްލުންދީ ގޯސް ސުލޫކު ދައްކާ ގިނަ ކުދީންނަކީ ގޭތެރޭގެ މާހައުލުން މައްސަލަތައް ކުރިމަތިވެފައިވާ ކުދީންނެވެ (ޖޯންސަން 2020). ލިބިފައިވާ މައުލޫމާތުން އެނގޭގޮތުގައި، މާލޭ ސަރަހައްދުގެ މަދަރުސާތަކުގައި ގޯސް ސުލޫކު ދައްކާ ވަރަށް ގިނަ ކުދީންނަކީވެސް މި ދިރާސާތަކުގައި ބުނާފަދަ އާއިލީ މައްސަލަތައް ތަޙަންމަލުކުރަމުންދާ ކުދީންނެވެ.
އެންޑަސަން (2019) ފާހަގަކުރާގޮތުގައި، އާއިލީ މައްސަލަތަކުގެ ސަބަބުން ކުއްޖާއަށް ކުރިމަތިވާ ޖަޒުބާތީ އަދި ނަފުސާނީ އަސަރުތަކުގެތެރޭގައި، ޑިޕްރެޝަނާއި ހާސްކަން އިތުރުވުމާއި އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ކުޑަވުން ހިމެނެއެވެ. މީގެ ސަބަބުން، އިޖުތިމާއީ ގުޅުންތައް ގާއިމުކުރުމަށާއި އެކުވެރީންނާއި އަދި މުދައްރިސުންނާއެކު ދުޅަހެޔޮ ގުޅުމެއް އުފެއްދުމަށް ހުރަސް އެޅެއެވެ. ބްރައުން (2022) ގެ ހޯދުމުން އެނގުނުގޮތުގައި، އާއިލީ މައްސަލަތަކުން ކުދީންނަށް ކުރިމަތިވާ އަނެއް ނުރައްކަލަކީ، އިޖުތިމާއީ ހަރަކާތްތަކާއި އެކުވެރީން ދޫކޮށްލައި އެކަނިވެރިކަމުގެތެރެއަށް ކުއްޖާ ދިއުމެވެ. އަދި މިކަން ދިގުލައި ގޮސް ކުއްޖާ އަލުން އަނބުރާ ރަނގަޅު ހާލަތަކަށް ގެނައުން އުނދަގޫވާ ދަރަޖައަށް ގޯސްވުމުގެ ފުރުސަތު އޮވެއެވެ.
ރޮބަރޓް މިލަރ (2018) ގެ ދިރާސާއިން ހޯދުނު ގޮތުގައި، އާއިލީ މައްސަލަތަކުގެ ސަބަބުން ކުދީން ކުށްތަކަށް އަރައިގަތުމުގެ ނުރައްކާ ވަރަށް ބޮޑެވެ. އޭގެތެރޭގައި؛ މަގުބޫލު އުޒުރެއްނެތި މަދަރުސާއަށް ހާޒިރުނުވުމާއި، މަސްތުވާ ތަކެތި ބޭނުންކުރުމާއި، ވައްކަމާއި ބަދުއަޚުލާގީ ޢަމަލުތަކާއި އަދި މާރާމާރީ ހިންގުންފަދަ ކުށްތައް ކުރުން ހިމެނެއެވެ. މިފަދަ ކުށްތައް ކުރާ ކުދީންގެ އާއްމު މަގުސަދަކަށްވެފައި އޮންނަނީ މީހުންގެ ސަމާލުކަން ހޯދުމާއި، އެކުދީންނަށް ކުރިމަތިވެފައިވާ (އާއިލީ) މައްސަލަތަކަށް ތަސައްލީއެއް ހޯދުމެވެ. އަދި އާއިލާގެތެރެއިން ފެންނަ ގޯސް ނަމޫނާއަށް ޢަމަލުކުރުމުގެތެރެއިންވެސް ކުދީން ކުށްތަކަށް އަރައިގަންނަތަން އާދެއެވެ.
އިސްވެ ބުނިފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތައް ޢިލްމީ ދިރާސާތަކުގައި ފާހަގަކޮށްފައި ހުރެއެވެ. އޭގެތެރޭގައި؛ ސްކޫލު ސަޕޯޓް ސިސްޓަމް ގާއިމުކުރުމާއި (ސްޓައިލަސް 2010) ، ބެލެނިވެރީން ހޭލުންތެރިކުރުމުގެ ޕްރޮގުރާމުތައް ހިންގުން ހިމެނެއެވެ (ޖޭންސް 2012). މިއާއެކު "އާލީ އިންޓަވެންޝަން ޕްރޮގްރާމްސް" ނުވަތަ އަވަހަށް ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމު ކުރިއަށް ގެންދިއުމާއި (ދުރްލަކް އާއި އޭނާގެ ބައިވެރީން 2011) ، ނަފުސާނީ ސިއްހަތާބެހޭ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި ސްކޫލުތައް ގުޅިގެން މަސައްކަތް ކުރުން ހިމެނެއެވެ (މެކްލިއޯޑް އަދި ކައިސަރ 2004).
ކްރޭގް (2016) ހުށައަޅާ ހައްލުތަކުގެތެރޭގައި، "ޓްރޯމާ-އިންފޯމްޑް ޓީޗިން ސްޓްރެޓެޖީސް" ނުވަތަ (އާއިލީ) މައްސަލަތަކުގެ ނޭދެވޭ އަސަރާއި އެއާ ކުރިމަތިލާނެ ގޮތްތަކާ ބެހޭގޮތުން މުދައްރިސުން ތަމްރީނުކުރުން ހިމެނެއެވެ. ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގުރާމުގެރެއިން މިކަން ކުރެވިދާނެއެވެ. މީގެއިތުރުންވެސް، މަދަރުސާއަކީ ދަރިވަރަށް ރައްކާތެރި، އިޙުތިރާމާއި ލޯތްބާއި އަޅައިލުން ލިބިދޭ ތަނެއްކަމުގެ އިހުސާސް ކުރެވި، އެތަނަށް ހިތްޖެހޭފަދަ އީޖާބީ ވެއްޓެއް ގާއިމުކުރެވިއްޖެނަމަ ނޭދެވޭ ސުލޫކުތަކުގައި ދަރިވަރުން ބައިވެރިވުމުގެ ފުރުސަތު ކުޑަވެއެވެ (ވަންގް އަދި ޑެގޯލް 2016).
އާއިލީ މައްސަލަތަކުގެ ސަބަބުން ކުދީންގެ އަޚުލާގާއި އުނގެނުމަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި މަސައްކަތް ކުރުމަކީ ގޮންޖެހުންތައް ގިނަ ކަމަކަށްވާނެއެވެ. ނަމަވެސް މަދަރުސާއާއި، އާއިލާތަކާއި، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި، އެންޖީއޯތަކާއި، ޖުމުލަކޮށް މުޅި މުޖުތަމައުގެ އެއްބާރުލުމާއެކު ފިޔަވަޅުތައް އަޅައިގެން ނަތީޖާ ނެރެވިދާނެއެވެ. މިކަމަށްޓަކައި ކަމާގުޅޭ ދިރާސާތައް ކުރުމާއެކު އިސްތިރާޖީ ވައްޓަފާޅިއަށް، އިޚުލާސްތެރި މަސައްކަތްތަކެއް ކުރާންޖެހޭނެއެވެ.
ވީމާ، މާލޭ ސަރަހައްދުގެ މަދަރުސާތަކުން ފެންނަމުންދާ އިންތިހާ ދަރަޖައިގެ ނޭދެވޭ ސުލޫކުތައް ހުއްޓުވައި ގައުމުގެ ކުރިމަގު އުޖާލާކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅައި ހެޔޮ ނަތީޖާތަކެއް ނެރެވޭތޯ އެންމެންވެގެން މަސައްކަތް ކުރަމާހިނގާށެވެ! ސަރުކާރުން އެންމެ އިސްކަންދޭ ކަންކަމުގެ ލިސްޓުގައި މިކަން ހިމަނައި، ވާހަކަތައް މަދުކޮށް ޢަމަލީ މަސައްކަތްތަކެއް ކުރާތަން ދައްކަމާ ހިނގާށެވެ!