ރިސޯޓުތަކުގެ މުއްދަތު އިތުރު ކުރަން ފީ ދައްކާ އުސޫލަށް ބޮޑު ބަދަލެއް

ސްޓޭންޑަޑް ހުރަވަޅި ރިސޯޓް: ރިސޯޓު ކުއްޔަށް ނަގާ މުއްދަތު އިތުރުކުރާނަމަ ފައިސާ ދައްކަންޖެހޭ މުއްދަތު ކުރުކުރަން އިސްލާހެއް ހުށަހަޅައިފި --

ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ޓޫރިސްޓް ރިސޯޓު ހިންގަން ދޫކޮށްފައިވާ ރަށްތަކާއި ބިންތައް ކުއްޔަށް ދޫކުރާ މުއްދަތު އިތުރުކުރާނަމަ، ފައިސާ ދައްކަންޖެހޭ މުއްދަތު ދެ އަހަރުން ހަ މަހަށް ކުރުކުރަން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ދަނގެތި ދާއިރާގެ މެންބަރު އަބްދުﷲ ރަޝީދެވެ.

މި އިސްލާހުގައި ވަނީ ޓޫރިޒަމާ ބެހޭ ގާނޫނުގެ ނުވަ ވަނަ މާއްދާއަށް ބައެއް އިސްލާހުތައް ހުށަހަޅުއްވާފައެވެ.

އެގޮތުން ޓޫރިސްޓް ރިސޯޓު ހިންގަން ދޫކޮށްފައިވާ ރަށްތަކާއި ބިންތައް ކުއްޔަށް ދޫކުރާ މުއްދަތު 50 އަހަރަށްވުރެ އިތުރުނުވާނެ ގޮތަށް އިތުރުކުރަން ފައިސާ ދައްކަންޖެހޭ މުއްދަތު ކުރުކުރަން އިސްލާހު ހުށަހެޅިއެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނުގައި އޮންނަގަތުން ނަމަ މުއްދަތު އިތުރުކުރަން ފައިސާ ދައްކަންޖެހެނީ ދެ އަހަރު ދުވަހުގެ މުއްދަތެއްގައެވެ. ނަމަވެސް ހުށަހެޅި އިސްލާހުގައި ވަނީ ފައިސާ ދައްކަންޖެހޭ މުއްދަތު ހަމަހަށް ކުރުކުރުމެވެ.

އެގޮތުން ހަމަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ޚަލާސްކުރުމަށް އެއްބަސްވާނަމަ މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް އެއް ލައްކަ ޑޮލަރު ދައްކަން ޖެހެއެވެ. އަދި ހަމަސް ދުވަހުގެ މުއްދަތަށް ފަހު ފައިސާ ދައްކާ ޚަލާސްކުރުމަށް އެއްބަސްވާނަމަ، މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް ދެ ލައްކަ ޑޮލަރު ދައްކަންޖެހެއެވެ.

ހަމައެއާއެކު މި އިސްލާހަށް އަމަލުކުރަން ފެށުމަށްފަހު، ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަރު ދައްކައިފިނަމަ ކުލީގެ މުއްދަތު އިތުރުކޮށްދޭނެއެވެ. އަދި އޭގެ ފަހުންނަމަ 10 މިލިއަން ޑޮލަރު ދައްކަން ޖެހޭކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

ހަމައެއާއެކު ރަށް ނުވަތަ ބިން ކުއްޔަށް ހިފާފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ އެއްވެސް ކުއްޔެއް، ޖޫރިމަނާއެއް، ޓެކުހެއް ނުވަތަ ފީއެއް ވާނަމަ އެ ފައިސާ ދައްކާ ޚަލާސްކުރަންވާނެއެވެ. އޭގެ ތެރޭގައި އެއްބަސްވުމެއްގެ ދަށުން ޓޫރިޒަމް މިނިސްޓްރީން ފާސްކޮށްދީފައިވާ ކުއްޔާއި ޖޫރިމަނައެއް ނުހިމެނޭނެއެވެ.

comment ކޮމެންޓް