ޑޮކްޓަރަކު ރޭޕްކޮށް މަރާލި މައްސަލައިގައި އިންޑިއާ ޑޮކްޓަރުން މުޒާހަރާ ކުރަނީ

އިންޑިއާގެ ވެސްޓް ބެންގަލްގެ ކޮލްކަތާގެ ސަރުކާރު ހޮސްޕިޓަލެއްގައި ރެސިޑެންޓް ޑޮކްޓަރެއްގެ ރޭޕްކޮށް މަރާލި މައްސަލައިގައި ޑޮކްޓަރުން މުޒާހަރާ ކުރަނީ. ފޮޓޯ/އިންގްލިޝް އަރަބިއާ

އިންޑިއާގެ ޒުވާން ޑޮކްޓަރަކު ރޭޕްކޮށް މަރާލި މައްސަލައިގައި މުޒާހަރާ ކުރުމުގެ ގޮތުން، އެ ގައުމުގެ ބައެއް ސްޓޭޓްތަކުގެ ސަރުކާރު ހޮސްޕިޓަލްތަކުގައި ތިބި ޑޮކްޓަރުން ހޮސްޕިޓަލަށް ނުކުތުން ހުއްޓައިލައިފިއެވެ.

މިދިޔަ ހުކުރު ދުވަހު 31 އަހަރުގެ ޑޮކްޓަރު މަރައިލައިފައި އޮއްވައި ފެނުނީ އިންޑިއާގެ ވެސްޓް ބެންގާލްގެ ކޮލްކަތާގެ، އާރުޖޭ ކަރު މެޑިކަލް ކޮލެޖުގައެވެ.

އެ ހޮސްޕިޓަލްގެ ސެމިނާ ރޫމްގައި މަރައިލައިފައި އޮއްވައި ޑޮކްޓަރު ފެނުނުއިރު، ބޮޑެތި ޒަޚަމްތަކެއް ހަށިގަނޑުން ފެންނަން ހުއްޓެވެ. އޭނާއަށް ޖިންސީ ގޯނާކޮށްފައި ހުރިކަން ކަށަވަރުވީ އޮޓޮޕްސީ ހެދުމުން ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

އިންޑިއާގެ މީޑިއާއިން ބުނާ ގޮތުގައި އެ މައްސަލައިގެ ތުހުމަތުގައި، ހޮސްޕިޓަލުގެ ވޮލިއުންޓިއަރަކު ވަނީ ހައްޔަރުކޮށްފައެވެ. އޭނާއަކީ ހޮސްޕިޓަލުގައި ކިޔޫތައް ހަމަޖައްސައި، ތޮއްޖެހުން ކުޑަކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ މީހެއް ކަމަށް ނޫސްތަކުގައިވެއެވެ.

އެ މައްސަލައިގައި މުޒާހަރާ ކުރާ ޑޮކްޓަރުން އަންނަނީ އަންހެނުންނަށް މަސައްކަތުގެ މާހައުލު ރައްކާތެރި ކުރުމަށް ގޮވާލަމުންނެވެ.

"ހޮސްޕިޓަލްތަކުގައި ސަލާމަތީ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހޭ، ސީސީޓީވީ ކެމެރާ ވެސް ބަހައްޓަން ޖެހޭ." ފެޑެރޭޝަން އޮފް ރެޒިޑެންޓް ޑޮކްޓާސް އެސޯސިއޭޝަން ފަރާތުން ސަރްވޭޝް ޕާންޑޭ ވިދާޅުވިއެވެ.

ޑޮކްޓަރުން މަސައްކަތުގެ މާހައުލުގައި އުޅޭއިރު، ބައެއް އާއިލާތަކުން ޑޮކްޓަރަށް ބިރު ދެއްކުމުގެ މައްސަލަ ވެސް ކުރިމަތިވާ ކަމަށް ޑޮކްޓަރުން ބުނެއެވެ. އެގޮތުން އިންޑިއަން މެޑިކަލް އެސޯސިއޭޝަނުން ކުރި ސާވޭއަކުން ދައްކާ ގޮތުގައި އިންޑިއާގެ 75 ޕަސެންޓް ޑޮކްޓަރުންނަކީ މިފަދަ ކޮންމެވެސް ކަމަކާ ކުރިމަތިލާން ޖެހިފައިވާ މީހުންނެވެ.

މީގެ އިތުރުން އިންޑިއާގެ 1.4 ބިލިއަން މީހުންގެ އާބާދީގައި ޖިންސީ ގޯނާކުރުމުގެ މައްސަލައަކީ އާންމުވެފައިވާ، ނުރައްކާތެރި މައްސަލައެކެވެ.

comment ކޮމެންޓް