އެމެރިކާއިން އިންޑިއާއަށް ފޯރުކޮށްދޭ އަސްކަރީ އެހީ އިތުރުކުރަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ(ވ) ވޮޝިންޓަން ޑީ.ސީގެ ވައިޓް ހައުސްގައި ޖޮއިންޓް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން. ފޮޓޯ/ރޮއިޓާސް

އެމެރިކާއިން އިންޑިއާއަށް ފޯރުކޮށްދޭ އަސްކަރީ އެހީ މިއަހަރު އިތުރު ކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް އެގޮތަށް ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރެއްވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޓްރަމްޕްވަނީ އެފް-35 ފައިޓާ ޖެޓް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ.

އަސްކަރީ އެހީ އިތުރުކުރުމަށް ނިންމުމުގެ އިތުރުން ދެ ގައުމުގެ ވިޔަފާރީގެ ޑެފިސިޓް ކުޑަ ކުރުމަށް އިންޑިއާއިން އެމެރިކާގެ ތެލާއި ގޭސް އެތެރެ ކުރުން އިތުރު ކުރުމުގެ އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ.

އަދި އެމެރިކާއާއި އިންޑިއާ ގުޅިގެން އިސްލާމީ ޓެރަރިޒަމްގެ ނުރައްކަލާވެސް ކުރިމަތިލާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާއިން 20 ބިލިއަނަށްވުރެ ގިނަ އަދަދަކަށް އަސްކަރީ އުފެއްދުންތައް ގަތުމަށް 2008 ވަނަ އަހަރުން ފެށިގެން އިންޑިއާއިން ވަނީ އެއްބަސްވެފައެވެ. ހަ އަހަރަށް ވުރެ ގިނަ ދުވަހު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު، މިދިޔަ އަހަރު އިންޑިއާ އިން ވަނީ 31 އެމްކިޔު-9ބީ ސީގާޑިއަން އަދި ސްކައިގާޑިއަން ޑްރޯން ގަތުމަށް ވެސް އެއްބަސްވެފައެވެ.

އެމެރިކާގެ ކޮންގްރެސް ރިސާޗް ސާވިސްއިން ބުނާ ގޮތުގައި އިންޑިއާގެ އަސްކަރިއްޔާ ޒަމާނީ ކުރުމަށް ކުރިއަށް އޮތް ދިހަ އަހަރު ދުވަހުގެ ތެރޭގައި 200 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ޚަރަދުވާނެ ކަމަށް ބެލެވެއެވެ.

ދުނިޔޭގައި ހަތިޔާރު އެތެރެކުރާ އެންމެ ބޮޑު ގައުމު ކަމަށްވާ އިންޑިއާއަށް ހަތިޔާރު ފޯރުކޮށްދޭ މައިގަނޑު ގައުމަކީ ރަޝިޔާއާއެވެ. ނަމަވެސް ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ފާއިތުވި އަހަރުތަކުގައި ރަޝިއާއަށް ހަތިޔާރު އެކްސްޕޯޓް ކުރުން ދަތިވުމުގެ ސަބަބުން އިންޑިއާއިން ވަނީ ހުޅަނގަށް ބަރޯސާވާން ފަށާފައެވެ.

comment ކޮމެންޓް