ރާއްޖޭން އިންޑިއާއަށް ކަނޑައެޅުއްވި އާ ސަފީރު، އެ ގައުމުގެ ރައީސަށް ފަތްކޮޅު އަރުއްވައިފި

ރާއްޖޭން އިންޑިއާއަށް ކަނޑައެޅި ސަފީރުގެ ފަތްކޮޅު އިންޑިއާގެ ރައީސް ދުރުޕަތީ މުރުމޫއަށް އެރުއްވުން --- ފޮޓޯ/ ފޮރިން މިނިސްޓްރީ

ރާއްޖޭން އިންޑިއާއަށް ކަނޑައެޅުއްވި އައު ސަފީރު، އައިޝަތު އަޒީމާ އެކަމަނާގެ ސަފީރު ކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސް ދުރުޕަތީ މުރުމުއަށް މިއަދު އަރުއްވައިފިއެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު މެންދުރު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ ރިޔާސީ ގަނޑުވަރު "ރާސްތްރަޕަތީ ބަވަން"ގައެވެ.

އެގޮތުން، ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، އިންޑިއާގެ ރައީސް ވަނީ ސަފީރު އަޒީމާއަށް ހޫނު މަރުހަބާއެއް ދަންނަވައި ތަހުނިޔާ ވިދާޅުވެފައެވެ. މިބައްދަލުވުމުގައި އަޒީމާ، ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ރައްޔިތުންގެ ފަރާތުން ހެޔޮ އެދުންތަކާއި ތަހުނިޔާ، އިންޑިއާގެ ރައީސްއަށާއި ރައްޔިތުންނަށް ރައްދުކޮށްދެއްވާފައެވެ.

ރާއްޖޭން އިންޑިއާއަށް ކަނޑައެޅި ސަފީރު އިންޑިއާގެ ރައީސް ދުރުޕަތީ މުރުމޫއާ ބައްދަލުކުރެއްވުން --- ފޮޓޯ/ ފޮރިން މިނިސްޓްރީ

ދިވެހިރާއްޖޭގެ ކުރިއެރުމަށް އިންޑިއާ އިން ދެއްވަމުން ގެންދާ އެހީތެރިކަމަށް ދިވެހި ސަރުކާރުގެ ފަރާތުން ސަފީރު ޝުކުރު އަދާކުރެއްވިއެވެ.

އޭގެއިތުރުން، ރާއްޖެއާއި އިންޑިއާއާ ދެމެދުއޮތް ޒަމާންވީ ގާތް ގުޅުމަށް އަލިއަޅުއްވާލައި މިގުޅުން އިތުރަށް ބަދަހިކޮށް ދެމެހެއްޓުމަށް ދިވެހި ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން އެކަމަނާ ފާހަަގަކުރެއްވިއެެވެ.

މި އަހަރަކީ ރާއްޖެއާއި އިންޑިއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރިތާ 60 އަހަރު ފުރޭ އަހަރެވެ. އަދި، އިންޑިއާ ހިމެނެނީ ރާއްޖޭގެ މިނިވަންކަން އެންމެ ފުރަތަމަ ބަލައިގަތް ޤައުމުތަކުގެ ތެރޭގައެވެ.

comment ކޮމެންޓް